ވޯލްޑް ކަޕް 2026 ގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާއެކު އުޒްބެކިސްތާން ބަލިކޮށް، ޕޯޗުގަލުން ދެވަނަ ބުރުގެ އުންމީދެއް އާކޮށްފިއެވެ.
ޕޯޗުގަލުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ހާއްސަކޮށް ފަހުގެ ތާރީހެއްގައި މި ޓީމުން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ. މަޝްހޫރު ކުޅުންތެރިޔާ އުސޭބިއޯގެ މޮޅު ކުޅުމާއެކު ހޯދި މި ކާމިޔާބީގެ އިތުރުން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ވެސް އެ ޓީމުން ވަނީ ހޯދައިފައެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޕޯޗުގަލްގެ އެންމެ ފަހުރުވެރި ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫއެފްއޭ ޔޫރޯ މުބާރާތް ކާމިޔާބުކުރުމެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އަލަށް ފެށި ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަންކަން ވެސް ހޯދީ ޕޯޗުގަލުންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އުފައްދާފައިވާ ޕޯޗުގަލް ޓީމަކީ މިއަދު ފުޓުބޯޅައިގެ ވަރުގަދަ ބާރެކެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު، ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް ޕޯޗުގަލްއަކީ އިދިކޮޅު ޓީމުތަކަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. އަދި މި ވޯލްޑް ކަޕްގައި ޕޯޗުގަލްއަކީ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ.
އުޒްބެކިސްތާން ގައުމީ ފުޓުބޯޅަ ޓީމަކީ މެދުތެރޭ އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބާރެވެ. 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އުޒްބެކިސްތާންގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމެވެ. ޔޫއޭއީއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް، އަދި ފަހުން ގަތަރު 3-0 އިން ބަލިކޮށް، އެ ޓީމުން ވަނީ ތާރީހުން ޖާގަ ހޯދައިފައެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، 1994 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއިން ރަން މެޑަލް ހޯދުމުގެ އިތުރުން، 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ހަތަރުވަނަ މަގާމު ހޯދިއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ކާފާ ނޭޝަންސް ކަޕްގެ ތަށިވެސް ވަނީ އުފުލާލައިފައެވެ. ގައުމީ ޓީމަށް 44 ގޯލު ޖަހައިދީފައިވާ ކެޕްޓަން އެލްޑޯ ޝޮމުރޮޑޯވް އާއި އަބްދުކޮދިރް ހުސަނޯވް ފަދަ ކުޅުންތެރިންނާއެކު، އުޒްބެކިސްތާން ޓީމު މިހާރު އޮތީ ބައިނަލްއަގުވާމީ މައިދާނުގައި އައު ހަރުފަތަކަށް އެރުމުގެ މަގުމަތީގައެވެ.
މިރޭގެ މެޗަށް ނުކުތް އިރު، "ގްރޫޕު ކޭ" ގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ޑީއާރް ކޮންގޯ އަތުން އެއްވަރުވެ، ރޮނާލްޑޯ އާއި ޕޯޗުގަލަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އުޒްބެކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 3-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަށް ޕޯޗުގަލުން ބަދަލުތަކެއް ގެނެސްފައިވާ އިރު، ތަޖުރިބާކާރު ޑިފެންޑަރު ރުބެން ޑިއާޒަށް ވަނީ ފުރަތަމަ 11 އިން ޖާގަ ދީފައެވެ. އޭގެ އިތުރުން ބެނާޑޯ ސިލްވާގެ ބަދަލުގައި މިރޭގެ މެޗު ފެށީ ޖޮއާ ފެލިކްސްއެވެ. މިރޭ ވެސް ކެޕްޓަން ރޮނާލްޑޯއާއެކު ބްރޫނޯ ފެނާންޑޭޒް، ވިޓީނިއާ، ޖޮއާ ނެވޭސް، ވިޓީނިއާ، ޕެޑްރޯ ނެޓޯ، ނޫނޯ މެންޑޭޒް އަދި ޖޮއާ ކަންސެލޯ ހިމެނެއެވެ. ބެންޗުގައި ވެސް ތަޖުރިބާކާރު މިޑްފީލްޑަރު ރުބެން ނެވޭސް، ރަފައެލް ލިއާއޯ އަދި ފްރެންސިސްކޯ ކޮންސެކާއޯ ފަދަ ކުޅުންތެރިން ހިމެނެއެވެ. އުޒްބަކިސްތާން މިރޭގެ މެޗަށް ވެސް ވަނީ ކެޕްޓަން އެލްޑޯ ޝޮމުރޮޑޯވް އާއި އަބްދުކޮދިރް ހުސަނޯވް އާއެކު ވަނީ ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ކޭ" ގެ މެޗުގައި ޕޯޗުގަލުން އުޒްބެކިސްތާންގެ މައްޗަށް ކުރި ހޯދީ 5-0 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ އެޓޭކަކާއެކު ފެށި ޕޯޗުގަލުން ވަނީ މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ނުރައްކާކޮށްފައެވެ. ނެވޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، އަބްދުﷲ އަބްދުއްލައޭވް ވަނީ ބްލޮކްކޮށްފައެވެ. އޭގެ ފަހުން ނޫނޯ މެންޑޭޒްގެ ރީތި ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ނަމަވެސް، އެ ބޯޅަ، ރޮނާލްޑޯގެ ފައިގައި ލައްވާލާ ގޮތެއް ނުވިއެވެ.
މެޗުގެ ހަ ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޖޮއާ ކެންސެލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާ، އުޒްބެކިސްތާންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލަށް ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެ ގޯލާއެކު ރޮނާލްޑޯ ވެފައިވަނީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ، އުޒްބެކިސްތާނުގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭޒްއެވެ.
އޭގެ މިނެޓެއް ފަހުން އުޒްބެކިސްތާނުގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޝެރްޒޯދް ނަސްރުއްލައޭވް ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، އުޒްބެކިސްތާންގެ އަޒީޒް ގަނިއޭވް ރީތިކޮށް ޕޯޗުގަލް ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލިއެވެ. ނަމަވެސް އޭގެ ކުރިން ކެންސެލޯއަށް އަބޯސްބެކް ފޭޒުއްލައޭވް ފައުލްކޮށްފައިވާތީ، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ ފައުލެއް ކަމަށެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ޕޯޗުގަލަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް އުޒްބެކިސްތާނުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ޕޯޗުގަލަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. ޔޫސެބިއޯ އަތުގައި އޮތް އެ ރެކޯޑު ރޮނާލްޑޯ މުގުރާލީ ޖުމުލަ ދިހަ ގޯލާއެކުއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ހެޓްރިކް ފުރިހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އުޒްބެކިސްތާން ކީޕަރު އަބްދުވޮހީދް ނެމަޓޯވް ބޯމަތިން ރޮނާލްޑޯ ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް، ގޯލު ލައިންމަތިން ހުސަނޯވް ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވަރުގަދަ އެޓޭކަކާއެކު ޕޯޗުގަލުން ފެށި ނަމަވެސް، ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އުޒްބެކިސްތާނުން ވަނީ ނުރައްކަލެއް ކޮށްފައެވެ. އޮތަބެކް ޝުކުރޯވް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ހެޓްރިކް ފުރިހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމެއްގައި ރޮނާލްޑޯ ކުރިއަށް ޖެހުމާއެކު ފެނާންޑޭޒް ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ، އުޒްބެކިސްތާން ކީޕަރު ނެމަޓޯވް ކުރިއަށް ނުކުމެ ވަނީ މަތަކޮށްފައެވެ.
ރޮނާލްޑޯގެ ބޯޅަ ކީޕަރު ނެމަޓޯވް މަތަކުރުމާއެކު ލިބުނު ކޯނަރުން ޕޯޗުގަލުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ކޯނަރުން ފެނާންޑޭޒް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފީލިކްސް ފޮނުވާލުމުން، ގޯލުގެ ތެރެއަށް ވަދެފައިވަނީ އުޒްބެކިސްތާންގެ ކީޕަރު އުބްދުހޮވިދް ނެމަޓޯވް އަތުން ބައިކޮޅަށެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ރޮނާލްޑޯއަށް ހެޓްރިކް ފުރިހަމަކުރުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އުޒްބެކިސްތާން ކީޕަރު ނެމަޓޯވްއަށް ހެދުނު ގޯހަކުން ބޯޅަ ހޯދައި، ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ކީޕަރު ނެމަޓޯވް ވަނީ މަތަކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން އުޒްބެކިސްތާން ކެޕްޓަން ޝޮމުރޮޑޯވްއަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ޕޯޗުގަލަށް ފަސްވަނަ ގޯލު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، އުޒްބެކިސްތާންގެ ކީޕަރު ނެމަޓޯވް ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޕޯޗުގަލުން ވަނީ ފަސް ގޯލުގެ ލީޑެއް ހޯދައިފައެވެ. ނެލްސަން ސެމޭޑޯ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އުޒްބެކިސްތާންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަފައެލް ލެއާއޯ އެވެ.
މި ނަތީޖާއާއެކު ޕޯޗުގަލަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައެވެ. އެއް މެޗުން ކޮލަމްބިއާއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ކޮންގޯއަށް އެއް މެޗުން ޕޮއިންޓެއް ވަނީ ލިބިފައެވެ. އުޒްބެކިސްތާނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް