ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ހިފެހެއްޓުމަށްފަހު، ކޮލަމްބިއާއިން "ގްރޫޕު ކޭ"ގެ އެއްވަނަ ހޯދައިފިއެވެ.

ޕޯޗުގަލުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ހާއްސަކޮށް ފަހުގެ ތާރީހެއްގައި މި ޓީމުން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ. މަޝްހޫރު ކުޅުންތެރިޔާ އުސޭބިއޯގެ މޮޅު ކުޅުމާއެކު ހޯދި މި ކާމިޔާބީގެ އިތުރުން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ވެސް އެ ޓީމުން ވަނީ ހޯދައިފައެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޕޯޗުގަލްގެ އެންމެ ފަހުރުވެރި ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫއެފްއޭ ޔޫރޯ މުބާރާތް ކާމިޔާބުކުރުމެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އަލަށް ފެށި ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަންކަން ވެސް ހޯދީ ޕޯޗުގަލުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އުފައްދާފައިވާ ޕޯޗުގަލް ޓީމަކީ މިއަދު ފުޓުބޯޅައިގެ ވަރުގަދަ ބާރެކެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު، ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް ޕޯޗުގަލްއަކީ އިދިކޮޅު ޓީމުތަކަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. އަދި މި ވޯލްޑް ކަޕްގައި ޕޯޗުގަލްއަކީ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކޮލަމްބިއާ ގައުމީ ފުޓުބޯޅަ ޓީމަކީ މުޅި ދުނިޔޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ޓީމެކެވެ. ކޮލަމްބިއާ އަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ފެންނަ ޓީމެވެ. ވޯލްޑް ކަޕްގައި ކޮލަމްބިއާއިން ވަނީ މިހާތަނަށް ހަ ފަހަރު ވާދަކޮށްފައެވެ. ވޯލްޑް ކަޕްގައި އެ ގައުމަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.

މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައިވެސް އެ ޓީމުން ވަނީ ވިދާލައިފައެވެ. އެގޮތުން، 2001 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅެ، ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވައްދައި މުބާރާތުގެ ޗެމްޕިއަންކަން ކޮލަމްބިއާއިން ހޯދިއެވެ. އަދި 1975 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ރަނަރަޕްކަންވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

"ގްރޫޕު ކޭ" ގައި ދެ މެޗުން މޮޅުވެފައިވާ ކޮލަމްބިއާ އަކީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޓީމެކެވެ. ޕޯޗުގަލަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވުމުން ޕޯޗުގަލަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. ޕޯޗުގަލުން ގްރޫޕުގެ އެއްވަނަ ހޯދުމަށް ކޮލަމްބިއާ ބަލިކުރަން ޖެހޭ އިރު، ކޮލަމްބިއާ އިން މެޗު އެއްވަރުކޮށްލައިގެން ވެސް އެއްވަނަ ހޯދޭނެއެވެ. ދެން ގްރޫޕުގައި ހިމެނޭ ޑީއާރް ކޮންގޯއިން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދާފައިވުމުން، އެޓީމަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ނަމަވެސް ފަހު މެޗުގައި ކޮންގޯ އިން އުޒްބެކިސްތާން ބަލިކުރަން ޖެހޭނެއެވެ. އުޒްބެކިސްތާނަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ.

ޕޯޗުގަލުން މެޗަށް ނުކުތް އިރު، ފުރަތަމަ 11 އިން ފެނުނީ އެންމެ ބަދަލެކެވެ. އެއީ ޖޮއާ ނެވޭސްގެ ބަދަލުގައި ރުބެން ނެވޭސްއަށް ފުރުސަތު ދިނުމެވެ. ޕޯޗުގަލްގެ އެޓޭކުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނު އިރު، މެދުތެރޭގައި ބްރޫނޯ ފެނާންޑޭޒާއި ޕެޑްރޯ ނެޓޯ އާއި ޖޮއާ ފެލިކްސް އަދި ވިޓީނިއާ ހިމެނުނެވެ. ޑިފެންސުން މިރޭ ވެސް ފެނިގެންދިޔައީ ޖޮއާ ކެންސެލޯ، ރުބެން ޑިއާޒް، ރެނާޓޯ ވޭގާ އަދި ނޫނޯ މެންޑޭޒެވެ. މިރޭ ވެސް ޕޯޗުގަލްގެ ގޯލު ބެލެހެއްޓީ ޑިއޯގޯ ކޮސްޓާއެވެ.

ކޮލަމްބިއާ އިން މެޗަށް ނުކުތީ ތިން ބަދަލަކާއެކު އެވެ. އެގޮތުން ކޮލަމްބިއާގެ މުހިންމު ފުލްބެކް ޑެނިއެލް މިނިއޯޒާއި ޔޮހާން މޮއިކާގެ އިތުރުން ފޯވަޑް ލުއިސް ސުއަރޭޒް މިރޭ ފެށީ ބެންޗުންނެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުލްބެކުންގެ ގޮތުގައި ސެންޓިއާގޯ އަރިއާސް އާއި ޑެއިވާ މަޗާޑޯ ފެނިގެންދިޔަ އިރު، އެޓޭކުން ފެނިގެންދިޔައީ ޖޯން ކޯޑޮބާ އެވެ. މިއަދު ވެސް ކެޕްޓަން ހަމޭސް ރޮޑްރިގޭޒް، ލުއިސް ޑިއާޒް، ޖޯން އަރިއާސް، ޖެފަސަން ލޭމާ އަދި ގުސްޓާވޯ ޕުއޭޓާ ވަނީ ފުރަތަމަ 11 ގައި ހިމެނިފައެވެ. އޭގެ އިތުރުން ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރާ ޑޭވިންސަން ސަންޗޭޒް އަދި ޖޯން ލުޗޫމީ ވެސް ފުރަތަމަ 11 އިން ފެނިގެންދިޔައެވެ. އަދި މި މެޗުގައި ކޮލަމްބިއާގެ ގޯލު ބެލެހެއްޓީ ކެމިލޯ ވާގަސްއެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ޕޯޗުގަލާއި ކޮލަމްބިއާ މިއަދު ކުޅުނު "ގްރޫޕު ކޭ" ގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗު ފެށިތާ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ކޮލަމްބިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައިން ޖޯން ކޯޑޮބާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ކައިރިކައިރީގައި ކޮލަމްބިއާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކޯޑޮބާ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ހުޝިޔާރުކަމާއެކު މަތަކުރި އިރު، ރީބައުންސް ބޯޅައިން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަމަލާއެއް ފެނިގެންދިޔައެވެ. ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ކޮލަމްބިއާ ކީޕަރު ކެމިލޯ ވާގަސްއާ ދިމާއަށެވެ. ވާގަސް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދައިފައެވެ. އޭގެ ކުރިން ކޮލަމްބިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އިރު، ޖޯން އަރިއާސް ފޮނުވާލި ހަމަލާ، ޕޯޗުގަލް ގޯލު ލައިންމަތިން ރުބެން ނެވޭސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ޕޯޗުގަލަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ، ކޮލަމްބިއާ ކީޕަރު ވާގަސް ހުޝިޔާރުކަމާއެކު މަތަކުރި އިރު، ރީބައުންސް ބޯޅައިން ރޮނާލްޑޯ ފޮނުވާލި އޯވަހެޑް ކޮލަމްބިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ރުބެން ނެވޭސް ފޮނުވާލި ބާރު ހަމަލާ، ކޮލަމްބިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އޭގެ ދެ މިނެޓު ފަހުން ވެސް ޕޯޗުގަލްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖޮއާ ފެލިކްސް ފޮނުވާލި ހަމަލާ ދިޔައީ ކޮލަމްބިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ކޮލަމްބިއާގެ ދެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕުއާޓާ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ކޮސްޓާއާ ދިމާއަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ކޮލަމްބިއާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ކޮސްޓާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުުގައި ކަންސެލޯގެ ބަދަލުގައި ކުޅެން ނުކުތް ޑިއޭގޯ ޑަލޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފެލިކްސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކޮލަމްބިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ކޮލަމްބިއާގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލާމާ އަދި ޖޯން އާރިއަސް ފޮނުވާލި ހަމަލާ ވެސް ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ވަނީ މަތަކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން ކޮލަމްބިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޖޯން އަރިއާސް ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ރަނގަޅު ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ރެނޭޓޯ ވޭގާ ވަނީ ބްލޮކްކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖޯން އަރިއާސް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ކޮސްޓާ ހުޝިޔާރުކަމާއެކު މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޕުއާޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ކޮލަމްބިއާގެ އިތުރު ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ވޭގާ ވަނީ ބްލޮކްކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕޯޗުގަލްގެ ޑަލޯގެ ހަމަލާއެއް ފެނިގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ކޮލަމްބިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ޑޭވިންސަން ސަންޗޭޒް ބޯޅައެއް ފޮނުވާލައިފައެވެ. ނަމަވެސް ރެފްރީ ނިންމީ ސަންޗޭޒް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

މި ނަތީޖާއާއެކު ކޮލަމްބިއާއިން ގްރޫޕުގެ އެއްވަނަ ހޯދާފައިވަނީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ނިންމާލަން ޖެހުނު ޕޯޗުގަލަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އުޒްބެސްކިތާން ބަލިކޮށް، ޑީއާރް ކޮންގޯ އިން ވަނީ ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ކޮންގޯއަށް ދެވަނަ ބުރުން ޖާގައެއް ލިބެނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ހިމެނިގެންނެވެ. އުޒްބެކިސްތާނުން މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ.