އިންގްލެންޑާ ދެކޮޅަށް ގާނާއިން ކުޅުނު މެޗުގައި އެންމެ ބޮޑު ޓާގެޓަކަށްވީ އިންގްލެންޑަށް އެޓޭކް ކުރިޔަ ނުދީ، ފޫހިކޮށްލުން ކަމަށާއި، އެކަން ފުރިހަމައަށް ކުރެވުނު ކަމަށް ކޯޗު ކާލޮސް ކޭރޯޒް ބުނެފިއެވެ.

އިންގްލެންޑާއި ގާނާ ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗު ނިމުނީ ދެޓީމަށްވެސް ގޯލެއް ނުޖެހިއެވެ. މެޗުގެ ފަހުކޮޅާ ހަމައަށް އިންގްލެންޑަށްވެސް މާގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައި ނުވާ އިރު، ރޭގެ ނަތީޖާއާއެކު އެ ގްރޫޕުގައި ގާނާއާއި އިންގްލެންޑަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުން ގާނާއިން ވަނީ ދެވަނަ ކްލީން ޝީޓެއްވެސް ހޯދައިފައެވެ.

"އަހަރެން ފަހުރުވެރިވޭ ގާނާ ކުޅުންތެރިން ކުރި މަސައްކަތަށް. ހަމަ ސީދާ ޕްލޭނަށް ކުރި މަސައްކަތް ކާމިޔާބުކުރި،" ކޭރޯޒް ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލެވިފައި ނުވާ އިރު، މުޅި މެޗުގައި އިންގްލެންޑުން ވަނީ 80 ޕަސެންޓް ވަގުތުގައި ބޯޅަ ހިފަހައްޓައިފައެވެ. އެހެން ނަމަވެސް އެއީ ގާނާއިން ބޭނުންވި ގޮތް ކަމަށް ކޭރޯޒް ބުންޏެވެ.

"ޑިފެންސް ކުރަން ޖެހުނީމަ ޖެހޭނެ ޑިފެންސް ކުރަން. އަހަންނަށް މިކަހަލަ މެޗެއްގައި ސާމްބާއެއް، ނޫނީ ރޮކް އެންޑް ރޯލްއެއް ނުކުޅެވޭނެ. އަހަރެމެން ބޭނުންވީ އިންގްލެންޑް ފޫހި ކޮށްލަން. އެކަންވި،" ކޭރޯޒް ބުންޏެވެ.

މެޗުގެ ބޮޑުބައެއްގައި އިންގްލެންޑަށް އެޓޭކް ކުރަން ގާނާއިން ފުރުސަތު ދީފައި ނުވާ އިރު، ފަހުކޮޅުގައި ނުރައްކާވިއެވެ. އެއީ ހެރީ ކޭންއާއި ބުކަޔޯ ސަކާގެ ބައެއް ހަމަލާތަކުންނެވެ. ކޭންއަށް ލިބުނު ހުސް ފުރުސަތު އޭނާ ވަނީ ނަގާލައިފައެވެ.