ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގައި، ބެންޗުން ކުޅުންތެރިން އެރުވުމުގައި މިހާރަށްވުރެ ރަނގަޅަށް އަމަލުކުރާނެ ކަމަށް ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.

ކޫމަން މިހެން ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައި އޭނާ ގެނައި ބަދަލުތަކުން އެދެވޭ ނަތީޖާއެއް ނުނުކުތުމާ ގުޅިގެންނެވެ.

ޖަޕާން މެޗުގެ 89 ވަނަ މިނެޓުގައި ނެދަލޭންޑްސް ކޮޅަށް ގޯލު ވަދެފައިވަނީ، ޓީމުގެ ކުޅުން ޑިފެންސިވް ކުޅުމަކަށް ކޫމަން ބަދަލުކޮށްފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، ކޫމަން ވަނީ އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެފައެވެ.

ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޫމަން ބުނީ، ބަދަލު ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ނޫން ކަމަށާއި އޭގެ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް ގަބޫލުކުރާ ކަމަށްވެސް ކޫމަން ބުންޏެވެ. ކޫމަން ބުނިގޮތުގައި އޭނާ ބޭނުންވީ ކުރިއަށް ޖެހިގެން ކުޅޭށެވެ. ނަމަވެސް އެކަން ކުޅުންތެރިންނަށް ނުކުރެވުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ ސްވިޑެން ޓީމުގެ ކުރީކޮޅުގައި މުހިންމު ދައުރެއް އަދާކުރަނީ ވިކްޓާ ޔޯކަރެސް އަދި އެލެކްސެންޑާ އިސާކްއެވެ. ޓިއުނީޝިއާ އަތުން 5-1 އިން ސްވިޑެން މޮޅުވި މެޗުގައި މި ދެ ކުޅުންތެރިންވެސް ވަނީ ގޯލު ޖަހައިފައެވެ.

ކޫމަން ބުނިގޮތުގައި ޔޯކަރެސް އަދި އިސާކް އަކީ ހަލުވި، ވަރުގަދަ އަދި ގޯލު ޖެހުމުގެ ގާބިލުކަން ހުރި ދެ ކުޅުންތެރިންނެވެ. އެހެންކަމުން ނެދަލޭންޑްސްގެ ޑިފެންޑަރުން އެ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށާއި، ނަމަވެސް މުޅި ސްވިޑެން ޓީމަށްވެސް ސަމާލުވާންޖެހޭނެ ކަމަށް ކޫމަން ފާހަގަކުރިއެވެ.

މި މެޗާ ކުރިމަތިލާއިރު ނެދަލޭންޑްސް ޓީމަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. މިގޮތުން އެންމެ މުހިންމު މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ހުރީ އަނިޔާއެއްގައެވެ.

ގްރޫޕް އެފްގައި ނެދަލެންޑްސް އިން ސްވިޑެންއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 10:00 ގައެވެ.