ށ. ފުނަދޫގައި އިސްރަށްވެހިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" އިމާރާތް ކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީންއެވެ.

އެމްޓީސީސީން ރޭ ބުނީ އެ މަޝްރޫއުގެ ދަށުން ފުނަދޫގައި ހަދާ މި އިމާރާތަކީ 40 މީހުންގެ ޖާގަ ހިމެނޭހެން ބިނާކުރާ ދެ ފަންގިފިލާގެ އިމާރާތެއް ކަމަށެވެ. އެ މަރުކަޒުގައި ސިއްހީ ހިދުމަތްދޭނެ ބަޔަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ އެކި ބޭނުންތަކަށް ހާއްސަ ސަރަހައްދުތައްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ރެކްރިއޭޝަން ސަރަހައްދެއްވެސް އިމާރާތުގައި ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހެލްތު މިނިސްޓްރީން އެ މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 37.46 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.