ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުން ޖަޕާނުން ޖާގައެއް ކަށަވަރުކުރި އިރު، ސްވިޑެނުން ވެސް އުންމީދު ބޮޑުކޮށްފިއެވެ.
ސްވިޑެންއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވަރަށް ބޮޑު ތާރީހެއް އޮތް ގައުމެކެވެ. ވޯލްޑް ކަޕް 1958 ގެ ފައިނަލްގައި ކުޅުމުގެ އިތުރުން، އެކި ފަހަރު މަތިން މުބާރާތުގެ ފަހު މަރުހަލާތަކުގައި އެ ޓީމު ކުޅެފައިވެއެވެ. ސްވިޑެނުން މި ކުރިމަތިލަނީ 13 ވަނަ ވޯލްޑް ކަޕާއެވެ. އެންމެ ފަހުން ވާދަކުރި ވޯލްޑް ކަޕް 2018 ގައި ސްވިޑެނުން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ކުޅުންތެރިޔަކު މިހާރު ޓީމުގައި ނެތް ނަމަވެސް، މިހާރުގެ ޓީމު ބިނާކޮށްފައިވަނީ ޑިސިޕްލިން އަދި ޓެކްޓިކަލް ރޭވުންތެރިކަމުގެ މައްޗަށެވެ. ސްވިޑެންގެ ޓީމަކީ ދިފާއީ ގޮތުން ވަރުގަދަ، އަދި ފިޒިކަލީ ވެސް ވަރުގަދަ ޓީމެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭ މި ޓީމުގެ އަމާޒަކީ ގަދަ 32 ގެ ބުރަށް ދަތުރުކުރުމެވެ. ސްވިޑެންގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އެލެކްސެންޑާ އީސާކް، ވިކްޓާ ޔޮކަރޭސް އަދި ކެޕްޓަން ވިކްޓާ ލިންޑެލޯފް ހިމެނެއެވެ. ހާއްސަކޮށް ލިވަޕޫލަށް ކުޅޭ އީސާކް އާއި އާސެނަލަށް ކުޅޭ ޔޮކަރޭސްގެ ފަރާތުން ޓީމަށް ބޭނުންވާ އުފެއްދުންތެރިކަމާއި ގޯލު ޖެހުމުގެ ހުނަރު ފެނިގެންދާނެއެވެ.
ޖަޕާނަށް ފީފާގެ މެންބަރުކަން ލިބުނީ 1929 ވަނަ އަހަރުއެވެ. 1980 ގެ ފަހުކޮޅާ ހަމައަށް ޖަޕާނުގެ ފުޓުބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އެގައުމުގެ ފުޓުބޯޅަ ޕްރޮފެޝަނަލްވެ އަސްލު ސްޕީޑުގައި ހިނގައިގަތީ 1990 އަށް ފަހުގައެވެ. އެގައުމުގެ ލީގު ޕްރޮފެޝަނަލްވެ، ފުޓުބޯޅައަށް އައި ބަދަލާއެކު އޭޝިއާގެ އެންމެ އުހަށް ޖެހިލިއެވެ.
އެންމެފަހުގެ ހަ ވޯލްޑް ކަޕުގައިވެސް ޖަޕާނުން ކުޅެފައިވެއެވެ. އެގައުމުން ވަނީ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް ރެކޯޑު ހަދާފައެވެ. ޖަޕާނުން ފުޓުބޯޅައަށް، ކުއްލިއަކަށް ގެނައި ހެޔޮ ބަދަލާއެކު ސަރަހައްދީ ވާދަވެރިން ފަހަތަށް ޖައްސާލިއެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 އަށް ޖަޕާނު ދަތުރު ކުރިއެވެ.
ޖަޕާނުގެ ތަރިން ޔޫރަޕުންވެސް ފާހަގަވެގެންދާ އިރު، ކޮލިފިކޭޝަންގެ ބޮޑުބައެއްގައިވެސް ބަލިނުވެ ހިފަހައްޓާލިއެވެ. ޖަޕާން ކޮލިފިކޭޝަންގައި ބަލިވީ އެންމެ މެޗަކުންނެވެ. އަދި ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ކޮލިފިކޭޝަން ޔަގީންކުރުމާ ހަމައަށް ޖަޕާނުން ކޮޅަށް ގޯލެއް ވަނަދުނީ ހިފެހެއްޓިއެވެ.
"ގްރޫޕު އެފް" ގެ ފަހު މެޗުތަކަށް ނުކުތް އިރު، އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވިފައެއް ނުވެއެވެ. ގްރޫޕުގެ އެންމެ ކުރީގައި އޮތް ނެދަލެންޑްސް އާއި ޖަޕާނަށް، ކޮންމެ ޓީމަކަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ސްވިޑެނުން ތިން ޕޮއިންޓު ހޯދާފައިވާ އިރު، ޓިއުނީޝިއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ޓިއުނީޝިއާ ފިޔަވައި ދެން ހިމެނޭ ތިން ޓީމަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.
ނެދަލެންޑްސް އާއި ޖަޕާނަށް ޕޮއިންޓަކާއެކު ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރެވެން އޮތެވެ. ސްވިޑެނަށް ޖަޕާން ބަލިކުރަން ޖެހިފައިވާ އިރު، ބަލިވެއްޖެ ނަމަ އޮތީ މުބާރާތާ އަލްވަދާއު ކިޔަން ޖެހޭ ގޮތަށެވެ. ޖަޕާން އަތުން އެއްވަރުވެއްޖެ ނަމަ، ސްވިޑެނަށް ފުރުސަތެއް ލިބެން އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޓިއުނީޝިއާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ ނަމަ، ނެދަލެންޑްސްއަށް ވެސް އުނދަގޫތަކެއް އޮތެވެ. އަދި ޖަޕާނުން ބޮޑު ތަފާތަކުން ސްވިޑެން އަތުން ބަލިވެއްޖެ ނަމަވެސް، އެ އުނދަގޫތައް އޮތެވެ. އެހެންކަމުން މިރޭގެ މެޗުތައް ވެގެންދިޔައީ ނެދަލެންޑްސް، ޖަޕާން އަދި ސްވިޑެނަށް ވެސް ވަރަށް މުހިންމު މެޗުތަކަކަށެވެ.
މިރޭގެ މެޗަށް ސްވިޑެން އަދި ޖަޕާނުން ވެސް ނުކުތީ ވަރުގަދަ ފުރަތަމަ 11 އަކާ އެކުއެވެ. އެގޮތުން ސްވިޑެނުން އެންމެ ފާހަގަކޮށްލެވެނީ އެޓީމުގެ ނުރައްކާތެރި ދެ ފޯވަޑުން ކަމަށްވާ އާސެނަލަށް ކުޅޭ ވިކްޓާ ޔޯކަރެސް އަދި ލިވަޕޫލަށް ކުޅޭ އެލެކްސެންޑާ އިސާކެވެ. އޭގެ އިތުރުން މިރޭގެ ފުރަތަމަ 11 އިން އެންތަނީ އެލޭންގާއަށް ވަނީ ފުރުސަތު ދީފައެވެ. ފުރަތަމަ ދެ މެޗުގައި އެލާންގާ ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ޖަޕާނުގެ ތަރި ޓަކެފޫސޯ ކޫބޯ އަނިޔާއަކާ ގުޅިގެން މިރޭގެ މެޗުގެ ސްކޮޑުގައި ވެސް ހިމެނިފައި ނުވާ އިރު، ފޯވަޑް ލައިންގައި ހިމެނެނީ އަޔާސޭ ޔުއޭޑާ، ޑައިޒެން މައޭޑާ އަދި ރިޓްސޫ ޑޮއާން އެވެ. މެދުތެރެއިން އެންމެ ފާހަގަކޮށްލެވެނީ އައޯ ޓަނާކާ އާއި ޑައިޗީ ކަމާޑާއެވެ. ގޯލްކީޕަރެއްގެ ގޮތުގައި މިރޭ ވެސް ޒިއޯން ސުޒޫކީ ފެނިގެންދާ އިރު، ޑިފެންޑަރުންގެ ތެރޭގައި ކޯ އިޓަކޫރާ، ހިރޯކީ އިޓޯ އަދި އަޔޫމީ ސެކޯ ހިމެނެއެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ކަޕާނާއި ސްވިޑެން މިރޭ ކުޅުނު "ގްރޫޕު އެފް" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ރަނގަޅު ކުޅުމަކާއެކު މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސްވިޑެނުން ވަނީ ޖަޕާންގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލައިފައެވެ. އެލެކްސެންޑާ އިސާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެލެކްޒެންޑާ ބާންހާޑްސަން ފޮނުވާލި ހަމަލާ، ޖަޕާންގެ ކީޕަރު ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފައެވެ.
ދާދި ހަމަހަމަ ކުޅުމަކަށްފަހު މެޗުގެ 22 ވަނަ މިނެޓުގައި ޖަޕާނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހިރޯކީ އީޓޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑައިޒެން މައޭޑާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްވިޑެން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަޕާނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށް ނަކަމޫރާ ފޮނުވާލި ހަމަލާ، ސްވިޑެންގެ ކީޕަރު ޔެކޮބް ވިޑެލް ޒެޓާސްޓްރޯމް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ ޖަޕާނުންނެވެ. ދެވަނަ ހާފު ފެށިތާ ދެ މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޓަނާކާ ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޑެންގެ ބާގްވަލް ފޮނުވާލި ހަމަލާއެއް ޖަޕާންގެ ޑިފެންޑަރު އީޓޯ ވަނީ ބްލޮކޮށްފައެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރީތި ކުޅުމަކާއެކު ރިޓްސޫ ޑޮއާން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ސްވިޑެންގެ ގޯލު ތެރެއަށް ފޮނުވާލައިގެން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑައިޒެން މައޭޑާ އެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ސްވިޑެނުން ވަނީ ހިތްގައިމު ގޯލަކާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން ފޮނުވާލި ބާރު ހަމަލާއަކުން ސްވިޑެނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެންތަނީ އެލޭންގާ އެވެ. މިއީ އޭނާ މުބާރާތުގައި ޖެހި ދެވަނަ ގޯލެވެ.
އޭގެ ދެ މިނެޓު ފަހުން ސްވިޑެނަށް ލީޑު ހޯދުމަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެލެކްސެންޑާ އިސާކް ފޮނުވާލި ބޯޅަ، ޖަޕާން ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފައެވެ.
ސްވިޑެނުން ކުރިއަށް ޖެހި ކުޅެމުންދަނިކޮށް، މެޗުގެ 83 ވަނަ މިނެޓުގައި ޖަޕާނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑައިޗީ ކަމާޑާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކޯކީ އޮގާވާ ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްވިޑެނަށް ލީޑު ހޯދުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެލޭންގާ ފޮނުވާލި ހަމަލާ އަދި ކޯނަރެއްގެ ތެރެއިން އިސާކް ބޮލުން ފޮނުވާލި ހަމަލާ ވެސް ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފައެވެ.
މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ޓިއުނީޝިއާ ބަލިކޮށް، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ނެދަލެންޑްސް އިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެވަނައިގައި ނިންމާލި ޖަޕާނަށް ފަސް ޕޮއިންޓު ލިބިފައިވާ އިރު، ސްވިޑެނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ސްވިޑެނަށް ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭ ހިމެނި، ދެވަނަ ބުރުގެ ފުރުސަތު ލިބުން ގާތެވެ. ޓިއުނީޝިއާ އިން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް