ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ފުވައްމުލައް ސިޓީގައި މިއަދު ހަވީރު ހުޅުވައިފިއެވެ.
ފުވައްމުލަކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާންއާއި ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރުއެވެ. އެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރަށު ރައްޔިތުން ބައިވެރިވިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ އަލަށް ހުޅި އެ މަރުކަޒަކީ ފަސް ކުލާސްރޫމާއި، ނަމާދުކުރާ ކޮޓަރިއަކާއި، ހިފްޒު ޓެސްޓު ކުރާނެ ހާއްސަ ކޮޓަރިއެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި ލައިބްރަރީއެއް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އޮފީސް ބަޔަކާއި މީޓިން ރޫމެއްވެސް އެ ސެންޓަރުގައި ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ ސެންޓަރާއެކު ފުވައްމުލަކުގައި ގުރުއާން ހިފްޒުކުރުމުގެ ޕްރޮގުރާމުތައް އިތުރުވެ، މުދައްރިސުންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި ފުވައްމުލަކު އިސްލާމީ މަރުކަޒު ބިނާކޮށް ނިމުމުން، ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތްތައް އެތަނަށް ބަދަލުކުރެވޭނެ ކަމަށާއި، މިހާރު ހުޅުވުނު އިމާރާތް ވަގުފު ބިނާއަކަށް ބަދަލުކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ވަގުފު ބިނާއިން ލިބޭ އާމްދަނީ ހަރަދުކުރާނީ އެ ސިޓީގެ ދީނީ ކަންކަން ކުރިއެރުވުމަށްކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 16 ރަށެއްގައި އެފަދަ ގޮފިތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މި ސަރުކާރުން ވަނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބާއްވާ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އިނާމުތައް ދެވޭ އެންމެ ޝަރަފްވެރި މުބާރާތުގެ ގޮތުގައި ހަމަޖައްސާފައިކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ކޮމެންޓް