ވޯލްޑް ކަޕް 2026 ގައި ޕެނަމާ ބަލިކޮށް، އިންގްލެންޑުން "ގްރޫޕު އެލް"ގެ އެއްވަނަ ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ އެއް ގައުމީ ފުޓުބޯޅަ ޓީމު ކަމަށްވާ އިނގިރޭސި ގައުމީ ޓީމަކީ، ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ނަމެކެވެ. އިނގިރޭސި ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. އޭގެ ފަހުން ވޯލްޑް ކަޕްގެ ތަށްޓެއް ނުލިބުނު ނަމަވެސް، 1990 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފައެވެ. އެގޮތުން 2018 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިވީ ކްރޮއޭޝިއާ އަތުން އިތުރު ވަގުތުގައެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައި އިންގްލެންޑް އަލްވަދާއު ކިޔާފައިވަނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.
ޔޫރަޕުގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯގައި އެ ޓީމުން ވަނީ ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ކުޅެ، މުބާރާތުގެ ރަނަރަޕްކަން ވަނީ ހޯދައިފައެވެ.
މިހާރު އިނގިރޭސި ޓީމު އޮތީ އާ މިސްރާބަކަށް ދަތުރު ފަށައިފައެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން، ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުލެވޭ މި ޓީމުގެ އެންމެ ބޮޑު އަމާޒަކީ، ގިނަ އަހަރުތަކަކަށްފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށްޓެއް އަލުން ކާމިޔާބުކޮށް ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.
ޕެނަމާ ގައުމީ ފުޓުބޯޅަ ޓީމަކީ އުތުރު އަދި މެދުތެރޭ އެމެރިކާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ޕެނަމާއިން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށްފައެވެ. އެ މުބާރާތުގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ފެލިޕޭ ބަލޯއީ ވަނީ ވޯލްޑް ކަޕް ތާރީހުގައި ޕެނަމާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް ވެސް އެއް ގްރޫޕެއްގައި ހިމެނުމުން، އުނދަގޫތަކެއް ކުރިމަތިވެ އެ ފަހަރު ނިންމާލަން ޖެހުނީ ގްރޫޕުގެ ފުލުގައެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ޕެނަމާގެ ދެވަނަ ވޯލްޑް ކަޕެވެ.
ސަރަހައްދީ ފެންވަރުގައި ޕެނަމާއިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. ކޮންކާކަފް ގޯލްޑް ކަޕްގައި އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ 2005، 2013 އަދި 2023 ވަނަ އަހަރުގެ މުބާރާތެވެ. އަދި 2025 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަންސް ލީގުގެ ދެވަނަ މަގާމުވެސް ހޯދާފައިވަނީ ޕެނަމާއިންނެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެލް" އަށް ބަލައިލާ އިރު، އިންގްލެންޑާއި ގާނާއަށް، ކޮންމެ ޓީމަކަށް ހަތަރު ޕޮއިންޓު ލިބިފައިވާތީ އެ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. ނަމަވެސް އެއްވަނަ ކަނޑައެޅުމަށް މިރޭ ކުޅޭ ފަހު މެޗުތަކުން މޮޅެއް ހޯދުން މުހިންމުވާނެއެވެ. އިންގެލެންޑާއި ގާނާ ބައްދަލުކުރި މެޗު އެއްވަރުވެފައިވުމުން، ފަހު މެޗަށްފަހު ވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ ބަލާނީ ގޯލުގެ ތަފާތަށެވެ. މިހާރު އިންގްލެންޑް ކުރީގައި އޮތީ އެއް ގޯލުގެ ތަފާތުން ގާނާއަށްވުރެ ކުރީގައި އޮތުމުންނެވެ.
އަނެއްކޮޅުން ތިން ޕޮއިންޓު ހޯދާފައިވާ ކްރޮއޭޝިއާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ފުރުސަތު އެބައޮތެވެ. ކްރޮއޭޝިއާ އިން ޖާގައެއް ކަށަވަރުކުރުމަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގައި ހިމެނުމަށް ވެސް ގާނާ އަތުން ޕޮއިންޓެއް ހޯދަން ޖެހޭނެއެވެ. އިންގްލެންޑުން ނުކުންނަ ޕެނަމާއަކީ މުބާރާތުން ކަޓާފައިވާ ޓީމެކެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަށް އިންގްލެންޑުން ނުކުތީ ބަދަލުތަކަކާއެކުއެވެ. އެގޮތުން ޑެކްލެން ރައިސް، ނޮނީ މަޑުއެކޭ އަދި އެންތަނީ ގޯޑަން މެޗު ފެށީ ބެންޗުންނެވެ. އޭގެ ބަދަލުގައި ފުރުސަތު ދީފައިވަނީ މާކަސް ރަޝްފާޑް، ބުކަޔޯ ސަކާ އަދި މޯގަން ރޮޖާސް އަށެވެ. އިންގްލެންޑްގެ ޑިފެންސަށް ވެސް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރީސް ޖޭމްސްއަށް އަނިޔާވުމާ ގުޅިގެން ޖެރެލް ކުއުންސާއަށް ފުރުސަތު ދީފައިވާ އިރު، ނިކޯ އޯ ރައިލީއަށް އަލުން ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. މިރޭގެ މެޗުގައި ވެސް ކެޕްޓަން ހެރީ ކޭން އަދި ޖޫޑް ބެލިންހަމް ފުރަތަމަ 11 ގައި ހިމެނިފައިވެއެވެ. މިރޭގެ މެޗަށް ޕެނަމާ އިން ނެރުނު ފުރަތަމަ 11 ގައި ކޮންމެ ޑިޕާޓްމަންޓަކުން ވެސް ބަދަލުތަކެއް ފެނިގެންދިޔައެވެ.
އެމެރިކާގެ ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެލް" ގެ މެޗުގައި ޕެނަމާގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
އެޓޭކިން ކުޅުމަކާއެކު ފެށި އިންގްލެންޑްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ އަށްވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މާކަސް ރަޝްފާޑް ފޮނުވާލި ހަމަލާ، ޕެނަމާގެ ކީޕަރު އޮރްލޭންޑޯ މޮސްކޭރާ ވަނީ މަތަކޮށްފައެވެ. އޭގެ ހަތް މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ބުކަޔޯ ސަކާ ފޮނުވާލި ހަމަލާ ވެސް ޕެނަމާގެ ކީޕަރު މޮސްކޭރާ ވަނީ މަތަކޮށްފައެވެ.
ހައިޑްރޭޝަން ބްރޭކުގެ ކުރިން އިންގްލެންޑްގެ އެޓޭކު ވަރުގަދަކޮށް ދިޔަ ނަމަވެސް، ޕެނަމާގެ ވަރުުގަދަ ޑިފެންސްގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގެ 21 ވަނަ މިނެޓުގައި ސަކާ ފޮނުވާލި ހަމަލާއެއް ވެސް ޕެނަމާގެ ޑިފެންސުން ބްލޮކްކުރިއެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ޕެނަމާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހޯސޭ ލުއިސް ރޮޑްރިގޭސް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. މިއީ ގޯލާ އަމާޒުކޮށް ޕެނަމާއިން ފޮނުވާލި ފުރަތަމަ ހަމަލާއެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެލިއޮޓް އެންޑަސަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޕެނަމާ ކީޕަރު މޮސްކޭރާއާ ދިމާއަށެވެ. އޭގެ ފަހުން އެންޑަސަން ނަގައިދިން ހުރަހަކުން ރަޝްފާޑަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕެނަމާ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންގްލެންޑްގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. މާކަސް ރަޝްފާޑް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ޕެނަމާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ރަޝްފާޑްގެ ނުރައްކާ ހުރަހެއް ފެނިގެންދިޔައެވެ. އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ނުވަދެ، ޕެނަމާ ސަލާމަތްވީ ކިރިޔާއެވެ. ދިފާއުކުރުމަށް ހޯސޭ ކޯޑޮބާ ފޮނުވާލި ބޯޅަ، އަންދަރޭސް އަންޑްރާޑޭ ގައިގައި ޖެހި ދިޔައީ ޕެނަމާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރަޝްފާޑް ފޮނުވާލި ހަމަލާއެއް ޕެނަމާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ޕެނަމާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހޯސޭ ފަޔާޑޯ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑްގެ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ މިނެޓެއް ފަހުން ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންގްލެންޑް ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، ޕެނަމާ ކީޕަރު މޮސްކޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އިންގެލެންޑުން ގޯލު ޖަހައި ލީޑު ހޯދިއެވެ. ކޯނަރަކުން ސަކާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބެލިންހަމްއެވެ.
އިންގްލެންޑްގެ ރައިޓްބެކްގެ މަގާމަށް މިއަދުގެ މެޗަށް ނުކުތް ކުއަންސާއަށް އަނިޔާވުމުން، އިންގްލެންޑަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އޭނާ މިއަދުގެ މެޗުގެ ފުރަތަމަ 11 އަށް އަރުވާފައިވަނީ ވެސް ރައިޓްބެކްގެ މަގާމަށް މިދިޔަ ދެ މެޗުގައި ކުޅުނު ރީސް ޖޭމްސްއަށް އަނިޔާވުމާ ގުޅިގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ކުއަންސާގެ ބަދަލުގައި ނެރެފައިވަނީ ޖެޑް ސްޕެންސް އެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބެލިންހަމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ އޭނާގެ 11 ވަނަ ވޯލްޑް ކަޕް ގޯލެވެ. އަދި މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ކައިރިކައިރީގައި ޕެނަމާއަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. އެ ތިން ފުރުސަތު ވެސް ލިބިގެންދިޔައީ އިސްމާއިލް ޑިއާޒް އަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑިއާޒް ފޮނުވާލި އެ ތިން ހަމަލާ ވެސް އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ނޮނީ މަޑުއެކޭ ނަގައިދިން ބޯޅައަކުން ރަޝްފާޑަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ރަޝްފާޑް ފޮނުވާލި ހަމަލާ، ޕެނަމާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން މަޑުއެކޭއަށް ހުސް ފުރުސަތެއް ލިބުނު އިރު، އޭނާގެ ހަމަލާ، ޕެނަމާގެ ކީޕަރު މޮސްކޭރާ ވަނީ މަތަކޮށްފައެވެ.
މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ކްރޮއޭޝިއާ އިން ވަނީ ގާނާ ބަލިކޮށްފައެވެ. ގްރޫޕުގެ ފަހު މެޗުތަކުގެ ނަތީޖާއަށްފަހު އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ލިބިފައިވަނީ ހަތް ޕޮއިންޓާއެކުއެވެ. ހަ ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގެ ގޮތުގައި ކްރޮއޭޝިއާއަށް ދެވަނަ ބުރުން ޖާގަ ލިބުނު އިރު، ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި ނިންމާލި ގާނާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. ގާނާއަށް ފުރުސަތު ލިބެނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޕެނަމާ އިން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް