ހުޅުމާލެ ފޭސް ދޭގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރާ މެންބަރު ސުވާލު ކުރައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމަކީ އެ ސިޓީގެ ރައްޔިތުން އުފުލަމުންދާ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.
ހުޅުމާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕްގެ ހިދުމަތްތަކުގެ އަގުތައް ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށްވުރެވެސް ބޮޑުކަން ގިނަ ބަޔަކު ފާހަގަކުރާ ކަމަށްވެސް ވިދާާޅުވިއެވެ.
އެހެންކަމުން މެންބަރު ސުވާލު ކުރެއްވީ، ހުޅުމާލޭގައި ސަރުކާރުގެ އާ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައި ތޯ އާއި، ޓްރީޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯދުމުގައި ހިނގާ ހަރަދުތައް ކުޑަކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާރު ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރަން ހަމަޖެހިފައި ވަނީ 500 އެނދުގެ ހިދުމަތްދޭ މަރުކަޒެއް ކަމަށާއި، މި މަޝްރޫއަށް މިހާރުވަނީ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީފައި ކަމަށެވެ.
އެހެންކަމުން މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށާއި، އެގޮތުން ޓެކްނިކަލް ރިކުއަމަންޓްސް ކަނޑައެޅުމާއި ހިދުމަތްތައް ޕްލޭން ކުރުމާއި އިންޖިނިއަރިންގެ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
ޒަމާނީ ވަޒީލަތްތަކާއެކުގައި ގާއިމްކުރާ މި ހޮސްލިޓަލުން އަންހެނުންނާއި ކުޑަ ކުދިންގެ ހާއްސަ ފަރުވާތަކާއި ކެންސަރުބަލީގެ ފަރުވާގެ އިތުރުން ސުޕަ ސުޕަލިސްޓް ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް