ވޯލްޑް ކަޕް 2026 ގައި ފަސޭހަކަމާއެކު ސްވިޑެން ބަލިކޮށް، ނެދަލެންޑްސް އިން ދެވަނަ ބުރުގެ އުންމީދެއް ހޯދައިފިއެވެ.
ޔޯހަން ކްރައިފް ފަދަ ކުޅުންތެރިން "ޓޯޓަލް ފުޓްބޯލް" ފަދަ ޒަމާނީ ބަދަލުތަކުން ނެދަލޭންޑްސް ފާހަގަކޮށްލެވުނު ނަމަވެސް، މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް ހޯދިފައެއް ނުވުއެވެ. 12 ވަނަ ވޯލްޑް ކަޕަށް ނުކުތް ނެދަލޭންޑްސްއިން ތިން ފަހަރެއްގައި ވޯލްޑް ކަޕް ފައިނަލްގައި ކުޅުނެވެ.
ވޯލްޑް ކަޕް 2010 އަދި ވޯލްޑް ކަޕް 2014 ގައި ނެދަލެންޑްސް ތަފާތު ދެއްކިއެވެ. 2010 ވަނަ އަހަރު ފައިނަލުގައި ކުޅެ ބަލިވީ ހިތްދަތިކޮށެވެ. ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެވެސް ތިންވަނަ ހޯދައިފައިވެއެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ނެދަލޭންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.
ސްވިޑެންއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވަރަށް ބޮޑު ތާރީހެއް އޮތް ގައުމެކެވެ. ވޯލްޑް ކަޕް 1958 ގެ ފައިނަލްގައި ކުޅުމުގެ އިތުރުން، އެކި ފަހަރު މަތިން މުބާރާތުގެ ފަހު މަރުހަލާތަކުގައި އެ ޓީމު ކުޅެފައިވެއެވެ. ސްވިޑެނުން މި ކުރިމަތިލަނީ 13 ވަނަ ވޯލްޑް ކަޕާއެވެ. އެންމެ ފަހުން ވާދަކުރި ވޯލްޑް ކަޕް 2018 ގައި ސްވިޑެނުން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ކުޅުންތެރިޔަކު މިހާރު ޓީމުގައި ނެތް ނަމަވެސް، މިހާރުގެ ޓީމު ބިނާކޮށްފައިވަނީ ޑިސިޕްލިން އަދި ޓެކްޓިކަލް ރޭވުންތެރިކަމުގެ މައްޗަށެވެ. ސްވިޑެންގެ ޓީމަކީ ދިފާއީ ގޮތުން ވަރުގަދަ، އަދި ފިޒިކަލީ ވެސް ވަރުގަދަ ޓީމެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭ މި ޓީމުގެ އަމާޒަކީ ގަދަ 32 ގެ ބުރަށް ދަތުރުކުރުމެވެ. ސްވިޑެންގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އެލެކްސެންޑާ އީސާކް، ވިކްޓާ ޔޮކަރޭސް އަދި ކެޕްޓަން ވިކްޓާ ލިންޑެލޯފް ހިމެނެއެވެ. ހާއްސަކޮށް ލިވަޕޫލަށް ކުޅޭ އީސާކް އާއި އާސެނަލަށް ކުޅޭ ޔޮކަރޭސްގެ ފަރާތުން ޓީމަށް ބޭނުންވާ އުފެއްދުންތެރިކަމާއި ގޯލު ޖެހުމުގެ ހުނަރު ފެނިގެންދާނެއެވެ.
"ގްރޫޕު އެފް"ގެ ފުރަތަމަ މެޗުތަކުގެ ތެރެއިން ނެދަލެންޑްސް ވަނީ ފަހުވަގުތު 2-2 ގެ ނަތީޖާއަކުން ޖަޕާން އަތުން އެއްވަރުވެފައެވެ. އަދި ސްވިޑެނުން މުބާރާތް ފެށީ 5-1 ގެ ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށްގެންނެވެ. އެ ނަތީޖާތަކަށް ބަލާ އިރު، މިރޭގެ މެޗު އެންމެ މުހިންމުވަނީ ނެދަލެންޑްސްއަށެވެ. ނަމަވެސް މޮޅެއް ހޯދައިގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ސްވިޑެނަށް ވެސް މެޗު މުހިންމެވެ.
މިރޭގެ މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ 11 އިން ފެންނަނީ އެންމެ ބަދަލެކެވެ. އެއީ ކްރިސެންސިއޯ ސަމާވިލްގެ ބަދަލުގައި ނެދަލެންޑްސްގެ އެންމެ ކުރީގައި ބްރަޔަން ބްރޮބީ ބޭނުންކުރުމެވެ. ނަމަވެސް މިރޭގެ މެޗު ވެސް މެމްފިސް ޑިޕާއީ ފެށީ ބެންޗުންނެވެ. ނެދަލެންޑްސްގެ މިރޭގެ ފުރަތަމަ 11 ގައި ކެޕްޓަން ވާޖިލް ވެން ޑައިކް، ޑެންޒެލް ޑަމްފްރީސް، މިކީ ވެން ޑެ ވެން، ޓިޖާނީ ރައިންޑާސް، ރަޔަން ގްރެވެންބާކް، ފްރެންކީ ޑި ޔޮންގް، ކޯޑީ ގަކްޕޯ އަދި ޑެންޔެލް ޑަމްފްރީސް ހިމެނެއެވެ.
މިރޭގެ މެޗަށް ސްވިޑެނުން ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބޭނުންކުރި ފުރަތަމަ 11 އާއެކުއެވެ. ސްވިޑެނުން އެންމެ ފާހަގަކޮށްލެވެނީ އެޓީމުގެ ނުރައްކާތެރި ދެ ފޯވަޑުން ކަމަށްވާ އާސެނަލަށް ކުޅޭ ވިކްޓާ ޔޯކަރެސް އަދި ލިވަޕޫލަށް ކުޅޭ އެލެކްސެންޑާ އިސާކެވެ. ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިސާކް ގޯލަކާއި ދެ އެސިސްޓް ހަދާފައިވާ އިރު، ޔޯކަރެސްގެ ފަރާތުން ވެސް ގޯލަކާއި އެސިސްޓެއް ފެނިގެންދިޔައެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައި ސްވިޑެންގެ މައްޗަށް ނެދަލެންޑްސް އިން ކުރި ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ޕްރެސިން ގޭމަކާއެކު ފެށި ނެދަލެންޑްސް އިން ވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯޑީ ގަކްޕޯ ދިން ބޯޅައަކުން ގޯލު ކުރިމަތިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރަޔަން ބްރޮބީ އެވެ.
އޭގެ ދެ މިނެޓު ފަހުން ސްވިޑެނަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވިކްޓާ ޔޯކަރެސް ފޮނުވާލި އެ ހަމަލާ، ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޑެންޒެލް ޑަމްފްރީޒް ނަގައިދިން ނުރައްކާތެރި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ގަކްޕޯއަށް ލިބުމުގެ ކުރިން ސްވިޑެންގެ ޑިފެންސުން ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ވެސް ޖެހި ބްރޮބި ވަނީ އިތުރު ގޯލެއް ޖަހައި ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޑަމްފްރީޒް ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ސްވިޑެންގެ ނުރައްކާތެރި ކައުންޓާ އެޓޭކެއް ފެނިގެންދިޔައެވެ. ޔޯކަރެސް ނަގައިދިން ހުރަސް، ނެދަލެންޑްސް ޕެނަލްޓީ އޭރިއާ ތެރެއިން ޔަސީން އަޔާރީއަށް ރަނގަޅަށް ކޮންޓްރޯލު ކުރެވިފައިނުވާތީ ގޯލަށް ނުރައްކާކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ސްވިޑެން ފޯވަޑް ޔޯކަރެސްއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިސާކް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޔޯކަރެސްއަށް ރަނގަޅަށް ފޮނުވައިނުލެވުމުން، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ ފަސޭހަކަމާއެކު ހޯދައިފައެވެ.
އޭގެ ހަތަރު މިނެޓު ފަހުން ވެސް ޔޯކަރެސްއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އިސާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔޯކަރެސް ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ގިނައިރުތަކެއް ނުވަނީސް، ނެދަލެންޑްސްއަށް ލިބުނު ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ގަކްޕޯ ފޮނުވާލި ހަމަލާ، އަމާޒުވީ ސްވިޑެން ކީޕަރު ކްރިސްޓޮފާ ނޯޑްފެލްޓްއާ ދިމާއަށެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ސްވިޑެނަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަޔާރީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ މިނެޓު ފަހުން، ހިލޭ ޖެހުމަކުން ނެގި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގުސްޓާފް ލަގަބިއެލްކަ ބޮލުން ނެދަލެންޑްސް ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމާފައިވަނީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
ނެދަލެންޑްސްގެ ދެވަނަ ގޯލާއެކު ވަރުގަދަ އެޓޭކިން ގޭމެއް ކުޅެމުންދިޔަ ސްވިޑެންގެ ނުރައްކާތެރި ހަމަލާއެއް، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސްވިޑެން ފޯވަޑް ޔޯކަރެސް ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައެވެ. އޭގެ ގިނައިރުތަކެއް ނުވެ، ޕެނަލްޓީ އޭރިއާ ބޭރުން ސްވިޑެންގެ އަޔާރީ ފޮނުވާލި ހަމަލާ ވެސް ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ދެ މިނެޓު ތެރޭ ނެދަލެންޑްސް އިން ވަނީ އެޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. ޑަމްފްރީސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސްވިޑެންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގަކްޕޯ އެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ގަކްޕޯ ވަނީ އިތުރު ގޯލެއް ޖަހައި ނެދަލެންޑްސްއަށް ހަތަރު ގޯލުގެ ލީޑެއް ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކްރިސެންސިއޯ ސަމާވިލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަނި އޭންގަލުން ސްވިޑެންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ މިނެޓެއް ފަހުން ސްވިޑެންގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން އަޔާރީ ފޮނުވާލި ހަމަލާ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ސްވިޑެނުން ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިފައެވެ. އިސާކް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސްވިޑެނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންތަނީ އެލަންގާ އެވެ.
ސްވިޑެނުން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 84 ވަނަ މިނެޓުގައި ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިސާކް ފޮނުވާލި ހަމަލާ، ނެދަލެންޑްސް ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، ނެދަލެންޑްސް އިން ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެމްފިސް ޑިޕާއީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ސްވިޑެން ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސަމާވިލް އެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް