ވޯލްޑް ކަޕް 2026 ގައި ގާނާ އިން ވަރުގަދަ އިންގްލެންޑް ހިފަހައްޓައިފިއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އެއް ގައުމީ ފުޓުބޯޅަ ޓީމު ކަމަށްވާ އިނގިރޭސި ގައުމީ ޓީމަކީ، ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ނަމެކެވެ. އިނގިރޭސި ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. އޭގެ ފަހުން ވޯލްޑް ކަޕްގެ ތަށްޓެއް ނުލިބުނު ނަމަވެސް، 1990 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފައެވެ. އެގޮތުން 2018 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިވީ ކްރޮއޭޝިއާ އަތުން އިތުރު ވަގުތުގައެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައި އިންގްލެންޑް އަލްވަދާއު ކިޔާފައިވަނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

ޔޫރަޕުގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯގައި އެ ޓީމުން ވަނީ ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ކުޅެ، މުބާރާތުގެ ރަނަރަޕްކަން ވަނީ ހޯދައިފައެވެ.

މިހާރު އިނގިރޭސި ޓީމު އޮތީ އާ މިސްރާބަކަށް ދަތުރު ފަށައިފައެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން، ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުލެވޭ މި ޓީމުގެ އެންމެ ބޮޑު އަމާޒަކީ، ގިނަ އަހަރުތަކަކަށްފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށްޓެއް އަލުން ކާމިޔާބުކޮށް ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.

ގާނާގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި އުފެދުނު އެންމެ ކާމިޔާބު އެއް ޓީމެވެ. ފީފާ ވޯލްޑް ކަޕްގައި ގާނާއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައެވެ. މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. މިއީ އެފްރިކާގެ ގައުމަކުން ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ސަރަހައްދީ ފެންވަރުގައިވެސް ގާނާއަކީ ގަދަ ބާރެކެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި އެ ޓީމުން ވަނީ ހަތަރު ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1963، 1965، 1978 އަދި 1982 ވަނަ އަހަރުއެވެ. މީގެ އިތުރުން ފަސް ފަހަރެއްގެ މަތީން އެ މުބާރާތުގެ ރަނަރަޕްކަންވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

އިނގިރޭސީން އަދި ގާނާ އިން ވެސް ވަނީ "ގްރޫޕު އެލް"ގެ ފުރަތަމަ މެޗުން މޮޅެއް ހޯދައިފައެވެ. އިނގިރޭސިން ކުޅުނު ފުރަތަމަ މެޗުގައި ކޭންގެ ދެ ގޯލާއެކު 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ވަނީ ބަލިކޮށްފައެވެ. އަދި ގާނާގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ޕެނަމާ ބަލިކުރިއެވެ. އެހެންކަމުން މިރޭގެ މެޗު ކާމިޔާބުކުރާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.

އިންގްލެންޑާއި ގާނާ އިން ވެސް މެޗަށް ނުކުތީ ބަދަލުތަކަކާއެކުއެވެ. އެގޮތުން އިންގްލެންޑުން ޑިފެންސަށް ޖޯން ސްޓޯންސް އާއި ނިކޯ އޯ ރައިލީގެ ބަދަލުގައި މާކް ގޭހީ އާއި ޖެޑް ސްޕެންސް ވަނީ ނެރެފައެވެ. އެހެން އެއްވެސް ޑިޕާޓްމަންޓަކަށް އިންގްލެންޑުން ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިރޭގެ މެޗުގައި އިނގިރޭސި ޓީމުގެ ފުރަތަމަ 11 ގައި ވެސް މެދުތެރޭގައި ޑެކްލެން ރައިސް ފާހަގަކޮށްލެވޭ އިރު، އެޓޭކުގައި ހެރީ ކޭންއާއެކު ޖޫޑް ބެލިންހަމް އާއި އެންތޮނީ ގޯޑަން އަދި ނޮނީ މަޑުއެކޭ ހިމެނެއެވެ. އަދި ފުލް ބެކަކުން ރީސް ޖޭމްސް މިރޭ ވެސް ފެންނަ އިރު، އެންމެ ފަހަތުގައި އެޒްރީ ކޮންސާ ހިމެނެއެވެ. އަދި ގޯލްކީޕަރެއްގެ ގޮތުގައި ހިމެނެނީ އެއް ނަމްބަރު ކީޕަަރު ޖޯޑަން ޕިކްފޯޑްއެވެ. ބުކަޔޯ ސަކާ މިރޭ ވެސް ފެށީ ބެންޗުންނެވެ.

ރޭޕްގެ ދައުވާއެއް ކޮށްފައިވާތީ ކެނެޑާގެ ގާނޫނު އޮންނަގޮތުން، ގާނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ތޯމަސް ޕާޓޭއަށް ވިސާ ހަމަޖެހިފައިނުވާތީ ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުން ނުފެނުނު ނަމަވެސް، އެމެރިކާގައި ކުޅޭތީ މިރޭގެ މެޗުގައި އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ގޮސްފައެވެ. ގާނާގެ ތަރި އެންޓޮއިން ސެމެންޔޯ އާއި ތަޖުރިބާކާރު ފޯވަޑް ޖޯޑަން އަޔޫ، ފުރަތަމަ 11 ގައި ހިމެނެއެވެ. އޭގެ އިތުރުން މިރޭގެ މެޗަށް އެންމެ ކުރިން އިނާކީ ވިލިއަމްސްއަށް ވަނީ ފުރުސަތު ދީފައެވެ. ގާނާގެ ކީޕަރު ލޯރެންސް އަޓާ ޒިގީއަށް ޕެނަމާ މެޗުގައި އަނިޔާވުމާ ގުޅިގެން މިރޭގެ މެޗުގައި އެޓީމުގެ ގޯލު ބެލެހެއްޓީ ބެންޖަމިން އަސާރޭއެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި އިންގްލެންޑާއި ގާނާ މިރޭ ކުޅުނު "ގްރޫޕު އެލް" ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ވަރުގަދަ އެޓޭކިން ކުޅުމަކާއެކު ފެށި މެޗުގެ 13 ވަނަ މިނެޓުގައި އިންގްލެންޑުން ނުރައްކާކުރިއެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ޑެކްލެން ރައިސް، ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގާނާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިންގްލެންޑުން ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ އިރު، ގާނާ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ޑިފެންސަށް ވިސްނައިގެންނެވެ. އިންގްލެންޑަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ނޮނީ މަޑުއެކޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ރައިސް ބޮލުން ފޮނުވާލި ހަމަލާ، ގާނާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ގާނާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަަނަ ހާފު ވެސް ކުރިއަށް ޖެހިގެން އެޓޭކާއެކު ފެށި އިންގްލެންޑުން ވަނީ މެޗުގެ 57 ވަނަ މިނެޓުގައި ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. މަޑުއެކޭ ފޮނުވާލި ހަމަލާ، ގާނާގެ ޑިފެންސުން ބްލޮކްކުރި އިރު، އެންތަނީ ގޯޑަން ފޮނުވާލި ހަމަލާ، ގާނާގެ ކީޕަރު ބަންޖަމިން އަސާރޭ ވަނީ ދިފާއުކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ވެސް އިންގްލެންޑަށް ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ރައިސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެލިއޮޓް އެންޑަސަން ބޮލުން ފޮނުވާލި ހަމަލާ، ގާނާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ކޭން ފޮނުވާލި ބޯޅަ، ގާނާގެ ކީޕަރު އަސާރޭ ވަނީ މަތަކޮށްފައެވެ. އޭގެ ދިހަ މިނެޓު ފަހުން ގާނާގެ ޕްރިންސް ކުވަބޭނާ އަޑޫއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޯޅަ ފޮނުވާލުމުގެ ކުރިން އެޒްރީ ކޮންސާ ވަނީ ޓެކަލްކޮށް ދިފާއުކޮށްފައެވެ.

މެޗުގެ 86 ވަނަ މިނެޓުގައި އިންގްލެންޑަށް ކައިރިކައިރީގައި ތިން ފުރުސަތެއް ލިބިގެންދިޔއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސަކާ ފުރަތަމަ ފޮނުވާލި ހަމަލާ، ގާނާގެ ކީޕަރު އަސާރޭ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ފަހުން ޖޭމްސް ނަގައިދިން ހުރަހަކުން އޯ ރައިލީ ބޮލުން ފޮނުވާލި ހަމަލާ، ގާނާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިންގްލެންޑް ކެޕްޓަން ކޭން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ގްރޫޕުގައި އިންގްލެންޑް އަދި ގާނާއަށް ވެސް ދެ މެޗުން ލިބިފައިމިވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕުގައި ދެން ހިމެނޭ ޕެނަމާ އާއި ކްރޮއޭޝިއާއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ކްރޮއޭޝިއާ އާއި ޕެނަމާ އިން ރާއްޖޭގަޑިން ދަންވަރު 4:00 ގައި ބައްދަލުކުރާނެއެވެ.