ވޯލްޑް ކަޕްގެ ތަފާތު ހަ މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
ރޮނާލްޑޯ މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ދެވަނަ މެޗުގައި މިރޭ އުޒްބެކިސްތާން ކޮޅަށް ދެ ގޯލް ޖެހިއެވެ. ފިރިހެން ވޯލްޑް ކަޕް ފަސް މުބާރާތެއްގައި ގޯލް ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔަކީވެސް ރޮނާލްޑޯއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ކުޅުންތެރިންނަކީ ރޮނާލްޑޯގެ އިތުރުން ލިއޮނަލް މެސީއާއި ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭގެ އިތުރުން މިރްސްލާވް ކްލޯސާ އަދި ޖަރުމަނުގެ އައިކަން އޫވޭ ސީލާއެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ރޮނާލްޑޯ ވަނީ 10 ގޯލް ޖަހައިފައެވެ. މިރޭގެ މެޗަށް ނުކުތް އިރުވެސް ރޮނާލްޑޯ ވަނީ މީގެ ކުރިން 2006، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް އަދި ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ގޯލް ޖަހައިފައެވެ. އޭގެ ތެރެއިން ފުރަތަމަ 2006 ގައި ރޮނާލްޑޯ ކުޅުނު ވޯލްޑް ކަޕްގައި އޭނާ ގޯލު ޖެހީ އިރާނު ކޮޅަށެވެ. އެ ގޯލަކީ 80 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއެކެވެ.
އެ ގޯލާއެކު ރޮނާލްޑޯ ވެފައި ވަނީވެސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި އެންމެ ޒުވާން ޕޯޗުގީޒް ކުޅުންތެރިޔާއަށެވެ. އޭރު ރޮނާލްޑޯގެ އުމުރަކީ 21 އަހަރާއި 132 ދުވަހެވެ. ރޮނާލްޑޯއަކީ މިހާރު ޕޯޗުގަލްއަށްވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ. ޔޫސެބިއޯ އަތުގައި ކުރިން އެ ރެކޯޑު އޮތީ ނުވަ ގޯލް ޖަހައިގެންނެވެ.
ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯއަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑުވެސް އޮންނަ ކުޅުންތެރިޔާއެވެ. ކެރިއަރުގައި 975 އަކަށްވުރެ ގިނަ ގޯލް ޖަހާފައިވާ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ރެކޯޑު 145 ގޯލް ޖަހައިދީފައެވެ.
މިރޭގެ މެޗަށްފަހު ރޮނާލްޑޯ ބުނީ މިދިޔަ ހަފުތާއަކީ އުނދަގޫ ހަފުތާއެއް ކަމަށާއި، ރިޓަޔާކުރުމުގެ ވިސްނުން އައިހެން ހީވި ކަމަށެވެ. އެހެން ނަމަވެސް ޕޯޗުގަލްގެ އެނބުރި އައުން ފުރިހަމަ ކަންވެސް އޭނާ ފާހަގަކުރިއެވެ.
ޕޯޗުގަލްއިން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯއާ އެއްވަރުވީ 1-1 އިންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް