ވޯލްޑް ކަޕް 2026 ގައި އީރާން އަތުން ލިބުނު ޕޮއިންޓާއެކު 90 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިސްރުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުހައްމަދު ސަލާހާއި އޮމަރް މާމޫޝް ފަދަ ތަރިންތަކެއް ހިމެނޭ މިސްރުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "ދަ ފެރޯސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމަކީ މުޅި އެފްރިކާގެ ފަހުރެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިސްރުން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
ވޯލްޑް ކަޕްގައި މިސްރުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1934، 1990 އަދި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން، 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަކީ ވެސް މިސްރެވެ. އެ މުބާރާތުގެ ގަދަ 16 އަށް މިސްރު ދަތުރުކުރިއެވެ. ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމަކީ ވެސް މިސްރެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތް ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ.
މީގެ ކުރިން ވޯލްޑް ކަޕްގައި އިރާނުން ވަނީ ހަ ފަހަރު ވާދަކޮށްފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ވޯލްޑް ކަޕްގައި ކާމިޔާބީތަކެއް ލިބިފައިނުވި ނަމަވެސް، ވޯލްޑް ކަޕްގެ ތިން މެޗަކުން ވަނީ މޮޅުވެފައެވެ. އެއީ 1998 ގެ ވޯލްޑް ކަޕްގައި އެމެރިކާ އަތުން، 2018 ގައި މޮރޮކޯ އަތުން އަދި 2022 ގައި ވޭލްސް އަތުންނެވެ.
އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕަށް ބަލައިލާ އިރު، އިރާނުން ވަނީ ގަދަ 16 އަށް ވާދަކޮށްފައެވެ. އިރާންގެ އެ ހުވަފެންތަކަށް ނިމުމެއް އައިސްފައިވަނީ، ގްރޫޕުގެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން އެމެރިކާ އަތުން ބަލިވުމާ ގުޅިގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އިރާނުން ޖެހިޖެހިގެން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އިރާނަށް ހާއްސަކަމެއް ދެވިފައިވަނީ، އެމެރިކާ އާއި އިރާނާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުންނެވެ. އެ ހަނގުރާމައާ ގުޅިގެން އިރާނަށް އެމެރިކާއިން ވިސާ ނުލިބުމާއި، މެކްސިކޯގައި ކޭމްޕްކުރުމަށްފަހު މެޗުތަކަށް އެމެރިކާއަށް ދަތުރުކުރަން ޖެހުމާއި، އެމެރިކާ ސްޓޭޑިއަމްތަކަށް އިރާން ސަޕޯޓަރުންނަށް ނުވަދެވުން ފަދަ ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
"ގްރޫޕު ޖީ" ގެ ހާލަތަށް ބަލައިލާ އިރު، ފަހު މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އެބައޮތެވެ. މިސްރަށް ހަތަރު ޕޮއިންޓާއެކު މެޗުން ބަލިވިޔަސް، ދެވަނަ ބުރުގެ އުންމީދު އޮތް އިރު، ދެން ހިމެނޭ ޓީމުތަކުން ދެވަނަ ބުރު ކަށަވަރުކުރުމަށް ކޮންމެހެން ވެސް މޮޅުވާން ޖެހޭނެއެވެ. މިސްރަށް އީރާން އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ނަމަވެސް ގްރޫޕުގެ އެއްވަނަ ކަށަވަރުކުރުމަށް މިސްރުން އީރާން ބަލިކުރަން ޖެހޭނެއެވެ.
އުނދަގޫތަކަކާއެކު އެމެރިކާގައި މެޗުތައް ކުޅެން އީރާން ޓީމަށް އެތައް ބައެއްގެ ސަޕޯޓު ވަނީ ލިބިގެން ގޮސްފައެވެ. ހިތަވަރާއެކު މިހާތަނަށް އީރާނުން ކުޅުނު ދެ މެޗުން ވެސް ވަނީ ޕޮއިންޓެއް ހޯދައިފައެވެ. އީރާނާއި ބެލްޖިއަމް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ނިއު ޒިލޭންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
އީރާނާ ދެކޮޅަށް މެޗުގައި މިސްރުން ނެރުނު ފުރަތަމަ 11 އިން އެންމެ ފާހަގަކޮށްލެވޭ ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އެޓީމުގެ އެއް ތަރި ކަމަށްވާ އުމަރް މާމޫޝްއަށް ފުރުސަތު ނުދިނުމެވެ. އޭނާ މެޗު ފެށީ ބެންޗުންނެވެ. ނަމަވެސް ކެޕްޓަން މުހައްމަދު ސަލާހާއި އިމާމް އާޝޫރާއި މުސްތަފާ ޒިކޯ ފުރަތަމަ 11 ގައި ހިމެނެއެވެ. މިސްރުގެ އެންމެ ކުރިން މެޗުގައި ފެނިގެންދިޔައީ ޓްރެޒެގޭ އެވެ.
އީރާނުން މެޗަށް ނުކުތީ އެޓީމަށް ނެރެވެން އޮތް އެންމެ ވަރުގަދަ ފުރަތަމަ 11 އާ އެކުއެވެ. ކެޕްޓަން މަހްދީ ތަރޭމީ، ސަމަން ގޮދޯސް، ސައީދް އެޒަތޮލާހީ، ރަމީން ރެޒޭޔާން، ޑިފެންޑަރު ޝެޖޭ ހަލީލްޒާދޭ އަދި ތަޖުރިބާކާރު ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންޑް، އީރާންގެ ފުރަތަމަ 11 ގައި ހިމެނެއެވެ.
އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި މިއަދު އީރާނާއި މިސްރު ކުޅުނު "ގްރޫޕު ޖީ" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗު ފެށިތާ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މިސްރުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް އީރާންގެ ކީޕަރު އަލީރެޒާ ބެއިރަންވާންޑް މަތަކުރުމާއެކު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަހްމޫދް ސަބީރްއެވެ. އެ ގޯލުގައި އީރާންގެ ކީޕަރު ބެއިރަންވާންޑްގެ ގޯސް ފާހަގަކޮށްލެވެއެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އިރާން ކެޕްޓަން މެހްދީ ތަރޭމީއަށް އޮބްދުލްމުނީމް ކުރި ފައުލަކާ ގުޅިގެން އީރާނަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ތަރޭމީ ފޮނުވާލި ޕެނަލްޓީ، މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ މަތަކޮށްފައެވެ. މިއީ މި ވޯލްޑް ކަޕްގައި ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީއެވެ. އެންމެ ފަހުން ދިން ތިން ޕެނަލްޓީއަކީ ވެސް އެއީ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީއެއް ވެސް ހިމެނެއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އީރާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މިލާދް މުހައްމަދީ ފޮނުވާލި ހަމަލާ، މިސްރުގެ ކީޕަރު ޝުބީރް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އީރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަމީން ރެޒޭޔާން އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި މިސްރުގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓްރެޒެގޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިރާން ކީޕަރު ބެއިރަންވާންޑްއާ ދިމާއަށެވެ. އޭގެ ފަހުން އިރާންގެ ރެޒޭޔާންއަށް ގޯލު ޖަހާނެ އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު މިސްރުން ވަރުގަދަ އެޓޭކިން ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް، ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފައިވަނީ އީރާނަށެވެ. ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އީރާންގެ ޝޮޖޭ ހަލީލްޒާދޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ މިސްރު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭރު މިސްރު ކީޕަރު ޝުބީރް ކުރިއަށް ނުކުމެ ހުރުމުން ގޯލު ވެސް އޮތީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އީރާނުން ދެވަނަ ހާފު ފެށީ ނުރައްކާތެރި ހުރަސްތަކާއި ވަރުގަދަ އެޓޭކަކާއެކުއެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ އީރާނުން ވަނީ ހަމަލާއެއް ވެސް ފޮނުވާލައިފައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ސައީދް އެޒަތޮލާހި ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާގެ ހަމަލާ، މިސްރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 49 ވަނަ މިނެޓުގައި މިސްރުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ސަލާހު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޓްރެޒެގޭ ފޮނުވާލި ހަމަލާ، އީރާންގެ ކީޕަރު ބެއިރަންވާންޑް ވަނީ މަތަކޮސްފައެވެ. އޭގެ ދެ މިނެޓު ފަހުން ވެސް މިސްރުގެ ޓްރެޒެގޭއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ސަލާހު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓްރެޒެގޭ ފޮނުވާލި ހަމަލާ، އީރާން ޑިފެންޑަރު ޔާސިރް އިބްރާހިމް ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ފަޔަށް ލިބުނު ކޮންމެވެސް ވަރެއްގެ އަނިޔާއަކާ ގުޅިގެން ކެޕްޓަން ސަލާހު ބަދަލުކުރަން ޖެހުމުން މިސްރަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޒީޒޯ އެވެ.
މެޗުގެ 62 ވަނަ މިނެޓުގައި މިސްރަށް ފުރުސަތެއް ލިބިގެންދިޔައެވެ. އުމަރް މާމޫޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒީޒޯ ފޮނުވާލި ބާރު ހަމަލާ، އީރާންގެ އެޒަތޮލާހި ވަނީ ބްލޮކްކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ މާމޫޝްގެ ހަމަލާއެއް ފެނިގެންދިޔަ އިރު، އޭނާގެ ހަމަލާ އީރާންގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ވެސް މިސްރަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ޔަޝީން ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އެ ހަމަލާ ދިޔައީ އީރާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، އީރާނުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ތަރޭމީ ފޮނުވާލި ހަމަލާ އަމާޒުވީ މިސްރު ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ހިލޭ ޖެހުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އީރާންގެ ޝޮޖާ ހަލީލްޒާދޭ ހުސްކޮށް ހުރެ މިސްރުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
އޭގެ ފަހުން ވެސް އީރާނަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރަޒޭޔާން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ބްލޮކްވި އިރު، އެޒަތޮލާހި ފޮނުވާލި ހަމަލާ އަމާޒުވީ މިސްރު ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ނަތީޖާއާއެކު މިސްރަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނު ނަމަވެސް، ގްރޫޕުގެ އެއްވަނަ މަގާމު ވަނީ ގެއްލިފައެވެ. އެއީ ބޮޑު ތަފާތަކުން ނިއު ޒިލޭންޑް އަތުން ބަލިޖިއަމް މޮޅުވުމުން، ގޯލުގެ ތަފާތުން ބެލްޖިއަމް ކުރީގައި އޮތުމުންނެވެ. ބެލްޖިއަމް އަދި މިސްރަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
އީރާނަށް ތިން ޕޮއިންޓު ލިބިފައިވީ ނަމަވެސް، އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމެންދެން އިންތިޒާރުކުރަން ޖެހޭނެއެވެ. އީރާނަކީ މިހާތަނަށް ދެ ބުރުގެ ޖާގައެއް ލިބިފައިނުވާ ޓީމެކެވެ. ނިއު ޒިލޭންޑުން މެޗު ނިންމާލީ އެންމެ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް