މިއަހަރުގެ ފީފާ ވޯލްޑް ކަޕަކީ ތަފާތު ބޮޑު ވޯލްޑް ކަޕެކެވެ. ޖުމުލަ 48 ޓީމާއެކު ވޯލްޑް ކަޕް މި ބާއްވަނީ އަލަށެވެ. ތިން ގައުމެއްގައި ވޯލްޑް ކަޕް ކުރިއަށްދާ އިރު، 104 މެޗެއް ކުޅެވިގެންދާނެއެވެ. އޭގެ ތެރެއިން 48 މެޗު މިހާރު ނިމިފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ފަހު މަރުހަލާއަށް ވަނީ އެޅިފައެވެ. ދެން ކޮންމެ ގްރޫޕެއްގައިވެސް ބާކީ އޮތީ ފަހު ދެމެޗެވެ.

އެންމެ ބޮޑު ވޯލްޑް ކަޕާއެކު މިފަހަރުގެ ފޯމެޓަށްވެސް ވަނީ މުހިއްމު ބަދަލެއް ގެނެސްފައެވެ. މިއީ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. 12 ގްރޫޕަކަށް ބަހާލައިގެން ޓީމުތައް ކުޅެމުން އަންނަ އިރު، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމުގެ އިތުރުން، 12 ގްރޫޕްގެ ތެރެއިން 8 ގްރޫޕެއްގެ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތައްވެސް ދެވަނަ ބުރަށް ދާނެއެވެ.

މިފަހަރު ފޯމެޓަށް އައި އެ ބަދަލާއެކު، ކުރިން ވޯލްޑް ކަޕްތަކުގެ ގްރޫޕް ސްޓޭޖުގައި ޕޮއިންޓްގެ ގޮތުން އެއްވަރު ވެއްޖެނަމަ، ދެން އެންމެ ކުރިން ބަލަނީ ފައިދާ ގޯލްގެ ފަރަގަށެވެ. އޭގެފަހުން ބަލަނީ ޖެހި ގޯލަށެވެ. އޭގެ ފަހުން ފެއާޕްލޭއަށް ބެލުމާއެކު ދެން ބަލަން އޮންނަނީ ފީފާ ރޭންކިންނަށެވެ.

މިފަހަރު އެ ލިސްޓްގެ އެންމެ ކުރިއަށް ފީފާއިން ލާފައި ވަނީ ގްރޫޕް ސްޓޭޖުގައި ދެޓީމު ކުޅުނު މެޗުގެ ނަތީޖާއަށް ބެލުމަށެވެ. އެއީ ހެޑް-ޓު-ހެޑް ރެކޯޑަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މަރުހަލާއަށް އެޅިފައިވާ އިރު، އެ ބަދަލުގެ ސަބަބުން ގްރޫޕް ސްޓޭޖު ފޯރިގަދަވެއްޖެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ. އެ ބަދަލު ކިހާ ވަރަކަށް އައިސްފިތޯ ބަލަން، ކުރީގެ ވޯލްޑް ކަޕާ އަޅައި ކިޔާލުން މުހިއްމެވެ.

މިދިޔަ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ކުޅުން ނިމުނު އިރު، ތިން ގައުމަކަށް ކޮލިފިކޭޝަން ޔަގީންވިއެވެ. އެހެން ނަމަވެސް ދެ ބުރުން އެއްވެސް ޓީމަކަށް އެފަހަރު އެއްްވަނަ ޔަގީނެއް ނުކުރެވުނެވެ. އެފަހަރު ދެވަނަ ބުރު ނިމުނު އިރު، އަނެއް ބުރު ޔަގީންވެފައި އޮތް ތިން ޓީމުންވެސް އޮތީ އޭރު ދެވަނައިގައި އޮތް ޓީމު ބަލިކޮށްފައެވެ. އެހެންކަމުން މިހާރު އޮތް އުސޫލު އޮތް ނަމަ، އެ ތިން ޓީމަށް އޮންނާނީ އެއްވަނަ ޔަގީންވެފައެވެ. އޭރު އެކަން ނުވެ އޮތީ ފައިދާ ގޯލަށް ބަލާތީއެވެ.

މިފަހަރުގެ ނަތީޖާއަށް ބަލާއިރު، ފުރަތަމަ ދެ ބުރުގެ ކުޅުމާއެކު ގްރޫޕްތަކުގެ އެއްވަނަވެސް ހަތަރު ޓީމަކަށް ވަނީ ޔަގީންވެފައެވެ. އެއީ އާ ސިސްޓަމުގެ ތެރެއިން ހެޑް-ޓު-ހެޑަށް ބެލުމުން ލިބުނު ފައިދާއެކެވެ. އެގައުމުތަކަކީ މެކްސިކޯ، އެމެރިކާ، ޖަރުމަނު، އާޖެންޓީާއެވެ. އެ ހަތަރު ގައުމުންވެސް ތިން ޕޮއިންޓްގެ ލީޑަކާއެކު ފަހު މެޗަށް ނުކުންނަ ނަމަވެސް، ބަލިވިޔަސް މަގާމެއް ނުގެއްލޭނެއެވެ.

މެސީ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

ކެޓި ޓީމުތަކަށްވެސް ވަނީ އާ އުސޫލުން ތަފާތުތަކެއް ދިމާވެފައެވެ. 2022 ވަނަ އަހަރު ދެ ބުރުގެ ކުޅުމާއެކު ކަޓާފައި އޮތީ ދެޓީމެވެ. އޭރު އެހެން ދިމާވެފައި އޮތް ދެ ގައުމުވެސް އޮތީ ދެވަނައާ ހަތަރު ޕޮއިންޓް ފަރަގެއްގައެވެ.

މިފަހަރު މިހާތަނަށް ކަޓާފައި އޮތް ހެއިޓީ، ތުރުކީ، ޓިއުނީޝިއާ، ޖޯޑަން އަދި ޕެނަމާވެސް އޮތީ ތިންވަނައިގައި އޮތް ޓީމުތަކާ ތިން ޕޮއިންޓް ފަރަގެއްގައެވެ. ފަހު މެޗުތަކުން މަގާމަށް އެރެން ނެތީ، ހެޑް-ޓު-ހެޑް ނަތީޖާއަށް ބަލާތީއެވެ.

މިފަހަރު ފަހު މެޗުތަކަށް ދާއިރު، އެމެރިކާއާއި ތުރުކީ މެޗަކީ އެއްވެސް ބަދަލެއް ނާންނާނެ، ފޯރިކެނޑިފައި އޮތް މެޗެއް ނަމަވެސް ބާކީ ހުރި ހުރިހާ މެޗަކުންވެސް ގަދަ 32 ގެ ބުރަށް އަސަރުކުރާނެއެވެ. ހާއްސަކޮށް ތިންވަނަ ޓީމުތަކުގެ ތެރެއިން 8 ޓީމެއް އަނެއް ބުރަށް ދާތީ، ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގެ ކަށިގަނޑަށްވެސް ގިނަ ޓީމުތަކަކަށް އިންތިޒާރު ކުރަން ޖެހުމަކީ އާ ފޯމެޓުން އައި ބަދަލެކެވެ. ފަހު މެޗުތައް ފޯރިގަދަވުމުގެ ފުރުސަތު ބޮޑެވެ.