ކުރިއަށްއޮތް ވޯލްޑް ކަޕް 2026 ގެ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، ސްވިޑެންގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ވިކްޓަ ޔޯކަރެސް އާއި އެލެކްސެންޑާ އީސާކްގެ ޕާޓްނާޝިޕަކީ މުބާރާތުގެ އެންމެ މޮޅު އެއް ޕާޓްނާޝިޕް ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮޓާ ބުނީ، ކުރިއަށް ކުޅޭ މަގާމުތަކުގައި ތިބި ކުޅުންތެރިންގެ ފެންވަރު އެނގޭ ކަމަށާއި ނަމަވެސް ބޭނުންވަނީ އެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ކުޅެވޭނެ ފަދަ ބެލެންސް ޓީމެއް ބިނާކުރަން ކަމަށެވެ.

ގްރޫޕް އެފްގައި ސްވިޑެން ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަތުން 5-1 އިން މޮޅުވި އިރު، ޔޯކަރެސް އާއި އިސާކް ވަނީ ގޯލު ޖަހައިފައެވެ. ޕޮޓާ ފާހަގަކުރިގޮތުގައި، މިއީ މުބާރާތުގެ އެންމެ މޮޅު ޕާޓްނާޝިޕް ކަމަށް ސްވިޑެނުން ގަބޫލުކުރާ ކަމަށެވެ.

"އެ ދެ ކުޅުންތެރިންނާ މެދު އަހަރެމެން ވަރަށް ހިތްހަމަޖެހޭ. އެއީ ކޮންމެ ޓީމަކަށް ވެސް އޮތް ނުރައްކަލެއް. އެންމެ ބޮޑު ގޮންޖެހުމަކީ އެ ދެ ކުޅުންތެރިން އެކުގައި މާ ގިނައިން ކުޅެފައި ނެތުން،" ޕޮޓާ ބުންޏެވެ. އޭނާ އިތުރަށް ބުނީ، ވަކިވަކިން ބަލާއިރު އެއީ ވަރަށް ތަފާތު ދެ ކުޅުންތެރިން ކަމަށާއި ޓީމު ރަނގަޅަށް ކުޅެފިނަމަ އެ ކުޅުންތެރިންގެ ފެންވަރު ދައްކާލެވޭނެ ކަމަށެވެ.

ޔޯކަރެސްގެ ކުޅުމަށް ތައުރީފުކުރަމުން ޕޮޓާ ބުނީ، ބޯޅަ ނެތް ވަގުތުތަކުގައި އޭނާ ކުރާ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. ހާއްސަކޮށް އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ޕްރެސްކުރުމާއި، އާންމުކޮށް ނުފެންނަ ގިނަ މަސައްކަތްތަކެއް އޭނާ ކުރާކަން ކޯޗު ފާހަގަކުރިއެވެ. އަދި މުހިންމު ދަނޑިވަޅުތަކުގައި ޔޯކަރެސް ގޯލު ޖަހާ ނިސްބަތް ރަނގަޅުކަން ވެސް ފާހަގަކުރިއެވެ.

އަނެއްކޮޅުން، އަނިޔާގެ ސަބަބުން ސީޒަންގެ ބޮޑުބައެއް ގެއްލުނު އިސާކްއާ ގުޅޭގޮތުން ޕޮޓާ ބުނީ، އޭނާ އަދި އެންމެ ފުރިހަމަ ފޯމަށް ނާންނަ ކަމަށާއި އެންމެ މޮޅު ކުޅުން ދެއްކުމަށްޓަކައި ވަކި ވަރަކަށް މެޗުތައް ކުޅެން ޖެހޭނެ ކަމަށެވެ. ނަމަވެސް މުބާރާތް ކުރިއަށްދާ ވަރަކަށް އިސާކްގެ ކުޅުން ރަނގަޅުވާނެ ކަމަށާއި ގައުމީ ޓީމާއެކު ކުޅެން އޭނާ އަބަދުވެސް ބޭނުންވާ ކަމަށް ޕޮޓާ ބުންޏެވެ.

ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ޓިއުނީޝިއާ މެޗަށްވުރެ އުނދަގޫ މެޗަކަށް ވާނެކަން ޕޮޓާ ގަބޫލުކުރެއެވެ. އޭނާ ބުނިގޮތުގައި ނެދަލޭންޑްސްއަކީ ބޯޅަ ހިފަހައްޓައިގެން ކުޅުމަށް މޮޅު، އަދި އަރިމަތިން ނުރައްކާތެރި ހަމަލާތަކެއް އުފައްދާ ޓީމެކެވެ. މީގެ އިތުރުން އެ ޓީމުގެ މިޑްފީލްޑާއި ޑިފެންސް ވެސް ވަރަށް ވަރުގަދަ ކަމަށް ޕޮޓާ ފާހަގަކުރިއެވެ. އެހެންކަމުން ސްވިޑެންގެ ކުޅުންތެރިންގެ ހުނަރު ބޭނުންކޮށްގެން ނެދަލޭންޑްސްގެ ކުޅުން ހަލާކުކޮށްލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި މި ދެ ޓީމު މީގެ ކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1974 ވަނަ އަހަރު ކުޅުނު މެޗެކެވެ. އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަދި އެ ފަހަރު ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ކުރިއަށްގޮސްފައެވެ.

ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި ނެދަލެންޑްސްއާ ދެކޮޅަށް ސްވިޑެނުން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 10:00 ގައެވެ. އެ މެޗަށް ނުކުންނަ އިރު، ފުރަތަމަ މެޗުގައި ޖަޕާން އަތުން 2-2 ގެ ނަތީޖާއަކުން ނެދަލެންޑްސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދިއުމަށް މިރޭގެ މެޗަކީ ނެދަލެންޑްސްއަށް މުހިންމު މެޗެކެވެ.