ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު އައިވަރީ ކޯސްޓު ބަލިކޮށް، ޖަރުމަނުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ޖަރުމަންގެ 21 ވަނަ ވޯލްޑް ކަޕެވެ. ޖަރުމަނުން ފުރަތަމަ ކުޅުނު ދެ ވޯލްޑް ކަޕަކީ 1934 އަދި 1938 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕަށް ޖަރުމަނު ނުކުތީ "އޯލް ޖާމަން" ޓީމަކާއެކުގައެވެ. 1934 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ޖަރުމަނުގެ ފުޓުބޯޅަ ބަދަލުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ. ފުޓުބޯޅަ ތިން ގައުމަކަށް ބައިވެ، ގައުމީ ތިން ޓީމެއް އުފެދުނެވެ. އެ ސަބަބާހުރެ އެގައުމު 1950 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވެސް ނުކުރިއެވެ.
ޖަރުމަނުގެ ފުރަތަމަ ދެ ވޯލްޑް ކަޕް ހޯދީ ވެސްޓް ޖާމަނީގެ ނަމުގައެވެ. އެއީ 1954 ވަނަ އަހަރާއި 1974 ވަނަ އަހަރުއެވެ. ޖަރުމަނުން ތިންވަނަ ވޯލްޑް ކަޕް ހޯދީ 1990 ވަނަ އަހަރުއެވެ. ވެސްޓް ޖަރުމަނަކީ އޭރު ފުޓުބޯޅައިގެ އެންމެ ވަރުގަދަ ނަމެވެ.
އޭގެފަހުން ކޯޗު ޔޮކިމް ލޯއާއެކު ނުކުތް ޒުވާން އިންގިލާބީ ޓީމުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރީ ތާރީހީ ނަތީޖާތަކެއް މުބާރާތުގައި ނެރެފައެވެ. އެފަހަރު އޮތް ރަން ޓީމަށް އޮއްސުން އައީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައެވެ. އެ ވޯލްޑް ކަޕާއި ގަތަރު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. އެއީ 80 އަހަރު ތެރޭގައި ޖަރުމަނަށް ވޯލްޑް ކަޕެއްގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމެވެ.
އައިވަރީ ކޯސްޓަށް މިފަހަރުގެ ވޯލްޑް ކަޕަކީ އެގައުމުގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. 1974 ވަނަ އަހަރުން ފެށިގެން އެފްރިކާގެ ކޮލިފިކޭޝަންގައި ކުޅެމުން އަންނަ އައިވަރީ ކޯސްޓުން ފުރަތަމަ ވޯލްޑް ކަޕަކަށް ނުކުތީ 2006 ވަނަ އަހަރުއެވެ. އެއީ އެގައުމުގެ ރަން ޖީލަކާއެކުގައެވެ. އޭގެފަހުން ޖެހިގެން އައި ތިން ވޯލްޑް ކަޕުގައިވެސް އައިވަރީ ކޯސްޓް ފެނިގެން ދިޔުމުން ދޭހަކޮށްދެނީ އެ ޖީލުގެ ކާމިޔާބީއެވެ.
އާ ޖީލެއްގެ ކުރިއެރުން ނުފެނި އެންމެފަހު ދެ ވޯލްޑް ކަޕް ގެއްލުނު އިރު، އައިވަރީ ކޯސްޓުން ވަނީ ތިން ފަހަރު އެފްރިކާގެ ތަށި ހޯދައިފައެވެ. އެއީ 1992، 2015 އަދި 2023 އެވެ. ފަހުން ހޯދި ކާމިޔާބީން ދައްކައިދެނީ އެގައުމުގެ ފުޓުބޯޅަ އަނެއްކާވެސް ރަނގަޅު މިސްރާބަކަށް ހުރިކަމެވެ.
"ގްރޫޕު އީ" ގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ކުޅުމަކާއެކު އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކިއުރެސާއޯ އަތުން ވަނީ 7-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އައިވަރީ ކޯސްޓުގެ ފުރަތަމަ މެޗުގައި ފަހުވަގުތު 1-0 ގެ ނަތީޖާއަކުން އިކުއެޑޯ އަތުން ވަނީ މޮޅުވެފައެވެ. މިރޭގެ މެޗަށް ނުކުތް އިރު، ޖަރުމަން އަދި އައިވަރީ ކޯސްޓަށް ވެސް މޮޅެއް ހޯދައިގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.
މިރޭގެ މެޗަށް ޖަރުމަނުން ނެރެފައިވަނީ ކިއުރެސާއޯއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އެވެ. އެގޮތުން ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާއާއެކު ކެޕްޓަން ޖޯޝުއާ ކިމިޗް، ޖޮނަތަން ޓާ، ނިކޯ ޝްލޮޓާބެކް، ޖަމާލް މުސިއާލާ، އެލެކްސެންޑާ ޕަވްލޮވިޗް، ލެރޯއީ ސާނޭ، ފްލޯރިއަން ވާޓްޒް އަދި ކައި ހަވާޓްޒް ފުރަތަމަ 11 ގައި ހިމެނެއެވެ. މި މެޗު ވެސް ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ފެށީ ބެންޗުންނެވެ.
އައިވަރީ ކޯސްޓުން ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި، އިކުއެޑޯ އަތުން މޮޅެއް ހޯދައިދިން އަމަދް ޑިއާލޯއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. މި މެޗުގެ ފުރަތަމަ 11 ގައި ވެސް ކެޕްޓަން ފްރޭންކް ކެސީ އަދި ޔާން ޑިއޮމަންޑޭ ހިމެނެއެވެ. ނަމަވެސް ފްރާންސް ތަރި ޑިސައިރޭ ޑުއޭގެ ބޭބެ، ގުއޭލާ ޑުއޭ އާއި ނިކޮލަސް ޕެޕޭ މިއަދުގެ މެޗު ފެށީ ބެންޗުންނެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އީ" ގެ މެޗުގައި އައިވަރީ ކޯސްޓުގެ މައްޗަށް ޖަރުމަނުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މިނެޓެއް ނުވަނީސް ޖަރުމަނުން ވަނީ ނުރައްކާކޮށްފައެވެ. ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އުނދަގުލާއެކު ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، އައިވަރީ ކޯސްޓުގެ ގޯލާ އަމަޒުވެފައެއް ނުވެއެވެ.
ބޯޅަ ލިބުމާއެކު މުޅި ޓީމު ކުރިއަށް ޖެހި ކުޅެމުންދިޔަ ޖަރުމަނަށް މެޗުގެ ދިހަވަނަ މިނެޓުގައި ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ކިމިޗް ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއަ ތެރޭ ހުރެ ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، އައިވަރީ ކޯސްޓުގެ ކީޕަރު ޔަހިއާ ފޮފާނާ ވަނީ މަތަކޮށްފައެވެ.
އޭގެ މިނެޓެއް ފަހުން އައިވަރީ ކޯސްޓުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވިލްފްރެޑް ސިންގޯ ފޮނުވާލި ހަމަލާ، ޖަރުމަންގެ ނެތެނިއެލް ބްރައުން ވަނީ ބްލޮކްކޮށްފައެވެ. މި މެޗުގައި ވެސް އައިވަރީ ކޯސްޓުން ޑިއޮމަންޑޭގެ ނުރައްކާ ބޭނުން ހިފުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ޖަރުމަންގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕަވްލޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާ ދިޔައީ އައިވަރީ ކޯސްޓު ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ކިމިޗް ނަގައިދިން ހުރަހަކުން ޖަރުމަންގެ ޕަވްލޮވިޗް ބޮލުން ފޮނުވާލި ބޯޅަ އައިވަރީ ކޯސްޓުގެ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ރެފްރީ ވަނީ އެއީ ފައުލެއް ކަމަށް ނިންމައިފައެވެ. އެއީ ބޯޅަ ފޮނުވާލުމުގެ ތެރޭގައި އައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާގެ ގައިގައި ޕަވްލޮވިޗް ޖެހިފައިވާތީއެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ކެޕްޓަން ފްރޭންކް ކެސީ ވަނީ ގޯލު ޖަހައި އައިވަރީ ކޯސްޓަށް ލީޑު ހޯދައިދީފައެވެ. ކެސީ އެ ގޯލު ކާމިޔާބުކުރީ އަމަދް ޑިއާލޯ ފޮނުވާލި ހަމަލާއެއް ޖަރުމަންގެ ބްރައުން ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުންނެވެ. އެ ގޯލުގައި ވެސް ޑިއޮމަންޑޭގެ ނުރައްކާ ފާހަގަކޮށްލެވެއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ވެސް އައިވަރީ ކޯސްޓުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޑިއޮމަންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަންހޭ ޔޮއާން ބޮނީ ފޮނުވާލި ބޯޅަ، މާބޮޑު އުނދަގުލެއް ނެތި ޖަރުމަން ކީޕަރު ނޯޔާ ވަނީ ހޯދައިފައެވެ.
އޭގެ މިނެޓެއް ފަހުން ޖަރުމަނުން އައިވަރީ ކޯސްޓުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭގެ ކުރިން، އައިވަރީ ކޯސްޓުގެ އޮޑިލޮން ކޮސޫނޫއަށް ޖަރުމަންގެ މުސިއާލާ ފައުލުކޮށްފައިވާ ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ އެންމެ ފަހު މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރީތި ކުޅުމަކާއެކު މުސިއާލާ ދިން ބޯޅައަކުން ވާޓްޒް ފޮނުވާލި ހަމަލާގައި ބާރެެއް ނެތުމާއެކު އައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އައިވަރީ ކޯސްޓު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ޖަރުމަނުން ވަނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކުޅެން އަރުވައިފައެވެ. ރުޑިގާ ކުޅެން އަރުވާފައިވަނީ ފުރަތަމަ ހާފުގައި ޝްލޮޓާބެކްއަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާގެ ބަދަލުގައެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލީޑު ފުޅާކޮށްލުމަށް އައިވަރީ ކޯސްޓަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަމަދް ޑިއާލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކްރިސްޓް އިނައޯ އޫލާއީ ފޮނުވާލި ހަމަލާ ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ގިނަ މަސައްކަތްތަކަކަށްފަހު މެޗުގެ 63 ވަނަ މިނެޓުގައި ޖަރުމަނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، އައިވަރީ ކޯސްޓުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭރު ބޯޅަ ހޯދުމަށް އައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ވެސް ހުރީ ކުރިއަށް ނުކުމެއެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަދީމް އަމީރީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަރުމަނަށް ނަތީޖާ ހަމަހަަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިޒް އުންޑާވް އެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ވެސް ޖަރުމަންގެ އުންޑާވްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، މާބޮޑު އުނދަގޫކަމެއް ނެތި އައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ވަނީ މަތަކޮށްފައެވެ.
އޭގެ ދެ ފަހުން ވެފައިވަނިކޮށް، އައިވަރީ ކޯސްޓަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބަދަލު ކުޅުންތެރިޔާ ސިމޮން އަޑިންގްރާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ބޯޅަ ހިފެހެއްޓުމުން ނުރައްކަލެއް ކުރިމަތިވެފައެެއް ނުވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވަނިކޮށް، ޖަރުމަނަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ވާޓްޒް ފޮނުވާލި ހަމަލާ އަދި އަމީރީ ފޮނުވާލި ހަމަލާ ވެސް އައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖަރުމަނުން ވަނީ ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. ފެލިކްސް މެޗާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމަށް ނަތީޖާ ހަމަަހަމަކޮށްދިން ގޯލު ވެސް ޖަހައިދިން އުންޑާވްއެވެ.
މި ނަތީޖާއާއެކު ދެ މެޗުން މޮޅުވެ، ޖަރުމަނުން ވަނީ ހަ ޕޮއިންޓު ހޯދައިފައެވެ. އައިވަރީ ކޯސްޓަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާ އިރު، އިކުއެޑޯ އާއި ކިއުރެސާއޯއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އިކުއެޑޯ އާއި ކިއުރެސާއޯ ބައްދަލުކުރާނީ ރާއްޖޭގަޑިން ފަތިހު 5:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް