މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ދެމެޗުން ބަލިވެގެން ތުރުކީ ކަޓައިގެން ދިޔަ ނަމަވެސް، ކުޅުންތެރިންނަށް ދޭން ޖެހޭ އިހުތިރާމް ދިނުމަށް ކޯޗު، ވިސެންޒޯ މޮންޓޭޔާ ބުނެފިއެވެ.
ތުރުކީއަކީ މިފަހަރު ވޯލްޑް ކަޕުން އެންމެ ފުރަތަމަ ކަޓައިގެން ދިޔަ އެއް ގައުމެވެ. އެގައުމުގެ ސްކޮޑުގައި ތަރިން ހިމެނޭ ނަމަވެސް، ނަތީޖާތައް ފެނުނީ ދަށްކޮށެވެ. ހާއްސަކޮށް ކުޅުނު ދެ މެޗުގައި ވެސް ރަނގަޅަށް ކުޅެ، ހަމަލާތައް އުފެއްދި ނަމަވެސް ތުރުކީއަށް ވަނީ ގޯލް ޖެހުމުގައި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އެޓީމުން އޮސްޓްރޭލިއާ ކައިރިން 2-0 އިން ބަލިވި އިރު، ޕަރަގުއާއީ ކައިރިން ބަލިވީ 1-0 އިންނެވެ.
ތުރުކީން ކަޓާފައި އޮވެގެން މާދަމާ އެމެރިކާއާ ދެކޮޅަށް ނުކުންނަ އިރު، މީޑިއާގެ އިތުރުން ސަޕޯޓަރުންގެ ފަރާތުންވެސް ވަނީ ކުޅުންތެރިންނާއި ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
"އަހަރެން އެދެން ކުޅުންތެރިންނަށް އިހުތިރާމް ދޭން. އެއީ އަހަރެމެންގެ ގައުމީ ޓީމު. އަހަރެމެންގެ ކުޅުންތެރިން. އެއީ ފުޓުބޯޅައިގެ ކުރިމަގު. އަހަންނަށް ފެނުނު ކުޅުންތެރިންނަށް ޒާތީ ގޮތުން ދިމާކޮށްފައި ހުރިތަން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މޮންޓޭޔާ ބުންޏެވެ.
މޮންޓޭޔާ ބުނީ ތުރުކީ 24 އަހަރަށްފަހު ވޯލްޑް ކަޕަށް ގެންގޮސްދިނީ އެ ކުޅުންތެރިން ކަމަށާއި، މުބާރާތުގައި އެ ކުޅުންތެރިންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ފުރިހަމައަށް ކުރިކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެ ހާލަތުގައި ޓީމު އޮއްވާ އެމެރިކާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށްވެސް މޮންޓޭޔާ ބުންޏެވެ.
ތުރުކީއާއި އެމެރިކާ ވާދަކުރާ މެޗު އޮންނާނީ މާދަމާ ހެނދުނު 7:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް