މޮރޮކޯ ގައުމީ ޓީމަށް ކުޅެމުންދާ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ނުސައިރު މަޒްރާއީ، މިހާރު ބޭނުން ވަނީ ފުޓުބޯޅަ ކެރިއަރު އަވަހަށް ކުރުކޮށްލައި، ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފަށަން ކަމަށް އޭނާ ބުނެފިއެވެ.

ކުރިން ބަޔާން މިއުނިކަށްވެސް ކުޅުނު މަޒްރާއީ އެހެން ބުނެފައި ވަނީ މިހާރު ހިނގަމުންދާ ވޯލްޑް ކަޕް ތެރެއިން ދިން އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުއާ އެކު ގިނަ ބަޔަކު ވަނީ އޭނާއާ ދޭތެރޭ ބައެއް ސުވާލުތައްވެސް އުފައްދައިފައެވެ. އެއީ މަޒްރާއީއަކީ އުމުރުން އެންމެ 28 އަހަރުގެ ކުޅުންތެރިއެއް ކަމަށް ވާތީއެވެ.

"މި ވޯލްޑް ކަޕަށްފަހު، އެހިސާބުންވެސް އަހަރެން ފަހަރެއްގައި ފުޓުބޯޅަ ހުއްޓާލަފާނަން. ހަޔާތަކީ ކުރު އެއްޗެއް. އަހަރެން ބޭނުން ވަނީ ގުރުއާން ހިތުދަސްކުރަން ފަށައި، ކޮންމެވެސް މިސްކިތެއްގެ އިމާމަކަށް ވާން. އެއީ ކުރިއަށް އޮތްތަނަށް ވިސްނާ ވިސްނުން،" މަޒްރާއީ ބުންޏެވެ.

ނެދަލޭންޑްސްއަށް އުފަން، މޮރޮކޯ ކުޅުންތެރިއެއް ކަމަށްވާ މަޒްރާއީއަކީ އަބަދުވެސް ފުރިހަމަ މުސްލިމަކަށްވުމަށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށް އެކުގައި ކުޅުނު ކުޅުންތެރިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރޯދަ މަސްތަކުގައިވެސް ރޯދަ ހިފުމުގެ އިތުރުން އަޅުކަންތަކަށް ފުރިހަމައަށް ސަމާލުކަން ދޭކަން އެހެން ކުޅުންތެރިންގެ ފަރާތުން ފާހަގަވެފައިވެއެވެ.

މޮރޮކޯއިން މިފަހަރު ވޯލްޑް ކަޕްގެ ނޮކްއައުޓަށް ދަތުރުކޮށްފައިވާ އިރު، 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ކުރި ތާރީހީ ދަތުރުގައިވެސް މަޒްރާއީ ވަނީ ވިދާލައިފައެވެ.