އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ޖާދުލަކީ ކޮންމެ އުމުފުރާއެއްގެ ކޮންމެ ސަޕޯޓަރަކަށްވެސް ތަފާތު ހާއްސަ އުފާވެރިކަމެކެވެ. މެސީގެ ތާރީހީ ކެރިއަރުން އެކަން ސާފުވެސް މެއެވެ. ރޭ އޮސްޓްރިއާއާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅުނު މެޗުގައި ދެ ގޯލް ޖަހައި، މެސީ ވަނީ ކެރިއަރުގައި އިތުރު ތާރީހީ ރެކޯޑެއް ލިޔެލައިފައެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި މެސީއަކީ މިހާރު ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެއީ މިރްސްލާވް ކްލޯސާ އަތުގައި ކުރިން އޮތް ރެކޯޑު ފަހަތަށް ޖައްސާލައިގެންނެވެ. ވޯލްޑް ކަޕްގައި މެސީ ޖުމުލަ 18 ގޯލް ޖަހާފައިވާ އިރު، ކްލޯސާ އަތުގައި އެތައް ދުވަހެއް ވާންދެން އެ ރެކޯޑު އޮތީ 16 ގޯލާއެކުގައެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ ބްރެޒިލްގެ ރޮނާލްޑޯ އަތުގައެވެ. އެހެން ނަމަވެސް މިހާރު ފްރާންސްގެ އެމްބާޕޭ އަރައި ކްލޯސާގެ ރެކޯޑާ ވަނީ ހަމަކޮށްފައެވެ.
ކޮންމެއަކަސް 2006 ވަނަ އަހަރު ވޯލްޑް ކަޕުން ފެށިގެން މިއަހަރުގެ ވޯލްޑް ކަޕާ ހަމައަށް މެސީ އައީ ތަފާތު މަންޒަރު ދައްކަމުންނެވެ. ހިތްދަތި މަންޒަރުތަކުން މިއަދު ފެންނަނީ މެސީގެ ކެރިއަރުގައިވެސް އެންމެ އުފާވެރި މަންޒަރުތަކެވެ. ޖުމުލަ ހަ ވޯލްޑް ކަޕެއްގައި ކުޅެފައިވާ މެސީގެ ތާރީހީ ރެކޯޑުތަކުންވެސް ރޭގެ ރެކޯޑު އިތުރަށް ހާއްސަވި އިރު، އެ މަންޒަރު ހަމަ ލޮލުން ބަލައިލަން ދަނޑަށް ދިޔަ ސަޕޯޓަރުންނަށް ލިބުނީ ހަދިޔާއެއްކަން ޔަގީނެވެ. އޭގެ ތެރެއިން ހާއްސަވި އެއް ސަޕޯޓަރަކީ އުމުރުން 100 އަހަރުވީ ސަޕޯޓަރެކެވެ. މެސީގެ 100 އަހަރުވީ ސަޕޯޓަރު ޓީވީން ދައްކާލުމާއެކު އެކަމަށް ސަމާލުކަންވެސް ވަނީ ބޮޑުވެފައެވެ. ސުވާލަކީ އެއީ ކާކުތޯއެވެ.
މެސީގެ 100 އަހަރުވީ ސަޕޯޓަރަކީ ޕައުލީން ކާނާއެވެ. އެއީ އާދައިގެ ސަޕޯޓަރެއްވެސް ނޫނެވެ. ކާނާއަކީ ވަރުގަދަ ސޯޝަލް މީޑިއާ އިންފްލުއެންސާއެކެވެ. އޭނާގެ ޓިކްޓޮކް، ޔޫޓިއުބް، އަދި އިންސްޓާގްރާމް އެކައުންޓަކުގެ ފޮލޯވަރުންގެ އަދަދު 25 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ކާނާ ސޯޝަލް މީޑިއާގައި މަޝްހޫރު ވެފައި ވަނީ "ގޭންގްސްޓާ ގްރޭނީ"ގެ ނަމުންނެވެ. އޭނާއަކީ މާމަ ދަރި ރޮސް ސްމިތާއެކު މަޖާ ކޮންޓެންޓް އުފައްދާ ތަރިއެކެވެ.
ކާނާއަކީވެސް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ތަރިއެކެވެ. މެސީ ފަދައިންނެވެ. ކާނާގެ ރެކޯޑަކީ 99 އަހަރުގައި ކޮންސެޓެއްގައި ކްރައުޑް ސާފްކުރި އެންމެ ދުވަސްމީ މީހާގެ ރެކޯޑެވެ.
މީގެ ކުރިންވެސް މެސީގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި ފާހަގަވާ ކާނާ، ދެ އަހަރެއް ކުރިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މެސީ ގާތުގައި އިންނަން އަހައިގެން އެކަމަށްވެސް ސަމާލުކަން ބޮޑުވިއެވެ. އޭގެ އިތުރުން ރެސްލިންގެ ބައެއް އިވެންޓްތަކުން ފެނުނު ކާނާ، ބޮޑު އިވެންޓެއްގެ ތެރެއިން މަޝްހޫރު ޝަހުސިއްޔަތު ޖޯން ސީނާ ކައިރިން، އޭނާއާއެކު ޕްރޯމްއަށް ދާނެތޯ އަހާ ބޯޑެއް ހިފައިގެން ހުރި ވީޑިއޯއަކަށްވެސް މަގުބޫލުކަން އަމާޒުވިއެވެ.
ކޮންމެއަކަސް ރޭ ވޯލްޑް ކަޕްގެ ތާރީހުގައި މެސީ މުހިއްމު ލަނޑުދަނޑިއެއް ހާސިލުކުރި އިރު، އެ މަންޒަރު ބަލަން ތިބި އެތައް ބަޔަކަށް މެސީއަށް ދެވުނު ލޯބި އިތުރުވިއެވެ. އޭގެ ތެރޭގައި ވަކި އުމުރެއް ނޯންނާނެކަން ޔަގީނެވެ. މެސީއަކީ އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ ފުޓުބޯޅައިގެ ޖާދޫގަރެކެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް