ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ޝަރަފުވެރި ރެކޯޑުން އާޖެންޓީނާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް ޓީމަކީ އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމެވެ. ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ދުނިޔޭގެ ތިންވަނައިގައި އޮތް މި ޓީމަކީ، ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި، ފުޓުބޯޅައިގެ ތާރީހުގައި ރަން އަކުރުން ނަން ލިޔެފައިވާ ޓީމެކެވެ.
އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1978، 1986 އަދި އެންމެ ފަހުން 2022 ގައެވެ. އޭގެ އިތުރުން އާޖެންޓީނާ ވަނީ ލިއޮނެލް މެސީއާއެކު 2014 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަން އަތުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް 2018 ގެ ގަދަ 16 އާ ހިސާބުން ކެޓި ނަމަވެސް، އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ތަފާތު ދެއްކިއެވެ. ވާދަވެރި ފައިނަލެއްގެ ގޮތުގައި ފާހަގަކުރެވުނު އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުނު ފްރާންސް އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ތަށިވެސް އެންމެ ގިނައިން ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ މުބާރާތާއެކު ޖުމްލަ 16 ފަހަރު އެ ޓީމުން ވަނީ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމު ކަށަވަރުކޮށްފައެވެ. ލިއޮނެލް މެސީގެ ލީޑާޝިޕާއެކު ތަރިންތަކެއް ހިމެނޭ އާޖެންޓީނާ މިފަހަރު ނުކުތީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައެވެ.
ޔޫރަޕްގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އޮސްޓްރިއާ ވަނީ 1934 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ހަތަރުވަނަ ހޯދައިފައެވެ. އޭގެ ފަހުން، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތިންވަނަ ހޯދުމަކީ އެ ގައުމުގެ ފުޓުބޯޅައިގެ އެންމެ ބޮޑު ކާމިޔާބީއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯގައި އޮސްޓްރިއާއިން ވަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ޔޫރޯ 2020 އަދި 2024 ގައި އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ.
ވޯލްޑް ކަޕަށް އޮސްޓްރިއާ އަކީ އާ ޓީމަކަށް ނުވާ އިރު، މީގެ ކުރިން ހަތް ފަހަރަކު އެ ގައުމުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. ނަމަވެސް މިއީ 1998 ގެ ވޯލްޑް ކަޕަށްފަހު މުބާރާތަށް އަސްޓްރިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕްގެ "ގްރޫޕު ޖޭ" ގައި އާޖެންޓީނާ އަދި އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ މޮޅެއް ހޯދައިފައެވެ. ކެޕްޓަން ލިއޮނެލް މެސީގެ ހެޓްރިކާއެކު އާޖެންޓީނާ އިން 3-0 ގެ ނަތީޖާއަކުން އަލްޖީރިއާގެ މައްޗަށް ކުރި ހޯދި އިރު، އޮސްޓްރިއާގެ ފުރަތަމަ މެޗުގައި ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ޖޯޑަން އަތުން ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މެޗަށް ނުކުތް އިރު، މޮޅެއް ހޯދާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާން އޮތެވެ.
މިރޭގެ މެޗަށް އާޖެންޓީނާ ނުކުތީ އެންމެ ބަދަލަކާއެކުއެވެ. އެއީ އަލްޖީރިއާގެ މެޗުގައި ފެށި ފުލްބެކް ގޮންޒާލޯ މޮންޓިއޭލްގެ ބަދަލުގައި ނަހޭލް މޮލީނާއަށް ފުރުސަތު ދިނުމެވެ. މިރޭގެ މެޗަށް ވެސް އާޖެންޓީނާ އިން ވަނީ ކެޕްޓަން ލިއޮނެލް މެސީ، ލައުޓާރޯ މާޓިނޭޒް، ތިއާގޯ އަލްމޭޑާ، ރޮޑްރިގޯ ޑި ޕޯލް، އެލެކްސިސް މެކެލިސްޓާ، އެންޒޯ ފެނާންޑޭޒް، ލިސާންޑްރޯ މާޓިނޭޒް، ކްރިސްޓިއަން ރޮމޭރޯ އަދި ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ފަދަ ކުޅުންތެރިންނާއެކު ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ. ޒުވާން ތަރި ނިކޯ ޕާޒް އާއި ޖޫލިއަން އަލްވަރޭޒް އަދި ވެލެންޓިން ބާކޯ މިރޭގެ މެޗު ވެސް ފެށީ ބެންޗުންނެވެ.
މިރޭގެ މެޗަށް އޮސްޓްރިއާ އިން ނުކުތީ ތިން ބަދަލަކާއެކުއެވެ. ޖޯޑަން މެޗު ފެށި ޑިފެންޑަރު ފިލިޕް މުއޭނާ، ޕައުލް ވޭނާ އަދި ފޯވަޑް ސަސާ ކަލައިޑްޒިޗް މިރޭ ފެށީ ބެންޗުންނެވެ. އޭގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުސަތު ދީފައިވަނީ ޑިފެންޑަރު ކެވިން ޑަންސޯ، މިޑްފީލްޑަރު ޒޭވާ ޝްލޭގާ އަދި މައިކަލް ގްރެގޮރިޗްއަށެވެ. މިރޭގެ މެޗުގައި ވެސް ކެޕްޓަން ޑޭވިޑް އަލަބާ، ފިލިޕް ލީންހާޓް، ތަޖުރިބާކާރު މިޑްފީލްޑަރު މާސެލް ސަބިޓްޒާގެ އިތުރުން ކޮންރެޑް ލައިމާ ވެސް ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން މެދުތެރޭގައި ސަބިޓްޒާއާއެކު ނިކޮލަސް ސެއިވާލްޑް އާއި ޒޭވާ ޝްލޭގާގެ ޕާޓްނާޝިޕް ވެސް ފާހަގަކޮށްލެވެއެވެ. އޮސްޓްރިއާގެ ރެކޯޑު ގޯލު ޖެހުންތެރިޔާ މާކޯ އާނަޓޮވިޗް މިރޭގެ މެޗު ވެސް ފެށީ ބެންޗުންނެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ޖޭ" ގެ މެޗުގައި އޮސްޓްރިއާގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން ފަހަތުން އައިސް، ސްޓެފަން ޕޮޝް ވަނީ ޓެކަލްކޮށް ދިފާއުކޮށްފައެވެ.
މާޓިނޭޒަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކޮށްފައިވޭތޯ ބެލުމަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އާޖެންޓީނާއަށް ޕެނަލްޓީ ދީފައެވެ.. ނަމަވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި އެ ޕެނަލްޓީ ގޯލާ އަމާޒުނުވެ ވަނީ ނާކާމިޔާބުވެފައެވެ.
މެޗުގެ 19 ވަނަ މިނެޓުގައި މެސީއަށް ގޯލު ޖަހާނެ އިތުރު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އޮސްޓްރިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މެސީ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ފަހަތުން އައިސް އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 23 ވަނަ މިނެޓުގައި އޮސްޓްރިއާގެ ނުރައްކާ ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ސަބިޓްޒާ ފޮނުވާލި ބާރު ހަމަލާ، އާޖެންޓީނާ ޑިފެންޑަރު ރޮމޭރޯ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ވެސް މެސީއަށް ހުސް ފުރުސަތެއް ލިބުގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވަރަށް ހުސްކޮށް ހުރެ މެސީ ފޮނުވާލި އެ ހަމަލާ ވެސް އޮސްޓްރިއާގެ ކެޕްޓަން އަލަބާ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ފަކުންޑާ މެޑީނާ ދިން ބޯޅައަކުން މެސީ ވަނީ ގޯލު ޖަހައި، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. ކުރިން 16 ގޯލާއެކު، ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާ އެ ރެކޯޑުގައި އޮތް އިރު، މެސީ ޖެހި ގޯލުގެ އަދަދު މިވަނީ 17 އަށް އަރައިފައެވެ. މެސީ އެ ރެކޯޑު މުގުރާލާފައި މިވަނީ، އޭނާ ކުޅޭ ހަވަނަ ވޯލްޑް ކަޕްގައެވެ.
އެ ގޯލަށްފަހު އޮސްޓްރިއާއިން ބޯޅަ ހިފަހެއްޓުމަށް މަސައްކަތްކޮށް، އެޓޭކުގައި މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އޮސްޓްރިއާއަށް ރަނގަޅު ފުރުސަތެއް ތަނަވަސްނުކުރެވި، ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ފުރަތަމަ ނުރައްކާ ފެނިގެންދިޔައީ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އޮސްޓްރިއާގެ ފަރާތުންނެވެ. ސަބިޓްޒާ ފޮނުވާލި ހިލޭ ޖެހުން، އާޖެންޓީނާ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ހަމަލާއެއް ފެނިގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، އޮސްޓްރިއާ ޑިފެންޑަރު ކެވިން ޑަންސޯ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި އާޖެންޓީނާ ކެޕްޓަން މެސީގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު އަލެކްޒެންޑާ ޝްލާގާ ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓު ފަހު އޮސްޓްރިއާގެ ސަބިޓްޒާ ނަގައިދިން ހުރަހެއް ނުރައްކާވެގެންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގްރެގޮރިޗް ބޮލުން ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް އާދައިގެ، ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މެސީ ވަނީ އާޖެންޓީނާއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ، ގޯލު ރެކޯޑު 18 އަށް އިތުރުކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެސީގެ ފުރަތަމަ ހަމަލާ އޮސްޓްރިއާގެ ޑިފެންސުން ބްލޮކްކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
މި ނަތީޖާއާއެކު އާޖެންޓީނާއަށް ވަނީ ހަ ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. އޮސްޓްރިއާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގައި ދެން ހިމެނޭ އަލްޖީރިއާ އަދި ޖޯޑަނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަލްޖީރިއާ އާއި ޖޯޑަން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00 އަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް