ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ނެދަލޭންޑްސްއިން ކުޅުނު ފަހު މެޗުގައި ޓިއުނީޝިއާ ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޔަގީން ކޮށްފިއެވެ.

ކެންސަސް ސިޓީގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ނެދަލޭންޑްސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް 2026 ފެށުނީއްސުރެ "ގްރޫޕް އެފް" ފެނިގެންދިޔައީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތްތައް އަވަސްކޮށްލި ވަރަށް އުނދަގޫ އަދި ވާދަވެރި ގްރޫޕެއްގެ ގޮތުގައެވެ. ނެދަލެންޑްސް އިން މުބާރާތް ފެށީ ޖަޕާނާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުކޮށްގެންނެވެ. ނަމަވެސް، ސްވިޑެންގެ މައްޗަށް 5-1 އިން ހޯދި ތާރީހީ އަދި ބޮޑު ކާމިޔާބީއާއެކު، އެޓީމު ވަނީ އަނެއް ބުރަށް އުންމީދު ބޮޑުކޮށްފައެވެ.

ޓިއުނީޝިއާ އިން މުބާރާތުގެ ފަހު މެޗަށް ނުކުތީ ގައުމީ ފަހުރު ސަލާމަތް ކުރުމުގެ އަޒުމުގައެވެ. އެޓީމުން މިރޭގެ މެޗަށް ނުކުތްއިރު އޮތީ ކަޓައިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޑެން ކައިރިން 5-1 އިން ބަލިވި އިރު، އެ ބައްޔާއެކު ކޯޗު ސަބްރީ ލަމުޝީ މަގާމުން ވަކިކޮށް ޓީމު ހަވާލުކުރީ ހާވޭ ރެނާޑާއެވެ.

ރެނާޑާއެކު ކުޅުނު ފުރަތަމަ މެޗުން ޓިއުނީޝިއާ ވަނީ 4-0 އިން ޖަޕާން ކައިރިންވެސް ބަލިވެ، މުބާރާތުން ކަޓައިފައެވެ.

ކަޓާފައި އޮތް ނަމަވެސް މޮޅެއް ހޯދަން ޓިއުނީޝިއާއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރެނާޑް ދީފައި އޮތުމުން މެޗު ފޯރިގަދަވާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ މިނެޓުގައި ޓިއުނީޝިއާއިން ވަނީ ރަނގަޅު ފުރުސަތެއްވެސް ހޯދައިފައެވެ.

ހަޒެމް މަސްތޫރީ އަރިމަތިން ނައްޓާލާފައި ނަގައިދިން ބޯޅަ، އިސްމާއީލް ގާބީއަށް ހުހަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާބޮޑަށްވެސް މަތިން ބޭރަށެވެ. އެހިސާބުންވެސް ޓިއުނީޝިއާގެ ނުރައްކާ ފެނުނެވެ.

އެހެން ނަމަވެސް، ކުއްލިއަކަށް ނެދަލޭންޑްސްއިން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހައި، އެޓީމުގެ އެޓޭކިން ފެންވަރު ދައްކާލައިފައެވެ. ތިންވަނަ މިނެޓުގައި ނެދަލޭންޑްސްއިން ލީޑު ނެގީ އެލްޔާސް ޝްކީރީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ނެދަލޭންޑްސްގެ އަރިމަތިން ޑެންޒިލް ޑަމްފްރީސް ހުރަސްކޮށްލި ހިތްގައިމު ހުރަސް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ޝްކީރީ ފައިގައި ޖެހުނު ބޯޅަ ވަނީ ބައިކޮޅަށް ގޯލްގެ ތެރެއަށެވެ.

އޭގެ އިރުކޮޅެއްފަހުން، ހަތްވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ނެދަލޭންޑްސް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. ޓިޖާނީ ރެއިންޑާސް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވާޖިލް ވެން ޑައިކް ބޮލުން ހުރަސް ކޮށްލުމުން އެ ގޯލް ޖެހީ ފޯމުގައި ހުރި ބްރައިން ބްރޮބީއެވެ. އެއީ މި ވޯލްޑް ކަޕްގައި ބްރޮބީ ޖެހި ތިންވަނަ ގޯލެވެ.

އޭގެފަހުން ނެދަލޭންޑްސް މެޗު ޑޮމިނޭޓް ކުރި ނަމަވެސް ޓިއުނީޝިއާއިން ވަނީ ލިބުނު ފުރުސަތުތަކުގައި ނުރައްކާ ކޮށްފައެވެ. އެގޮތުން 13 ވަނަ މިނެޓުގައި ބެން ސްލިމާނޭ ފޮނުވާލި ބޯޅަ މަތަކުރި ނެދަލޭންޑްސްގެ ކީޕަރު ބާޓް ވާބްރަގެންއެވެ.

ދެ ގޯލްގެ ލީޑުގައި ހަމަޖެހިލަން ނެދަލޭންޑްސްއިން ފުރަތަމަ ހާފުގެ ބާކީ ބައިގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ޕާސްތައް ގިނަކުރި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ޓިއުނީޝިއާއިން މެޗަށް އަނބުރާ ވަނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި މަސްތޫރީ ޖަހައިދިން ގޯލާއެކު ޓިއުނީޝިއާ ހިތްވަރު އާކުރި އިރު، އެ ގޯލް އޭނާ ޖެހީ ހަނިބަލް މެޖްބޫރީގެ ކޯނަރަކަށް އަރައި ބޮލުންނެވެ.

އެ ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވާން ދިޔަ ނަމަވެސް ނެދަލޭންޑްސް އެކަމަށް ސަމާލުވިއެވެ. މާގިނައިރެއް ނުވެ އަނެއްކާވެސް ގޯލް ޖަހައި ޓިއުނީޝިއާ މަޑު ޖައްސާލިއެވެ. ނެދަލޭންޑްސްއިންވެސް ގޯލް ޖެހީ ކޯނަރެއްގައެވެ. ރެއިންޑާސްގެ ކޯނަރަކަށް އަރައި ގޯލް ޖަހައިދިނީ ޖޯން ޕޯލް ވެން ހެކޭއެވެ.

އޭގެ އިރުކޮޅެއްފަހުން 66 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ އިތުރު ނުރައްކަލެއް ފެނުނު އިރު، ރެއިންޑާސް ކީޕަރު ބޯމަތިން ވައްޓާލަން މަސައްކަތް ކުރި ބޯޅަ އަމާޒުވީ މަތީ ދަނޑިއަށެވެ. އަދި އޭގެފަހުން އޭނާއަށް ލިބުނު ފުރުސަތުގައިވެސް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ފަހުކޮޅުގައި ނެދަލޭންޑްސްއިން ކޮންޓްރޯލް ގެއްލުވާ ނުލައި މަސައްކަތް ކުރި އިރު، ބަދަލަކަށް ނުކުތް މެމްފިސް ޑިޕާއީއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ތަނަވަސްވި ފުރުސަތެއްގައި ޑިޕާއީ އޯވަހެޑަކުން ގޯލެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ލައްވައެއް ނުލިއެވެ.

ނެދަލޭންޑްސްއިން ގްރޫޕް ނިންމާލީ އެއްވަނައިގައެވެ. އެއީ ގްރޫޕް އެފްގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ނިންމާލީ މިރޭ ސްވިޑެންއާ އެއްވަރުކުރި ޖަޕާނެވެ. ޖަޕާނަށް ތިން މެޗުން ފަސް ޕޮއިންޓް ލިބުނު އިރު، ސްވިޑެން ތިންވަނައިގައި އިންތިޒާރުގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ޓިއުނީޝިއާއިން ނިންމާލީ ހަތަރު ވަނައިގައި، ތިން މެޗުން ޕޮއިންޓެއް ނުލިބިއެވެ.