އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި ފުޓުބޯޅައިގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ލިއޮނެލް މެސީ، ކިލިއަން އެމްބާޕޭ އަދި އާލިން ހާލަންޑް އަންނަނީ ތަފާތު މަންޒަރުތަކެއް ދައްކަމުންނެވެ. މި ތިން ކުޅުންތެރިންގެ ފަރާތުން ފެންނަނީ "އެކަކަށް ކުރެވޭ ކަމެއް އަނެކަކަށް ވެސް ކުރެވޭނެ" ކަމުގެ ރޫހެކެވެ.

މުބާރާތުގެ ކުޅުން ކުރިއަށްދާ ވަރަކަށް، އެއް ކުޅުންތެރިޔަކު ދައްކާ މޮޅު ކުޅުމަށް، އަނެއް ކުޅުންތެރިޔާ އަންނަނީ ހަމަ އެފަދަ މޮޅު ކުޅުމަކުން ރައްދުދެމުންނެވެ. ގޯލު ޖެހުމާއި، ގޯލު ޖަހަން މަގުފަހިކޮށްދިނުމުގެ އިތުރުން، މެޗުތަކުން މޮޅުވުމުގައި މި ކުޅުންތެރިން ދައްކާ ޖާދުލުގެ ސަބަބުން، މިއީ މުބާރާތުގެ ތެރޭގައި ހިނގާ ނުރަސްމީ ވަކި މުބާރާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ސްޓޭޑިއަމްތަކުގައި ސަޕޯޓަރުންގެ އަޑުގަދަވެފައިވާ އިރު، ކޮންމެ މެޗަކުން ވެސް މި ތަރިންގެ ފަރާތުން އާ ކަންތައްތަކެއް ފެންނާނެ ކަމަށް އުންމީދުކުރެވެއެވެ.

މެސީ: އުމުރުން 38 އަހަރުގައި ވެސް ރެކޯޑު މުގުރުމުގައި

ވޯލްޑް ކަޕް 2026 ގައި އޮސްޓްރިއާ ކޮޅަށް ގޯލު ޖެހުމަށްފަހު އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޖުމުލަ 8 ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ، އުމުރުން 38 އަހަރުގެ މެސީއަށް މިއީ އެންމެ ފަހު ވޯލްޑް ކަޕަށްވާނެ ކަމަށް ބެލެވޭ އިރު، އޭނާ އަންނަނީ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި އޭނާ ބެލެވޭ ސަބަބު އަނެއްކާވެސް ސާބިތުކޮށްދެމުންނެވެ. އާޖެންޓީނާގެ މި ކެޕްޓަން އަންނަނީ އޭނާގެ ތަފާތު ވިސްނުމާއި، އުފެއްދުންތެރިކަމާއެކު މެޗުތައް ކޮންޓްރޯލްކުރަމުންނެވެ. ޓީމަށް އެންމެ މުހިންމު ވަގުތުތަކުގައި ނަތީޖާ ނެރެދިނުމުގައި އޭނާ އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ކެރިއަރުގެ ފަހުކޮޅުގައި ހުރި ނަމަވެސް، ދުނިޔޭގެ މަދު ކުޅުންތެރިޔަކަށް ނޫނީ ނުދެއްކޭ ފަދަ ޖާދޫވީ ކުޅުމެއް މެސީގެ ފަރާތުން ފެންނަމުންދެއެވެ.

އާޖެންޓީނާގެ ކުޅުން ބައްޓަންކޮށްފައިވަނީ މެސީގެ ވަށައިގެން ކަމަށްވާ އިރު، އޭނާގެ ކޮންމެ ހަރަކާތަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ބިރެކެވެ. ރެކޯޑު މުގުރަމުން ގޮސް، ދުވަސްވީ، ޝަރަފުވެރި ރެކޯޑެއް ވެސް އޭނާ މުގުރާލައިފިއެވެ. އޭނާ އޮސްޓްރިއާ ކޮޅަށް ރޭ ޖެހި ދެ ގޯލާއެކު، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް ވަނީ މުގުރާލައިފައެވެ. އެއީ ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާ، 2014 ގެ ވޯލްޑް ކަޕްގައި ގާއިމުކުރި ރެކޯޑެވެ. އޭނާ ވަނީ 16 ގޯލު ޖަހައިފައެވެ. މި ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން މެސީ ވަނީ ފަސް ގޯލު ޖަހައިފައެވެ. އޭގެ ތެރޭގައި އަލްޖީރިއާ ކޮޅަށް ހެދި ހެޓްރިކް ފާހަގަކޮށްލެވެއެވެ. މިއީ މެސީގެ ހަވަނަ ވޯލްޑް ކަޕެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އެއީ ވެސް ރެކޯޑެކެވެ.

އެމްބާޕޭ: މެސީއަށް ދޫދޭކަށް ނޫޅޭ

ވޯލްޑް ކަޕް 2026 ގައި އިރާގު ކޮޅަށް ގޯލު ޖެހުމަށްފަހު ފްރާންސް ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

އުމުރުން 27 އަހަރުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ވެސް އަންނަނީ އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. މީގެ ކުރިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އެމްބާޕޭއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވަޑެވެ. އޭނާގެ ހަލުވި ދުވެއްޔާއި، ގޯލާ ރައްޓެހިކަމުގެ ސަބަބުން އިދިކޮޅު ޓީމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މެސީ މޮޅު ކުޅުމެއް ދައްކައި، ސަމާލުކަން ހޯދާ ކޮންމެ ފަހަރަކު، އެމްބާޕޭ ވެސް އަންނަނީ ހަމަ އެފަދަ މޮޅު ކުޅުމަކުން ރައްދުދެމުންނެވެ. ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހު ފުޓުބޯޅައިގެ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔަކަށް އޭނާ ވާނެކަން، މި މުބާރާތުގައި ދައްކަމުން އަންނަ ކުޅުމުން ސާބިތުވެއެވެ.

ކްލަބު ލެވެލްގައި ރެއާލް މެޑްރިޑަށް ކުޅޭ އެމްބާޕޭގެ ނުރައްކާތެރިކަން ވޯލްޑް ކަޕްގައި ފްރާންސް ޓީމުން އަބަދުވެސް ފެންނަމުންދެއެވެ. ފްރާންސް ޓީމުގެ އެޓޭކްތައް އެމްބާޕޭގެ ހަލުވިކަމުގެ މައްޗަށް ބިނާކޮށްފައިވާ އިރު، އޭނާ ހުއްޓުވުމަކީ ކޮންމެ ޑިފެންސަކަށް ވެސް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. މެސީގެ ފަހަތުން ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާ ވެސް އޭނާ ވަނީ ގާތަށް ޖެހިލައިފައެވެ. މި ވޯލްޑް ކަޕްގައި ދެ މެޗުން އެމްބާޕޭ ހަތަރު ގޯލު ޖަހާފައިވާ އިރު، ތިން ވޯލްޑް ކަޕުން އޭނާ މިވަނީ ޖުމުލަ 16 ގޯލު ޖަހައިފައެވެ. މެސީ މުގުރާލި ރެކޯޑު މުގުރުމަށް އޭނާއަށް ބޭނުންވަނީ އެންމެ ތިން ގޯލެވެ. އެހެންކަމުން އެ ރެކޯޑަށްޓަކައި މުބާރާތުގައި މެސީ އާއި އެމްބާޕޭގެ ވާދަވެރިކަން ވަރަށް ބޮޑުވާނެއެވެ.

ހާލަންޑް: ފުރަތަމަ ވޯލްޑް ކަޕްގައި ވެސް ގޯލު މެޝިނެއް

ވޯލްޑް ކަޕްގައި ނޯވޭ ތަރި ހާލަންޑްގެ ކުޅުނު ފުރަތަމަ މެޗުގައި، އިރާގު ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އުމުރުން 25 އަހަރުގެ ނޯވޭގެ ވަރުގަދަ ސްޓްރައިކަރު އާލިން ހާލަންް ވޯލްޑް ކަޕްގައި ކުޅޭ މިއީ ފުރަތަމަ ފަހަރަށްވާ އިރު، މިއީ ގިނަ ބަޔަކު ވަރަށް އިންތިޒާރުކުރި ކަމެކެވެ. ކްލަބް ލެވެލްގައި އޭނާ ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑުތަކާއެކު، ވޯލްޑް ކަޕްގެ ޕްރެޝަރާ އޭނާ ވަނީ ވަރަށް ފުރިހަމައަށް ކުރިމަތިލައިފައެވެ. ހާލަންޑްގެ ވަރުގަދަ ހަށިގަނޑާއި، ދަނޑުމަތީގައި އޭނާ ހަރަކާތްތެރިވާ ގޮތާއި، ގޯލު ޖެހުމުގެ ހުނަރުގެ ސަބަބުން، އޭނާ ވެފައިވަނީ މުބާރާތުގެ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާއަށެވެ.

މެސީ ނުވަތަ އެމްބާޕޭ މޮޅު ކުޅުމެއް ދައްކާ ކޮންމެ ފަހަރަކު، ހާލަންޑް ވެސް އަންނަނީ ނަތީޖާ ނެރެދިނުމުގައި އޭނާއަކީ ވެސް ހަމަ އެފަދަ މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން މަސައްކަތްކުރަމުންނެވެ. ނޯވޭ ފަދަ ޓީމެއް ވޯލްޑް ކަޕްގެ ސްޓޭޖަށް ގެނައުމުގައި ހާލަންޑްގެ ދައުރު ބޮޑުއިރު، އޭނާގެ ފިޒިކަލް ކުޅުމުގެ ސަބަބުން ޑިފެންޑަރުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. މެންޗެސްޓާ ސިޓީއެކޭ އެއްފަދައިން ނޯވޭއާއެކު ވެސް ހާލަންޑަކީ ގޯލު މެޝިނެކެވެ.

ވާދައަށް ގޯލު ޖެހުން، ބޮޑު ޝައުގުވެރިކަމެއް

މެސީ، އެމްބާޕޭ އަދި ހާލަންޑް، މި ތިން ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަމުގެ އެންމެ ރީތި ސިފަޔަކީ، އެކަކު އަނެކަކަށް ކުރާ އިހުތިރާމެވެ. މިއީ ކުޅުމުގެ ވައްޓަފާޅި ވަރަށް ތަފާތު ތިން ކުޅުންތެރިންނެވެ. މެސީ ބަރޯސާވަނީ އޭނާގެ އުފެއްދުންތެރިކަމާއި ވިސްނުމުގެ މައްޗަށެވެ. އެމްބާޕޭ ބޭނުންކުރަނީ އޭނާގެ ހަލުވިކަމާއި ޓެކްނިކަލް ހުނަރެވެ. އަދި ހާލަންޑް ބަރޯސާވަނީ އޭނާގެ ހަށިގަނޑުގެ ވަރުގަދަކަމާއި ގޯލު ކުރިމަތީގައި އޭނާގެ ހުޝިޔާރުކަމަށެވެ. ނަމަވެސް، މި ތިން ކުޅުންތެރިންގެ ކިބައިގައި ވެސް ކާމިޔާބީއަށް އެދޭ މިންވަރު އެއްގޮތެވެ.

ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް، މި ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަން ވެފައިވަނީ ވޯލްޑް ކަޕް 2026 ގެ އެންމެ ހާއްސަ އެއް ސިފައަށެވެ. މި ތިން ކުޅުންތެރިން މެޗުުތަކުން ފެންނަނީ ވެސް އެއް ރެއެއްގައެވެ. ރެއަކީ، އެކަކު އަނެކަކާ ވާދައަށް ތަކުރާރުކޮށް ގޯލު ޖެހި ދެވަނަ ރެއެވެ. ކޮންމެ މެޗަކަށް ވެސް ބެލުންތެރިން އިންތިޒާރުކުރަނީ މި ކުޅުންތެރިންގެ ކުޅުން އަޅައި ކިއުމަށެވެ. މެސީ ގޯލެއް ޖަހައިފިނަމަ، އެމްބާޕޭއަށް އެއަށްވުރެ ގިނައިން ގޯލު ޖެހޭނެތޯ ސުވާލު އުފެދެއެވެ. އެމްބާޕޭ މޮޅު ކުޅުމެއް ދައްކައިފިނަމަ، ހާލަންޑްގެ ރައްދަކީ ކޮބައިތޯ ބެލުމަށް މީހުން ޝައުގުވެރިވެއެވެ.

ފެންނަމުން މިދަނީ މި ޖީލުގެ ތަރިން އެހާ ހާއްސަވާ ސަބަބެވެ. އެއް ކުޅުންތެރިޔަކަށް ހުރިހާ ސަމާލުކަމެއް ދޫކޮށްލުމުގެ ބަދަލުގައި، އެކަކު އަނެކަކާ ވާދަކޮށް، އެންމެންގެ ކުޅުން ވެސް އަންނަނީ ރަނގަޅުކުރަމުންނެވެ. މިކަމުގެ ފައިދާ ކުރަނީ ހަމައެކަނި އެ ކުޅުންތެރިންގެ ޓީމުތަކަކަށް ނޫނެވެ. މުޅި މުބާރާތުގެ ފޯރި ވެސް މިކަމުގެ ސަބަބުން ވަނީ ގަދަވެފައެވެ. މުބާރާތުގެ ނޮކްއައުޓް ސްޓޭޖާ ގާތްވަމުން އަންނަ އިރު، ޕްރެޝަރު ދާނީ އިތުރުވަމުންނެވެ. އެންމެ މޮޅު ކުޅުމަކުން ކުޅުންތެރިއެއްގެ މުޅި ކެރިއަރު ބަދަލުކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެންމެ ގޯލަކުން ފުޓުބޯޅައިގެ ތާރީހު ވެސް ބަދަލުވެދާނެއެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އައި" ގެ ފަހު މެޗު ވެސް ވެގެންދާނީ ޝައުގުން ފުރިގެންވާ މެޗަކަށެވެ. އެއީ އެމްބާޕޭ އާއި ހާލަންޑުގެ ވަރުގަދަ ކުރިމަތިލުމެކެވެ. ފްރާންސާއި ނޯވޭގެ ކުރިމަތިލުމުގައި އެންމެންގެ ނަޒަރު ހަމަގައިމު ވެސް ހުއްޓޭނީ މި ދެ ތަރިންނަށެވެ. އެމްބާޕޭގެ ގޯލެއް ޖަހައިފިއްޔާ އަނެއްކޮޅުން ހާލަންޑް ގޯލު ޖަހަން މަސައްކަތްކުރުމުގެ ވަރުގަދަ ވާދަ ފެންނާނެއެވެ. އެކަކު ގޯލެއް ޖަހައިފިއްޔާ، އަނެކަކު ވެސް ޖަހަން ވާނެއެވެ.

އެމްބާޕޭގެ ތަރިންގެ ފްރާންސާއި ހާލަންޑްގެ ނޯވޭ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިމަހުގެ 27 ވަނަ ދުވަހުގެ 00:00 ގައެވެ. އަދި މެސީގެ އާޖެންޓީނާ އިން "ގްރޫޕު ޖޭ" ގެ ފަހު މެޗުގައި ޖޯޑަންއާ ދެކޮޅަށް މިމަހުގެ 28 ވަނަ ދުވަހުގެ 7:00 ގައި ނުކުންނާނެއެވެ. އެހެންކަމުން އެމްބާޕޭ އާއި ހާލަންޑް މެޗުގައި ގޯލު ޖެހުމުން، ޖެހިގެން އަންނަ ދުވަހު މެސީއަށް ގޯލު ޖެހުމުގެ ފުރުސަތު ލިބޭނެއެވެ. ފްރާންސާއި ނޯވޭ އަދި އާޖެންޓީނާ އަކީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައިވާ ތިން ޓީމެވެ.

މެސީ، އެމްބާޕޭ އަދި ހާލަންޑް ކާމިޔާބީއަށް މަސައްކަތްކުރަމުން އަންނައިރު، މި ވާދަވެރިކަން ކުރިއަށްއޮތް ތަނުގައި ވެސް ފެންނާނެ ކަމަށް ބެލުންތެރިން އުންމީދުކުރެއެވެ. ވޯލްޑް ކަޕް 2026 ގައި މި ކުޅުންތެރިން ސާބިތުކޮށްދެމުން ދަނީ، އެކަކަށް ކުރެވޭ ކޮންމެ ކަމެއް އަނެކަކަށް ވެސް ކުރެވޭނެ ކަމެވެ. ހަމަ "ޖެހީ، ޖެހީ" އެވެ.