ސިއްހީ ދާއިރާގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މިހާރުވެސް 200 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށްއެބަ ގެންދާ ކަމަށް މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަ ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޒަމީރު ސުވާލު ކުރެއްވީ، ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން އުމްރާނީ ގޮތުން ކިހާ މަސައްކަތެއް މިހާތަނަށް ކުރެވިއްޖެތޯ އޮޅުން ފިލުއްވުމަށެވެ.
ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި 200 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް އެބަ ގެންދެވޭ ކަމަށެވެ.
އެއީ މީގެ ކުރިން އޮތް ސަރުކާރުން ހިންގި މަޝްރޫއުތަކެއް ވެސް ހިމެނިގެން ކަމަށާއި މި ސަރުކާރުން އެކަނި ވެސް 150 އަށްވުރެ ގިނަ މަޝްރޫއު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއަށް ހޭދަ ކުރުމަށް 5.98 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ބަޖެޓް ފާސްކޮށް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ.
ސިއްހީ ދާއިރާގެ އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން، 26 މަޝްރޫއެއް ފުރިހަމަކޮށް 17 މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައިވާ އިރު 30 މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއިން ހިނގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި މުޅިން އާ 30 ހޮސްޕިޓަލެއްގެ މަސައްކަތާއި 24 ސިއްހީ މަރުކަޒާއި ހަތަރު ޓާޝަރީ ހޮސްޕިޓަލާއި އަޕްގްރޭޑިންގެ 90 މަޝްރޫއު ހިމެނޭ ކަމަށެވެ.
މިއީ މިހާތަނަށް އެއްވެސް ސަރުކާރުން ސިއްހީ ދާއިރާއަށް ކޮށްފައިވާ ނުވާ ވަރުގެ އިންވެސްމެންޓެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް