މިއީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެވެ. ފޯމެޓަށްވެސް އޭގެ ސަބަބުން ބަދަލު އަތުވެއްޖެއެވެ. ތާރީހީ ބޮޑު ބަދަލަކާވެސް އެކުގައެވެ. 48 ޓީމު 12 ގްރޫޕަކަށް ކުޅޭ އިރު، ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އާއި ދެވަނައަށް ގަދަ 32 ޓީމުގެ ބުރުން ޖާގަ ޔަގީންވާނެއެވެ. އޭގެ އިތުރުން 12 ގްރޫޕްގެ ތެރެއިން 8 ގްރޫޕެއްގެ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތައްވެސް އެ ބުރަށް ދާނެއެވެ.
މިއީ ވޯލްޑް ކަޕެއްގައި ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރެއް ކުޅޭ ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު ގްރޫޕް ސްޓޭޖުގެ ފަހު މެޗާ ހަމައަށްވެސް ފޯރި ފެނިގެން ގޮސްފައިވާ އިރު، ތިންވަނައިގައި އޮތް ޓީމުތަކަށް އެންމެ ފަހު މެޗާ ހަމަޔަށްވެސް އިންތިޒާރު ކުރަން ޖެހުނެވެ. ތިންވަނައިގައި ރޭންކިން ބެލުމަކީ އެންމެ ފޯރިގަދަކޮށް ދިޔަ އެއް ކަންތައްވެސް މެއެވެ.
މީގެ ކުރިން ވޯލްޑް ކަޕްގެ ފޯމެޓަށް ތަފާތު ބަދަލުތައް ގެނައެވެ. ދެވަނަ ގްރޫޕް ސްޓޭޖެއް ކުޅުމާއި މެދުތެރެއިން ގްރޫޕް ސްޓޭޖެއް ކުޅެން ޖެހުމުގެ އުސޫލު ވެސް ބައެއް ފަހަރު ފެނުނެވެ. މީގެ ކުރީން ގަދަ ތިންވަނަ ޓީމުތަކަށް ނޮކްއައުޓަށް ދެވޭ ގޮތަށް ފެނުނީ މެކްސިކޯ 1986، އިޓަލީ 1990 އަދި އެމެރިކާ 1994 ވަނަ އަހަރު ވޯލްޑް ކަޕްތަކުގައެވެ. މިފަހަރު މިއީ އެ ބަދަލުގެ އެނބުރި އައުމެކެވެ.
ދެން އޮތް ސުވާލަކީ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ހިމެނިގެން ގަދަ 32 އަށް ދިޔައީ ކޮން ޓީމުތަކެއްތޯ ކުރެވޭ ސުވާލެވެ. ތިރީގައި މިވަނީ އެ ލިސްޓެވެ.
- ސްވިޑެން
- އެކުއެޑޯ
- ގާނާ
- ބޮސްނިއާ
- ޕަރަގުއާއީ
- ސެނެގާލް
- ކޮންގޯ
- އަލްޖީރިއާ
އޭގެ ތެރެއިން އަލްޖީރިއާ ފަހު ޖާގަ ޔަގީންކުރީ ދެންމެ ނިމުނު މެޗު 3-3 އިން އޮސްޓްރިއާއާ އެއްވަރުވުމާއެކުގައެވެ. އެމެޗުގެ އިތުރު ވަގުތު ތެރޭގައި އަލްޖީރިއާއަށް ލީޑު ލިބުނު ނަމަވެސް އަނެއްކާވެސް އޮސްޓްރިއާއިން ފަހު ވަގުތު ޖެހިއެވެ. އެއާއެކު އެ ހިތްދަތިކަން ލިބުނީ އިރާނަށެވެ.
މިފަހަރު ވޯލްޑް ކަޕްގެ ތެރެއިން އެމެރިކާއިން ފިއްތި ފިއްތުންތަކާއެކު އިރާނަށް އެތައް އުނދަގޫތަކެއް ޖެހުނު އިރު، އެޓީމުން މެޗުތަކަށް ދަތުރުކުރަން ޖެހުނީވެސް އެހެން ގައުމުތަކާ ތަފާތު ކޮށެވެ. މެޗު ނިންމާ ގޮތަށް ރިކަވަރީއަށްވެސް ނުވިސްނައި އަނބުރާ މެކްސިކޯއަށްވެސް ދާން ޖެހުނެވެ.
އިރާނުން ގްރޫޕް ސްޓޭޖު ތިން މެޗު އެއްވަރުވެގެން ނިންމާލި އިރު، މިސްރާ ކުޅުނު ފަހު މެޗުގެ ފަހު ވަގުތު ގޯލް ބޯޅަ ވައްދާލައި މޮޅުވާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރިއެވެ. އެޓީމަށް ހުރަހަކަށްވީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމެވެ. އޭގެފަހުންވެސް އިރާން ކިރިޔާ މޮޅުނުވެ ދިޔަ އިރު، އެޓީމުން ތާރީހު ލިޔެލަން ކުރި މަސައްކަތް ނިމުނީ ހިތްދަތި ކޮށެވެ.
މީގެ ކުރީން ވޯލްޑް ކަޕްގައި އިރާނުން ވަނީ ހަ ފަހަރު ވާދަކޮށްފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. މިފަހަރު ނުކުތީ ވިސާގެ މައްސަލައާއި އެހެން ބައިވަރު ތަކުލީފުތަކުގެ ތެރެއިން އެކަން ނިންމަން ނަމަވެސް، އެކަން އަދި ހާސިލް ނުވެ ނިމުނީއެވެ.
އުނދަގޫތަކަކާއެކު އެމެރިކާގައި މެޗުތައް ކުޅެނު އީރާން ޓީމަށް އެތައް ބައެއްގެ ސަޕޯޓު ވަނީ ލިބިގެން ގޮސްފައެވެ. ހިތްވަރާއެކު އިރާން ކުރި މަސައްކަތަށް ދިވެހީންގެ ހިތުގައިވެސް ހާއްސަކަމެއް ދެވިފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް