ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންގެ ނަން އިއްވައި މަޖިލިސް ޖަލްސާއިން ނެރެފިއެވެ.

އެމްޑީޕީ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވީ މަޖިލީހުގެ ކޮމިޓީއަކުން މެންބަރަކަށް ޖާގަ ނުދިން މައްސަލައިގައި، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަޑުގަދަ ކުރައްވައި ރިޔާސާ މުހާތަބު ކުރައްވަން ފެއްޓެވުމުން، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ދެންނެވުމަށްފަހު، ނާޒިލްގެ ނަން އިއްވައި ޖަލްސާއިން ނުކުންނެވުމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންގެވުުމުންނެވެ.

ނަަމަވެސް ނާޒިލް ވިދާޅުވީ ޖަލްސާއިން ނުނިކުންނަވާނެ ކަމަށާއި ނުވެސް ނެރެވޭނެ ކަމަށެވެ.

އެއަށްފަހު މަޖިިލިސް ރައީސް ވިދާޅުވީ، ކޮމިޓީ ޖާގަދޭންޖެހޭ މައްސަލައިގައި، މަޖިލީހުގެ ގަވާއިދު ބުނަނީ މެންބަރަށް ދެ ކޮމިޓީން ޖާގަ ދޭން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާން ނުޖެހޭ ކަމަށެވެ.

އެއާއެކު އެމްޑީޕީގެ ދެން ތިއްބެވި މެންބަރުންވެސް މަޖިލިސް ރައީސް އިންނަވާ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

އެ ހިސާބުން މެންބަރުންނަށް ތަކުރާރުކޮށް އިންޒާރު ދެއްވުމަށްފަހު، ވަކި ވަކިން އެ މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ނުކުންނަވަން އެންގިއެވެ. އޭގެ ފަހުން މަޖިލީހުގެ ސެކިއުރިޓީން ވަނީ ނަން އިއްވި މެންބަރުން ޖަލްސާއިން ނެރެފައެވެ.

މިއަދުގެ ޖަލާގައި ނަން އިއްވި މެންބަރުން:

  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  • ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
  • މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
  • ކަނޑިތީމުދައިރާގެ މެންބަރު އަމީން ފައިސަލް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް