ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް އެމެރިކާގެ ސިއޭޓަލްއަށް ދާން ދިޔަ އިރާން ޓީމުގެ ކެޕްޓަން މެހްދީ ތަރޭމީއާއި އެސިސްޓެންޓް ކޯޗު ސައީދު އަލޯއީއަށް އެމެރިކާ އޮފިޝަލުންގެ ފަރާތުން އުނދަގޫތަކަކާ ކުރިމަތިވެއްޖެއެވެ.

މިފަހަރު ވޯލްޑް ކަޕްގައި އިރާނާ ދޭތެރޭ އެމެރިކާއިން އަމަލުކުރަމުންދާ ގޮތަށް އެޓީމުގެ އިތުރުން އާއްމުންގެ ފަރާތުންވެސް ވަނީ ފާޑު ކިޔަމުންނެވެ. އިރާނުން ފުރަތަމަ އެދުނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދިނުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް އެމެރިކާގައި ކުޅެން ޖެހިފައި އޮތުމުންނެވެ. އޭރު އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ.

ފުރަތަމަ ދެމެޗުން އިރާނުން ލޮސް އެންޖަލަސްއަށް ދާން ޖެހުނު އިރު، އެޓީމަށް އެމެރިކާއަށް ދާން ހުއްދަ ދީފައި އޮތީ މެޗުގެ އެންމެ ދުވަހެއް ކުރިންނެވެ. އަދި މެޗު ނިންމާ ގޮތަށް އަނބުރާ މެކްސިކޯއަށް ދާން ޖެހޭ ގޮތަށް އޮތީ އަންގައިފައެވެ.

އެހެން އެކަން އޮއްވާ، ފަހު މެޗުގެ ދެ ދުވަސް ކުރިން ސިއޭޓަލްއަށް ދެވޭނެ ގޮތަށް އެމެރިކާއިން ހަދާފައިވެއެވެ. އެއީ ބޮޑު ލުޔެއް ކަމަށް އެމެރިކާއިން ސިފަކުރި ނަމަވެސް، އޭގެ ތެރެއިން އަނެއްކާވެސް އިރާނަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.

އިރާންގެ ފުޓުބޯޅަ އިދާރާއިން ބުނީ މެކްސިކޯ އެއާޕޯޓުން އިރާންގެ ކެޕްޓަން ތަރޭމީއާއި އަލޯއީ ހިފަހައްޓާ ސުވާލު ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ޓީމު ފުރުން ލަސްވެ، 30 އަކަށް މިނެޓް މަޑުކުރަން ޖެހުނު ކަމަށްވެސް އިރާނުން ބުނެފައިވެއެވެ.

އިރާންގެ އިދާރާއިން އެކަމުގެ ތަފްސީލު އާންމު ނުކުރި ނަމަވެސް، އެ އުނދަގުލާއެކު މިހާރު ޓީމު މެކްސިކޯ އެއާޕޯޓުން ސަލާމަތްވެއްޖެ ކަމަށް ބުނެފައިވެއެވެ.

އިރާނުން މިހާތަނަށް ކުޅުނު ދެމެޗުވެސް އެއްވަރު ކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ މިސްރާ ދެކޮޅަށެވެ.