ވޯލްޑް ކަޕް 2026 ގައި އިރާގު ބަލިކޮށް ފްރާންސުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެކެވެ. ފްރާންސުން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން 2006 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯ ވެސް ފްރާންސުން ވަނީ ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 1984 އަދި 2000 ވަނަ އަހަރުއެވެ. އަދި 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ފްރާންސުންނެވެ. މިއާއެކު، ފްރާންސް ވެފައިވަނީ ފީފާ އަދި ޔޫރަޕްގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ، އަދި ވާދަވެރިންނަށް އެންމެ ޗެލެންޖިން އެއް ޓީމަކަށް ވެގެންދާނީ ފްރާންސެވެ. ހާއްސަކޮށް ފްރާންސްގެ އެޓޭކިން ލައިނަކީ ގިނަ ތަރިންތަކެއް އެކުލެވޭ ޑިޕާޓްމަންޓަކަށްވުމުން، މިފަހަރު ފްރާންސްގެ ބެންޗު ވެސް ވެގެންދާނީ ތަރިންގެ މައްޗަށް އެކުލެވޭ ބެންޗަކަށެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެޓޭކިން ލައިނާއެކު ފްރާންސުން މިފަހަރު މަސައްކަތްކުރާނީ ގެއްލިގެންދިޔަ ވޯލްޑް ކަޕްގެ ތަށި އަލުން ހޯދުމަށެވެ.
އިރާގުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އޭޝިއާ ބައްރުގައި ފާހަގަކޮށްލެވޭ ވަރުގަދަ ބާރެކެވެ. އިރާގު ޓީމަކީ، އެ ގައުމުގެ ރައްޔިތުންގެ މެދުގައި އުންމީދާއި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އިރާގުން ވަނީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކޮށް، ދުނިޔޭގެ ފެންވަރުގައި އެ ގައުމުގެ ހުނަރު ދައްކާލައިފައެވެ.
މީގެ އިތުރުން، 2007 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކުރުމަކީ އެ ޓީމުގެ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ސަރަހައްދީ ފެންވަރުގައިވެސް އިރާގުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން، އަރަބިއަން ގަލްފް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2023 ވަނަ އަހަރުއެވެ. 40 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިރާގު ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ، ކޮލިފައިންގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅެން ޖެހުނު ޓީމުގެ ގޮތުގައެވެ. އެއީ 28 މަސް ދުވަހުގެ ތެރޭ 21 މެޗު ކުޅެގެންނެވެ.
"ގްރޫޕު އައި" ގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަން ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު 3-0 ގެ ނަތީޖާއަކުން ސެނެގާލް އަތުން ވަނީ މޮޅުވެފައެވެ. އަދި އިރާގުގެ ފުރަތަމަ މެޗުގައި އާލިން ހާލަންޑްގެ ދެ ގޯލާއެކު 4-1 ގެ ނަތީޖާއަކުން ނޯވޭ އަތުން ވަނީ ބަލިވެފައެވެ. ފްރާންސަށް މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް އިރު، އިރާގުން މުބާރާތުގައި ކުރިއަށްދިއުމަށް މިރޭގެ އޮތީ ވަރަށް މުހިންމު މެޗެއްގެ ގޮތުގައެވެ.
ފްރާންސުން މިރޭގެ މެޗަށް ތިން ބަދަލަކާއެކު ނުކުތް ނަމަވެސް، ޓީމު ފެންނަނީ ވަރުގަދަކޮށެވެ. މިރޭގެ މެޗުގެ ފުރަތަމަ 11 އިން ޑިޒައިރޭ ޑޫއޭގެ ބަދަލުގައި ބްރެޑްލީ ބާކޯލާއަށް ވަނީ ފުރުސަތު ދީފައެވެ. ބާކޯލާއަކީ ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ފްރާންސްގެ ފަހު ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އޭގެ އިތުރުން ފުލްބެކް ތިއޯ ހެނާންޑޭޒްގެ ބަދަލުގައި ލޫކަސް ޑީންއަށް ފުރުސަތު ދީފައިވާ އިރު، މެދުތެރެއިން އޯރެލިއެން ޗުއަމެނީގެ ބަދަލުގައި މަނޫ ކޯނޭއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ.
މިރޭގެ މެޗުގައި ވެސް ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އެންމެ ފަހުގެ ބެލޮންޑިއާ އެވޯޑު ކާމިޔާބުކުރި އުސްމާން ޑެމްބެލޭގެ އިތުރުން މައިކަލް އޮލީސޭ އެޓޭކުގައި ހިމެނެއެވެ. އޭގެ އިތުރުން މެދުތެރޭގައި އެޑްރިއެން ރަބިއޯ ހިމެނޭ އިރު، ޑިފެންސްގައި ވިލިއަމް ސަލީބާއާއެކު ޑަޔޮޓް އުޕަމެކާނޯ އަދި ޖޫލްސް ކޫންޑޭ ހިމެނެއެވެ. ގޯލްކީޕަރެއްގެ ގޮތުގައި މިރޭ ވެސް ފެނިގެންދިޔައީ މައިކް މިނިއޯ އެވެ. ފްރާންސްގެ ބެންޗުގައި ވެސް ރަޔަން ޗާކީ އާއި ޑިޒައިރޭ ޑޫއޭ އަދި ތަޖުރިބާކާރު މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ފަދަ ތަރިން ހިމެނެއެވެ.
އިރާގުން ވެސް މެޗަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، މިރޭގެ މެޗުގައި ފުރަތަމަ 11 އިން ޒިދާން އިގުބާލަށް ވަނީ މިޑްފީލްޑުން ފުރުސަތުދީފައެވެ. މިރޭ ވެސް ފުރުތަމަ 11 އިން ނޯވޭ ކޮޅަށް ގޯލު ޖެހި އައިމަން ހުސެއިން އާއި އަމީރް އަލް އަމަރީއަށް ފުރުސަތުދިން ނަމަވެސް، އަމީރް އަލް އަމަރީ އަދި އަލީ ޖާސިމް ފެށީ ބެންޗުންނެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އައި"ގެ މެޗުގައި އިރާގުގެ މައްޗަށް ފްރާންސުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ފްރާންސް ހަލުވި އެޓޭކު ހުއްޓުވުމަށް އިރާގަށް އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، އިރާގުގެ ގޯލަށް ނުރައްކާކުރުމަށް ފްރާންސަށް ފުރުތުތަކެއް ދީފައެއް ނުވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ކެޕްޓަން އެމްބާޕޭ ފޮނުވާލި ހަމަލާ ވެސް އިރާގުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ހޯދައިދީފައެވެ. މައިކަލް އޮލީސޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އެމްބާޕޭ ވަނީ އިރާގުގެ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފައެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. ތިން ވޯލްޑް ކަޕެއްގައި އޭނާ މިވަނީ 15 ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ 26 ވަނަ މިނެޓުގައި އިރާގުގެ ކެޕްޓަން އައިމަން ހުސައިންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ އަލީ އަލް ހަމާދީއެވެ.
މެޗުގެ 40 ވަނަ މިނެޓުގައި އެމްބާޕޭ ދުރުން ފޮނުވާލި ހަމަލާއެއް ފެނިގެންދިޔައެވެ. އިރާގު ހާފްގެ މެޗެއްހާ ހިސާބުން އެމްބާޕޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް ލިބުނު ބޯޅައިން ނުރައްކާކުރުމުގެ ކުރިން އިރާގުގެ ޑިފެންސުން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެންދިޔައީ ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހުއެވެ. އެ މެދުކެނޑުން ގެނެސްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން، ހާއްސަ ޕްރޮޓޮކޯލްގެ ދަށުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވިއްސާރަވުމުގެ ސަބަބުން މެޗެއްގެ މެދުތެރެއިން އެހާ ބޮޑު ހުއްޓާލުމަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މިފަހަރު މުބާރާތް ފެށުމުގެ ކުރިންވެސް، ވިއްސާރައިގެ މި ހާލަތްތައް ކުރިމަތިވާނެ ކަމަށް އޮތީ ބެލެވިފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓުގެ ތެރޭގައި ފްރާންސުން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. އިރާގުގެ ޑިފެންޑަރު ޒައިދު ތަހްސީނާއި ކީޕަރު އަހުމަދު ބަސީލްއަށް ހެދުނު ގޯހަކުން، އުސްމާން ޑެމްބެލޭ ދިން ބޯޅަ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ. މިއީ މި ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ހަތަރުވަނަ ގޯލެވެ. އެ ގޯލާއެކު އޭނާ ވޯލްޑް ކަޕްގެ ތާރީހުގައި ޖެހި ގޯލުގެ އަދަދު ވަނީ 16 އަށް އަރައިފައެވެ. މެސީ މިރޭ ހެދި ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ރެކޯޑު މުގުރާލުމަށް އެމްބާޕޭ ބޭނުންވަނީ ތިން ގޯލެވެ. ދެ ގޯލާއެކު މެސީގެ ރެކޯޑާ އަރައި ހަމަކުރެވޭނެއެވެ.
އޭގެ ހަތަރު މިނެޓު ފަހުން ތިން ގޯލުގެ ލީޑަކަށް ބަދަލުކޮށްލުމަށް ވެސް ފްރާންސަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިރާގު ކީޕަރު ބަސީލްގެ ބޯމަތިން އޮލީސޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭ ފޮނުވާލި ހަމަލާ އިރާގު ކީޕަރު ބަސީލް މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެޑްރިއެން ރަބިއޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. އޮލީސޭ ދިން ބޯޅަ، އިރާގު ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ. އެ ގޯލު ޖެހުމުގެ ކުރިން ވެސް ޑެމްބެލޭއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި އިރާގުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. މާކޯ ފާޖީ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަލީ އަލް ހަމާދީ ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 80 ވަނަ މިނެޓުގައި އެމްބާޕޭއަށް ހެޓްރިކް ފުރިހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ރަޔަން ޗާކީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި އެ ހަމަލާ، އިރާގުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވަނިކޮށް އެމްބާޕޭއަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި އެ ހަމަލާ ވެސް އިރާގު ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ފްރާންސަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވީ ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ. އިރާގަށް މިހާތަނަށް ޕޮއިންޓެއް ލިބިފައިނުވާ އިރު، ނޯވޭ އާއި ސެނެގާލް ބައްދަލުކުރާ މެޗުން ނޯވޭ މޮޅުވެއްޖެނަމަ އިރާގު އަދި ސެނެގާލަށް ވެސް މުބާރާތުގައި ކުރިއަށްދިއުމަށް ހުރަސް އެޅިގެންދާނެއެވެ. ނޯވޭ އިން ވަނީ ތިން ޕޮއިންޓު ހޯދައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް