ފީފާ ވޯލްޑް ކަޕް 2026 ގައި ހަލުވި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށް ޖަރުމަންގެ ކޯޗު ޖޫލިއަން ނާގެލްސްމަން ބުނެފިއެވެ.

"ގްރޫޕު އީ" ގައި ޖަރުމަނާއި އައިވަރީ ކޯސްޓް ބައްދަލުކުރާ އިރު، ޖަރުމަނުން ވަނީ ގްރޫޕުގެ ފުރަތަމަ މެޗުގައި ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރެސާއޯ އަތުން 7-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އަނެއްކޮޅުން އައިވަރީ ކޯސްޓުން ވަނީ މެޗުގެ ފަހުކޮޅު ޖެހި ލަނޑަކާއެކު 1-0 އިން އިކުއެޑޯ ބަލިކޮށްފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައިވާ އައިވަރީ ކޯސްޓާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާގެލްސްމަން ބުނީ، އެ ޓީމުގެ ފަރާތުން ޖަރުމަނަށް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ.

"އެ ޓީމުގެ ޑިފެންސް ވަރަށް މޮޅު. އަދި ކުރިއަށް ކުޅޭ ތިން މަގާމުގައިވެސް ވަރަށް ބޮޑަށް ސްޕީޑު ހުރޭ،" ނާގެލްސްމަން ބުންޏެވެ. އޭނާ ވަކިން ހާއްސަކޮށް އައިވަރީ ކޯސްޓުގެ ފޯވާޑް ނިކޮލަސް ޕޭޕޭގެ ނަން ފާހަގަކުރިއެވެ. "ފަހު މެޗުގައި ޕޭޕޭ ހުރީ ހަމަ އަތުނުވާ ހިސާބުގައި. އޭނާ ދަނޑުގެ ހުރިހާ ދިމާލަކުން ފެނުނު،" ނާގެލްސްމަން ބުންޏެވެ.

ހުޅަނގު އެފްރިކާއަށް ނިސްބަތްވާ އައިވަރީ ކޯސްޓުގެ މެދުތެރެއަކީވެސް ނުރައްކާތެރި ޑިޕާޓްމަންޓެއްކަން ފާހަގަކުރަމުން ނާގެލްސްމަން ބުނީ، އެކަމަށް ހައްލުތަކެއް ހޯދުމަށް ކުޅުންތެރިންނާ އެކު މަސައްކަތްކޮށްފައިވާނެ ކަމަށެވެ. "އެ ޓީމުގެ ބާރު ކަނޑުވާލުމަށްޓަކައި އަހަރެމެން ވާނީ ފިޔަވަޅުތަކެއް އަޅައި، އެކަމަށް ތައްޔާރުވެފައި،" ނާގަލްސްމަން ބުންޏެވެ. "އެ ޓީމަކީ މާ މޮޅު ޓީމަކަށް ވާތީ އަބަދު އަހަރެމެންނަށް ކާމިޔާބެއް ނުވާނެ. އެކަމަކު އަހަރެމެން ކުޅޭނީ އަހަރެމެންގެ އަމިއްލަ މެޗު،"

ކިއުރެސާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުގެ ފޯވާޑް ލިރޯއީ ސާނޭގެ ފަރާތުން ފެނުނު ކުޅުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުން ނާގެލްސްމަން ވަނީ އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ދިފާއުކޮށްފައެވެ. ގަލަތަސަރާއީއަށް ކުޅެމުން އަންނަ ވިންގާ ވަނީ އެ މެޗުގައި ފުރިހަމަ 90 މިނެޓު ކުޅެފައެވެ. ނަމަވެސް ޖަރުމަނުން ޖެހި ހަތް ގޯލުގެ ތެރެއިން އެއްވެސް ގޯލެއް އޭނާއަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. "އަހަރެންގެ ކުޅުންތެރިންނާ ގުޅޭގޮތުން ނޫސްވެރިން މިފަދަ ގޮތަކަށް ލިޔުމަކީ އަހަރެން ގަޔާވާ ކަމަކަށް ނުވާތީ، އެކަމާ އަހަރެން ކަންބޮޑުވޭ،" ނާގެލްސްމަން ބުންޏެވެ.

ސާނޭއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ނާގެލްސްމަން ބުނީ، ނޫސްވެރިން ސާނޭއާ މެދު ރަނގަޅަށް ލިޔުމަށްޓަކައި ސާނޭ އަމިއްލައަށް އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

"އޭގެ ސަބަބުން އޭނާގެ އަމިއްލަ އިތުބާރަށް ބަދަލެއް އަންނާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އޭނާ ރަނގަޅު މެޗެއް ކުޅެފިނަމަ އެކަމުގެ ފައިދާ ކުރާނެ. އަދި އޭނާ ރަނގަޅު މެޗެއް ކުޅޭނެ،" ނާގެލްސްމަން ބުންޏެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އީ" ގައި ޖަރުމަނުން އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 1:00 ގައެވެ.