ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީގެ އިތުރު ރެކޯޑަކާއެކު އާޖެންޓީނާއިން ތިން މެޗުން މޮޅުވެ، ގްރޫޕު ސްޓޭޖު ނިންމާލައިފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް ޓީމަކީ އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމެވެ. ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ދުނިޔޭގެ ތިންވަނައިގައި އޮތް މި ޓީމަކީ، ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި، ފުޓުބޯޅައިގެ ތާރީހުގައި ރަން އަކުރުން ނަން ލިޔެފައިވާ ޓީމެކެވެ.
އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1978، 1986 އަދި އެންމެ ފަހުން 2022 ގައެވެ. އޭގެ އިތުރުން އާޖެންޓީނާ ވަނީ ލިއޮނެލް މެސީއާއެކު 2014 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަން އަތުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް 2018 ގެ ގަދަ 16 އާ ހިސާބުން ކެޓި ނަމަވެސް، އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ތަފާތު ދެއްކިއެވެ. ވާދަވެރި ފައިނަލެއްގެ ގޮތުގައި ފާހަގަކުރެވުނު އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުނު ފްރާންސް އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ތަށިވެސް އެންމެ ގިނައިން ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ މުބާރާތާއެކު ޖުމްލަ 16 ފަހަރު އެ ޓީމުން ވަނީ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމު ކަށަވަރުކޮށްފައެވެ. ލިއޮނެލް މެސީގެ ލީޑާޝިޕާއެކު ތަރިންތަކެއް ހިމެނޭ އާޖެންޓީނާ މިފަހަރު ނުކުތީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައެވެ.
ޖޯޑަން ގައުމީ ފުޓުބޯޅަ ޓީމަކީ މިހާރު އޭޝިއާ ބައްރުގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބާރެވެ. އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށް، މުޅި ދުނިޔެ ސިއްސުވާލައިފައެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ދެކުނު ކޮރެއާ 2-0 އިން ބަލިކުރުމަށްފަހު، ފައިނަލުގައި ގަތަރު އަތުން 3-1 އިން ބަލިވި ނަމަވެސް، މިއީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
މީގެ ކުރިން ދުވަހަކުވެސް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވާ ޖޯޑަންއަށް މިފަހަރުގެ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވުމަކީ ވެސް އެ ގައުމަށް ތާރީހީ ކާމިޔާބީއެކެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެ ޓީމުން ވަނީ 1997 އަދި 1999 ވަނަ އަހަރުގެ އަރަބް ގޭމްސްގެ ރަން މެޑަލް ހޯދުމުގެ އިތުރުން، 2025 ވަނަ އަހަރުގެ ފީފާ އަރަބް ކަޕްގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ފައިނަލުގައި ޖޯޑަން ބަލިވީ އެފްރިކާގެ ޗެމްޕިއަން މޮރޮކޯ އަތުންނެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޖޭ" އަށް ބަލައިލާ އިރު، އާޖެންޓީނާއަކީ ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައިވާ ޓީމެކެވެ. ގްރޫޕުގެ ފުލުގައި އެއްވެސް އުންމީދެއް ނެތް ޖޯޑަންއާއެކު ނުކުންނަ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އާޖެންޓީނާ ނިންމާލާނީ އެއްވަނައިގައެވެ. އާޖެންޓީނާ އިން މި ވޯލްޑް ކަޕްގައި ޖެހި ފަސް ގޯލު ވެސް ޖަހައިދީފައިވަނީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީގެ ގޯލުތަކާއެކު 18 ވޯލްޑް ކަޕް ގޯލު ހަމަކޮށް، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ.
މި ގްރޫޕުގައި ދެން ހިމެނޭ އޮސްޓްރިއާ އާއި އަލްޖީރިއާގެ މެޗަކީ ގްރޫޕުގެ ދެވަނަ ކަނޑައެޅިގެންދާ މެޗެކެވެ. އެއްވަރުކޮށްލައިގެން ވެސް އޮސްޓްރިއާއަށް ގްރޫޕުގެ ދެވަނަ ކަށަވަރުވާ އިރު، މެޗު އެއްވަރުވެއްޖެ ނަމަ ހަތަރު ޕޮއިންޓު ލިބުމުން އަލްޖީރިއާއަށް ވެސް ދެވަނަ ބުރުން ފުރުސަތު އޮންނާނެއެވެ. އޭރުން މިހާރު ވެސް އޮތް ގޮތަށް ގޯލުގެ ތަފާތުން ކުރީގައި އޮންނާނީ އަލްޖީރިއާއެވެ. މި ގްރޫޕުގެ މެޗުތަކަކީ ގްރޫޕު ސްޓޭޖުގެ އެންމެ ފަހު މެޗުތަކަށްވުމުން، އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ތިންވަނަ ޓީމުތަކުގެ ގޮތުގައި ދާނެ ގިނަ ޓީމުތައް އޮންނާނީ ކަށަވަރުވެފައެވެ. އެހެންކަމުން ތިން ޕޮއިންޓާއެކު އެއިން ޓީމަކަށް ތިންވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ލިބޭނަމަވެސް އެނގިގެންދާނެއެވެ.
އާޖެންޓީނާ އިން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. ކެޕްޓަން ލިއޮނެލް މެސީ، ރޮޑްރިގޯ ޑި ޕޯލް، އެލެކްސިސް މެކެލިސްޓާ، ކްރިސްޓިއަން ރޮމޭރޯ، ތިއާގޯ އަލްމާޑާ، އެންޒޯ ފެނާންޑޭޒް، ފަކުންޑޯ މެޑީނާ އަދި ނަހުއެލް މޮލީނާ މެޗު ފެށީ ބެންޗުންނެވެ. ބަދަލުގައި ފުރަތަމަ 11 އިން ފެނިގެންދިޔައީ ޖޫލިއަން އަލްވަރޭޒް، ނިކޯ ޕާޒް، ލިއާންޑްރޯ ޕަރެޑޭސް، އެކެޒުއިލް ޕަލޭސިއޮސް، ނިކޮލަސް ޓަގްލިއަފީކޯ، ނިކޮލަސް އޮޓަމެންޑީ އަދި ގުއިލިއާނޯ ސިމިއޯނީއެވެ. ކުރީގެ މެޗުތަކުން ފެނުނު ކުޅުންތެރިންގެ ތެރެއިން ފުރަތަމަ 11 ގައި ހިމަނާފައިވަނީ ހަމައެކަނި ކީޕަރު އެމިލިއާނޯ މާޓިނޭޒާއި ލައުޓާރޯ މާޓިނޭޒެވެ.
ޖޯޑަނުން މި މެޗަށް ނުކުތީ ދެ ބަދަލަކާއެކުއެވެ. އެޓޭކުގައި މީގެ ކުރިން ފެނުނު މޫސާ އަލް ތާމަރީ އާއި މަހްމޫދު އަލް މާދީ، މިއަދުގެ މެޗު ފެށީ ބެންޗުންނެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދީފައިވަނީ އޮދޭ އަލް ފަހޫރީ އަދި އަލީ އަޒައިޒޭ އަށެވެ. މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ވެސް އަލީ އޮލްވާން، ނިޒާރް އަލް ރަޝްދާން އަދި އިހުސާން ހަދާދް ފަދަ ޓީމުގެ މުހިންމު ކުޅުންތެރިން ޖޯޑަނުން ވަނީ ހިމަނައިފައެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ޖޭ" ގެ މެޗުގައި އާޖެންޓީނާ އިން ޖޯޑަންގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، އާޖެންޓީނާއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މިއަދުގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ނިކޮލަސް އޮޓަމެންޑީ ބޮލުން ފޮނުވާލި ހަމަލާ، ޖޯޑަންގެ ގޯލާ އަމާޒުވެފަައެއް ނުވެއެވެ.
މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ހިލޭ ޖެހުމަކުން ޖޯޑަން ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. މިއީ މި ވޯލްޑް ކަޕްގައި އާޖެންޓީނާ އިން މެސީ ނޫން އެހެން ކުޅުންތެރިޔަކު ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މެޗުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާއަށް ކައިރިކައިރީގައި ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ، ޖޯޑަން ގޯލުގެ ހުރަސް ދަނޑީގައި ޖެހުނު އިރު، ރީބައުންސް ބޯޅައިން މާކޮސް ސެނެސީ ބޮލުން ފޮނުވާލި ހަމަލާ، ޖޯޑަންގެ ކީޕަރު ޔަޒީދް އަބޫލައިލާ ވަނީ މަތަކޮށްފައެވެ.
ސެނެސީ ބޮލުން ބޯޅަ ފޮނުވާލި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑަންގެ ނިޒާރް އަލް ރަޝްދާން ފައުލްކޮށްފައިވާތީ ބެލުމަށް ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ އާޖެންޓީނާއަށް ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީ ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްދިނީ ލައުޓާރޯ މާޓިނޭޒެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އާޖެންޓީނާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އޮޓަމެންޑީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖޯޑަން ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ޖޯޑަންގެ ކީޕަރު ޔަޒީދް އަބޫލައިލާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ލޮ ސެލްސޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒް ނުރައްކާކުރުމުގެ ކުރިން ޖޯޑަންގެ ޑިފެންސުން ދިފާއުކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން މުސާ އަލް ތާމަރީ ފޮނުވާލި ހަމަލާ، އާޖެންޓީނާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޖޯޑަން ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ޖޯޑަނުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ރީތި ކުޅުމަކާއެކު އިހުސާން ހަދާދް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯޑަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފަށް ކުޅެން ނުކުތް މޫސާ އަލް ތާމަރީއެވެ. މިއީ މި ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ކުޅެން ނުކުމެފައެވެ. އޭނާ ކުޅެން ނުކުމެފައިވަނީ ލައުޓާރޯ މާޓިނޭޒެވެ. މެސީއާއެކު ވަނީ ތިއާގޯ އަލްމާޑާ އާއި އެލެކްސިސް މެކެލިސްޓާ ވެސް ކުޅެން އަރުވައިފައެވެ.
މެސީގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުންނެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ޖޯޑަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 80 ވަނަ މިނެޓުގައި އާޖެންޓީނާ ކެޕްޓަން މެސީ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެސީ އެ ގޯލު ކާމިޔާބުކުރީ އާޖެންޓީނާއަށް ލިބުނު ހިލޭ ޖެހުމެއް ފަސޭހަކަމާއެކު ޖޯޑަންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެސީގެ އެ ގޯލާއެކު ވަނީ އިތުރު ރެކޯޑެއް ވެސް ފުރިހަމަވެފައެވެ. އެއީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ހަތް މެޗެއްގައި ގޯލު ޖަހައިގެންނެވެ. މިއީ މި ވޯލްޑް ކަޕްގައި ވެސް މެސީ ޖެހި ހަވަނަ ގޯލެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ އިން ގްރޫޕުގެ އެއްވަނައިގައި ނިންމާލީ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ހަތަރު ޕޮއިންޓާއެކު ދެޓީމަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފައެވެ. ދެވަނައިގައި އޮސްޓްރިއާ ނިންމާލީ ގޯލުގެ ތަފާތުން ކުރީގައި އޮވެގެންނެވެ. އަލްޖީރިއާއަށް ޖާގަ ކަށަވަރުވީ، ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޖޯޑަނުން މުބާރާތް ނިންމާލީ ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް