ވޯލްޑް ކަޕްގައި ފްރާންސާއިން އިރާގު ކުޅެމުންދިޔަ ފިލަޑެލްފިއާއަށް މޫސުން ގޯސްވެ، މެޗުގެ ދެވަނަ ހާފު ފެށުން ފަސްކުރަން ޖެހިއްޖެއެވެ.

މިފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވަމުންދާ އިރު، މުބާރާތުގެ ތެރެއިން ތަފާތު އެކި މޫސުމީ މައްސަލަތައް ދިމާވާނެ ކަމަށް މާކުރިންވެސް އޮތީ އަންދާޒާ ކުރެވިފައެވެ. އެގޮތުން ހޫނު ގަދަވުމުގެ ސަބަބުން ހައިޑްރޭޝަން ބްރޭކްތައްވެސް ތައާރަފު ކޮށްފައިވާ އިރު، ވިދާ ގުގުރުމުގެ ސަބަބުން މެޗުތައް ހުއްޓުމަކަށް ގެންނަން ޖެހިދާނެ ކަމަށްވެސް އޮތީ ބެލެވިފައެވެ.

މިރޭ ފްރާންސާއި އިރާގުން ފިލަޑެލްފިއާ ސްޓޭޑިއަމްގައި ވާދަކުރަމުންދާ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، 1-0 އިން ފްރާންސް ކުރީގައި އޮތީ ކިލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ ތެރެއިންވެސް ބޯކޮށް ވާރޭ ވެހެމުން ގޮސްފައިވާ އިރު، ހާފު ނިމުމުތަކުން ވިދާ ގުގުރާނެ ކަމަށް ލަފާކޮށް ފިލަޑެލްފިއާ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންވެސް ހިޔާ ހޯދުމަށް ސްޓޭޑިއަމްގައި ވަނީ އިއުލާނު ކޮށްފައެވެ. އެއީ ހާއްސަ ޕްރޮޓޮކޯލްއެއްގެ ދަށުންނެވެ.

މިދިޔަ އަހަރު ބޭއްވި ކްލަބު ވޯލްޑް ކަޕް މެޗުތަކުގެ ތެރެއިންވެސް މޫސުން ގޯސްވެ ގިނަ ބްރޭކްތަކެއް ނަގަން ޖެހިފައިވާ އިރު، ބައެއް މެޗުތަކުގެ ތެރެއިން ދެ ގަޑިއިރެއްހާއިރުގެ ބްރޭކްވެސް އައިސްފައިވެއެވެ. އެ މުބާރާތްވެސް އޮތީ އެމެރިކާގައެވެ.

މެޗުގެ ކުރިންވެސް އެލާޓަކާއެކު ސްޓޭޑިއަމަށް ސަޕޯޓަރުން ވެއްދުންވެސް މެދުކެނޑިފައިވާ އިރު، އުސޫލުތައް ބުނާ ގޮތުން ސްޓޭޑިއަމާ 13 ކިލޯމީޓަރު ރޭޑިއަސްއެއްގައި ވިދާ ގުގުރާނަމަ މެޗު ވަގުތުން ހުއްޓާލަން ޖެހިއެވެ. އަދި ހުއްޓާލުމަށްފަހުވެސް މެޗު އަލުން ފަށާނީ އެންމެ ފަހުން ވިދާ ގުގުރާތާ، 30 މިނެޓް ހަމަވިތޯ ބެލުމަށްފަހުއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވިއްސާރަވުމުގެ ސަބަބުން މެޗެއްގެ މެދުތެރެއިން އެހާ ބޮޑު ހުއްޓާލުމަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މިފަހަރު މުބާރާތް ފެށުމުގެ ކުރިންވެސް، ވިއްސާރައިގެ މި ހާލަތްތައް ކުރިމަތިވާނެ ކަމަށް އޮތީ ބެލެވިފައެވެ.

ފްރާންސާއި އިރާގު މެޗުގެ ދެވަނަ ހާފު ފަށާނެ ސީދާ ގަޑިއެއް އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.