ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރި މުހައްމަދު އަފީފް ހުސައިން، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ.

މިދިޔަ އެޕްރީލް 27 ގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަފީފް އެ މަގާމުން ވަކިކުރީ އިއްޔެއެވެ. އޭނާ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ކަށަވަރުކޮށްދީފައެވެ.

އަފީފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ތިންވަނަ ބޭފުޅާއެވެ. މީގެކުރިން އެ މަގާމު ފުރުއްވި މުހައްމަދު ނަޖާހު އަދި މުއާޒް މުހައްމަދު ރަޝީދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މުއާޒް މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ.

ފެނަކައިގެ ޗެއާމަންކަންވެސް ކުރިން ކުރެއްވި އަފީފް، އެމްޑީގެ މަގާމުގައި ހުންނަވައިގެން ވަނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށާއި، މުވައްޒަފުންގެ އަދަދު މަދުކޮށް ކުންފުނި ޑައުންސައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރައްވައިފައެވެ. މީގެއިތުރުން ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ވަޒަންކުރުމަށް ހިންގި ސާވޭތައްވެސް ވިލަރެސްކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯގެ ދަށަށް ގެންދަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތައް އޮޑިޓާ ޖެނަރަލްގެ ރިޕޯޓުން ވަރަށް ސާފުކޮށް ފެންނާން އެބަ ހުރި ކަމަށެވެ. ފަންނީ މާހިރުންގެ ލަފަޔާއެކު ބެލިބެލުމުން، އެ ކުންފުންޏަކީ ދެން ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ތަނެއް ނޫންކަން ސާފުވެފައިވާ ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅު ހައްލަކީ ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކުރުންކަމަށް ސަރުކާރުން ނިންމީކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.