ވޯލްޑް ކަޕް 2026 ގައި އީރާނުގެ ކުޅުންތެރިން ތިބީ އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދިނުމުގެ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށް ބެލްޖިއަމްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތޯމަސް މުނިއޭ ބުނެފިއެވެ.

އީރާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނިއޭ ބުނިގޮތުގައި އެކަމަކީ ބެލްޖިއަމްގެ ޓީމަށް ކުރިމަތިވާނެ އިތުރު އުނދަގުލެކެވެ.

ގައުމީ ރޫހުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެކަން ފާހަގަކުރަމުން އޭނާ ބުނީ، ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ އަސަރު އީރާނުގެ ބައެއް ކުޅުންތެރިންގެ އާއިލާތަކަށް ކޮށްފައިވާނެ ކަމަށެވެ.

ބެލްޖިއަމް ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި -- ފޮޓޯ/ ރޮއިޓާސް

"ގްރޫޕް ޖީ" ގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި މިސްރާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފައިވީ ނަމަވެސް، ކޯޗު ގާސިއާގެ އިރުޝާދުގެ ދަށުން ކުޅޭ ބެލްޖިއަމް ޓީމު އޮތީ އީރާނާ ދެކޮޅަށް ނުކުންނައިރު ވަރަށް ބޮޑަށް އިތުބާރު ހޯދައިފައެވެ.

ގާސިއާ ބުނިގޮތުގައި މިސްރު މެޗުގައި ފަހަތުގައި އޮތުމަށްފަހު ނަތީޖާ ހަމަހަމަކުރުމުން، ޓީމަށް ހާލަތާ ގުޅޭގޮތަށް ބަދަލުތައް ގެނައުމުގެ ގާބިލުކަން ހުރިކަން ވަނީ ސާބިތުވެފައެވެ. އީރާނުން ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑާ ވާދަކޮށް 2-2 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފައެވެ.

ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ ބެލްޖިއަމް ޓީމު ގޮވައިގެން ނުކުންނަ އިރު، ކޯޗު ގާސިއާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ފޯވާޑް ރޮމެލޫ ލުކާކޫ ކުޅޭ ވަގުތު ކޮންޓްރޯލު ކުރުމަށެވެ. ގާސިއާ ބުނީ އީރާން ބަލިކުރުމަށް ޓީމުގެ ސައްތައިން ސައްތަ ބޭނުންވާނެ ކަމަށެވެ. މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 25 މިނެޓުގައި ކުޅެން ނުކުމެ، ލުކާކޫ ވަނީ އިދިކޮޅު ޓީމުގެ ޑިފެންސަށް ބާރުބޮޑުކޮށް، ބައިކޮޅަށް ގޯލެއް ވައްދާލުމަށް މަޖުބޫރުކުރުވާފައެވެ. ނަމަވެސް ގާސިއާ ބުނީ މުޅި މުބާރާތަށް ލުކާކޫ ބޭނުންވާތީ، އޭނާ މާބޮޑަށް ވަރުބަލިވިޔަ ނުދިނުމަށް ސަމާލުވާންޖެހޭ ކަމަށެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޖީ" ގައި ބެލްޖިއަމުން އީރާނާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.