ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، ރޭ އުޒްބެކިސްތާން ކޮޅަށް ޖެހި ދެ ގޯލާއެކު އޭނާ ވަނީ މުހިއްމު ދެ ރެކޯޑެއް މުގުރާލައިފައެވެ. އެއީ ހަ ވޯލްޑް ކަޕެއްގައި ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާއަށް ވުމުގެ އިތުރުން ޕޯޗުގަލް ޖާޒީގައި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ.

ރޮނާލްޑޯ، 41، މިހާތަނަށް ވޯލްޑް ކަޕްގައި ޖުމުލަ 10 ގޯލް ޖަހާފައިވާ އިރު، ރޭގެ މެޗަށް ޕޯޗުގަލް ނުކުތީ ޕްރެޝަރާއެކުގައެވެ. އެއީ ފުރަތަމަ މެޗުން ޑީއާރް ކޮންގޯ ކައިރިން 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ. އެމެޗަށްފަހު މީޑިއާތަކުން އެންމެ ބޮޑަށް ފާޑުކީ، އުމުރުން ދުވަސްވެ، ރޮނާލްޑޯ ޕޯޗުގަލްއަށް ފިޓް ނޫން ކަމަށް ބުނެއެވެ. އެ ސުރުހީގެ އެތައް ހެޑްލައިނަކަށް ޖަވާބު ދެމުން، ރޮނާލްޑޯ ރޭ ގޯލް ޖެހުމަށްފަހު ކެމެރާއަށް ބުނެފައި ވަނީ "އަހަރެން އެނބުރި އައިސްފިން، އަހަރެން އެނބުރި އައިސްފިން،" މިހެންނެވެ.

"އަހަރެން ކެމެރާއަށް އެހެން ބުނީ ބައެއް މީހުންނަށް ހަނދާން އާކޮށްދޭން. ދެ ރެކޯޑެއް އިތުރަށް ހެދުން އެއީ އަހަންނަށް އުފަލެއް. އެކަމަކު އެއީއެއް ނޫން އެންމެ މުހިއްމު ކަމަކީ. އަހަންނަށް ގައުމީ ޓީމަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުން. މި ޓީމު ވަރަށް ބޮޑަށް ރަނގަޅުކޮށްފި. އަދި އެކަން ސާބިތުވެސް ކޮށްދީފި،" ޕޯޗުގަލްއާއެކު ކުރިން ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ ދެ ގޯލާއެކު 5-0 އިން ޕޯޗުގަލްއިން އުޒްބެކިސްތާން ބަލިކުރި އިރު، އެމެޗަށްފަހު ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ، ފާޑުކިޔުންތަކާއެކު ޕޯޗުގަލްއިން އެ ރައްދު ދޭނެކަން އޭނާއަށް މާކުރިންވެސް އެނގޭ ކަމަށެވެ. އަދި ޑްރެސިން ރޫމް ތެރޭގައި އެކަހަލަ ރޫހެއް އެބައޮތް ކަމަށްވެސް މާޓިނޭޒް ފާހަގަކުރިއެވެ.

ޕޯޗުގަލްއިން މިހާތަނަށް ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.