ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، އެފަދަ ފަރާތްތަކަށް ހިދުމަތް ދިނުމަށް 80 އަށްވުރެ ގިނަ ތެރަޕިސްޓުން މިހާރު ހިދުމަތުގައި ތިއްބެވި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކާޑު ދައްކާލުމުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ މަގު މިހާރުވެސް ފަހިވެފައިވާ ކަމަށެވެ.
ޖިސްމާނީ ނުވަތަ އެހެނިހެން ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެފަދަ ކުދިންނަށް އެއް ތަނެއްގައި މާގިނަ ވަގުތު ހޭދަކުރުމަކީ ދަތިކަމެއް ކަމަށާއި އެހެންވެ އެފަދަ ކުދިންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅުތެރޭގައާއި މާލޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދިނުމަށް ގިނަ އަދަދެއްގެ ތެރަޕިސްޓުން ހިދުމަތަށް ނެރެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރު އެކަނިވެސް 50 ތެރަޕިސްޓުން ހިދުމަތުގައި ގާއިމުކޮށް ބޭތިއްބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރިން ހިދުމަތުގައި ތިއްބެވި ފަރާތްތަކާއެކު މިހާރު 80 އަށްވުރެ ގިނަ ތަފާތު އެކި ފަންނުގެ ތެރަޕިސްޓުން ހިދުމަތް ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި، ސައިކޯތެރަޕިސްޓުންގެ އިތުރުން ފިޒިއޯތެރަޕިސްޓުން ހިމެނެއެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުދިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިހާރުވެސް އެކަށީގެންވާ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް