ވޯލްޑް ކަޕް 2026 ގައި ދިހަ ކުޅުންތެރިންނާއެކު މޮޅުވެ، ޕެރަގުއާއީ އިން ތުރުކީ ކަޓުވާލައިފިއެވެ.

ތުރުކީއަކީ ވޯލްޑް ކަޕާ އެހާ ދޯޅު ރައްޓެހި ގައުމެއް ނޫނެވެ. މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އެގައުމުގެ ތިންވަނަ ވޯލްޑް ކަޕަށެވެ. ތުރުކީން 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި ވޯލްޑް ކަޕުގައި ކުޅުނު ނަމަވެސް، އެ ފަހަރު މުބާރާތުން ވަކިވީ ގްރޫޕް ސްޓޭޖުންނެވެ. އޭގެފަހުން އެތައް އަހަރެއްގެ އިންތިޒާރަކަށްފަހު ދެން ކުޅުނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެއީ އެގައުމުގެ ރަން ޖީލަކާއެކު ނުކުތް ވޯލްޑް ކަޕެކެވެ. ތުރުކީގެ ފުޓުބޯޅަ ތާރީހު އެފަހަރު ބަދަލުކޮށްލީ ވޯލްޑް ކަޕްގެ ތިންވަނައާއެކުގައެވެ. ދެކުނު ކޮރެއާ އަދި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕްގައި ތުރުކީ ކެޓީ ސެމީ ފައިނަލްގައި ބްރެޒިލް ކައިރިންނެވެ. ތިންވަނަ ހޯދީ ދެކުނު ކޮރެއާ ބަލިކޮށްގެންނެވެ. ތުރުކީއަކީ ފަސް ފަހަރު ޔޫރޯގައި ކުޅެ، 2008 ވަނަ އަހަރު އެ މުބާރާތުގެ ސެމީ ކުޅުނު ޓީމެކެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕެރަގުއާއީން މިހާތަނަށް އަށް ފަހަރު ވޯލްޑް ކަޕްގައި ކުޅެފައިވެއެވެ. އެޓީމަކީ ފުރަތަމަ ބޭއްވި 1930 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފު ވެސް ހޯދި ޓީމެކެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަންކަން 1979 އަދި 1953 ވަނަ އަހަރު ހޯދި ޕެރަގުއާއީ 1950 ވަނަ އަހަރާއި 1958 ވަނަ ވޯލްޑް ކަޕްގައިވެސް ކުޅުނެވެ. އޭގެފަހުން މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕް ގަދަ 16 އަށް ދަތުރުކުރި އިރު، 1998 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދުވެސް ޕެރަގުއާއީ ވޯލްޑް ކަޕްގައި ކުޅުނެވެ. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެ، ޕެރަގުއާއީ ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. އެއީ އެޓީމުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

މި މެޗުގެ ތުރުކީގެ ފުރަތަމަ 11 ގައި އެޓީމުގެ ތަރި އާދާ ގުލާ އާއި ކެޕްޓަން ހަކާން ޗަލަނޯލޫ އާއި ތަޖުރިބާކާރު ޑިފެންޑަރު މެރީހް ޑެމިރާލް އާއި ކެނާން ޔިލްޑީޒް އަދި ފެރްދީ ކަޑިއޯލޫ ހިމެނެއެވެ. އޭގެ އިތުރުން އެޓޭކުގައި ކެރެމް އަކްތާކޯލޫ ހިމެނެއެވެ. ޕެރަގުއާއީގެ ފުރަތަމަ 11 ގައި އެޓީމުގެ ތަރި ހޫލިއޯ އެންސީސޯ އާއި މިގެލް އަލްމިރޮން ހިމެނެއެވެ.

ތުރުކީ އަދި ޕެރަގުއާއީ ވެސް ވަނީ "ގްރޫޕު ޑީ"ގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ތުރުކީން އޮސްޓްރޭލިއާ އަތުން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ އަތުން ބަލިވި އިރު، ޕެރަގުއާއީ ވަނީ 4-1 ގެ ނަތީޖާއަކުން އެމެރިކާ އަތުން ބަލިވެފައެވެ. އެހެންކަމުން މި މެޗަކީ މުބާރާތުގައި ކުރިއަށްދިއުމަށް ދެ ޓީމަށް ވެސް މުހިންމު މެޗަކަށް ވެފައިވެއެވެ.

އެމެރިކާގެ ލެވީސް ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ޑީ"ގެ މެޗުގައި ތުރުކީގެ މައްޗަށް ޕެރަގުއާއީ އިން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިތާ މިނެޓެއް ތެރޭ ޕެރަގުއާއީ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ހޫލިއޯ އެންސީސޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މަޓިއަސް ގަލާޒާ ފޮނުވާލި ހަމަލާ އަމާޒުވީ ތުރުކީ ގޯލުގެ ތިރީ ކަނަކަށެވެ. މިއީ މި ވޯލްޑް ކަޕްގައި ޖެހި އެންމެ އަވަސް ގޯލެވެ.

ވަރުގަދަ ފިޒިކަލް ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި 11 ވަނަ މިނެޓުގައި ވެސް ޕެރަގުއާއީ އިން ދުރުން ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑިއޭގޯ ގޮމޭޒް ފޮނުވާލި ބާރު ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ތުރުކީއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކެރެމް އަކްތާކޯލޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އާދާ ގުލާ ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ގޯލަށްފަހު ޕެރަގުއާއީ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސަށް މަސައްކަތްކުރަމުންދިޔަ އިރު، ތުރުކީން ދިޔައީ ބޯޅަ ހިފަހައްޓައިގެން ކުޅެ، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މެޗުގެ ފުރަތަަމަ 25 މިނެޓުގެ ތެރޭގައި ޕެރަގުއާއީގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ޕެރަގުއާއީ އިން ދިޔައީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ.

ޕެރަގުއާއީގެ ގޯލާ އަމާޒުކޮށް ތުރުކީއަށް ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ 29 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ކެނާން ޔިލްޑީޒް އުނދަގުލާއެކު ފޮނުވާލި އެ ހަމަލާ އަމާޒުވީ ޕެރަގުއާއީ ކީޕަރު އޮރްލޭންޑޯ ގިލްއާ ދިމާއަށެވެ. އެ ހަމަލާގައި ނުރައްކަލެއް ނެތުމާއެކު ކީޕަރު ގިލް ވަނީ ހަމަޖެހިލާފައި އެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ތުރުކީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޗަލަނޯލޫ ނަގައިދިން ބޯޅައިން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މާޓް މުލްޑާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޕެރަގުއާއީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ މިނެޓެއް ފަހުން ކައުންޓާ އެޓޭކެއްގައި ޕެރަގުއާއީ އިން ނުރައްކާ ކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ކަސެރޭސް ފޮނުވާލި ހަމަލާ، ތުރުކީ ކީޕަރު އުގާޗާން ޗަކީރް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެރަގުއާއީގެ މިގެލް އަލިމިރޮންއަށް ރަތްް ކާޑެއް ދެއްކުމުން، ޕެރަގުއާއީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ، އަނގަމަތީގައި އަތްއަޅައިގެން ތުރުކީގެ މަލްޑޯއާ ދިމާއަށް ބަހެއް ބުނެފައިވާތީއެވެ. އަނގަމަތީގައި އަތް އަޅައިގެން އިދިކޮޅު ކުޅުންތެރިންނާ މުއާމަލާތްކުރާ ނަމަ، މިހާރު ގަވާއިދު އޮންނަގޮތުން އެ ކުޅުންތެރިތަކަށް ސީދާ ރަތް ކާޑު ދައްކާނެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕެރަގުއާއީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ތުރުކީން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެމިރާލް ފޮނުވާލި ބާރު ހަމަލާ، ޕެރަގުއާއީ ކީޕަރު ގިލް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޔިލްޑީޒް ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ތުރުކީގެ ކެޕްޓަން ޗަލަނޯލޫއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކަޑިއޯލޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޗަލަނޯލޫ ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އޭގެ މިނެޓެއް ފަހުން ވެސް ތުރުކީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެމިރާލް ފޮނުވާލި ބާރު ހަމަލާ، ޕެރަގުއާއީ ކީޕަރު ގިލް ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅަ ލިބުނު ނަމަވެސް، އެ ބޯޅައިން ތުރުކީއަށް ނުރައްކާކުރެވިފައެއް ނުވެއެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޕެރަގުއާއީއަށް ލީޑު ފުޅާކޮށްލުމަށް މެޗުގެ 60 ވަނަ މިނެޓުގައި ރަނގަޅު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެންސީސޯއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ކައިރިކައިރީގައި ތުރުކީއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޔިލްޑީޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެނިޒް ގުލް ބޮލުން ފޮނުވާލި ހަމަލާ ޕެރަގުއާއީ ކީޕަރު ގުލްއާ ދިމާއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ޔިލްޑީޒް ފޮނުވާލި ހަމަލާ ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ތުރުކީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަބްދުލްކެރީމް ބާޑާކްޗީ ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ކީޕަރު ގިލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ފަހުން ތުރުކީގެ ކެޕްޓަން ޗަލަނޯލޫ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ، ޕެރަގުއާއީގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

ތުރުކީން ކުރިއަށް ޖެހި މެޗުގެ 80 ވަނަ މިނެޓުގައި ވެސް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރިއެވެ. މުލްޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެމިރާލް ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ މިނެޓެއް ފަހުން ވެސް ތުރުކީއަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން ބަދަލު ކުޅުންތެރިޔާ ޗޭން އުޒުން ފޮނުވާލި ހަމަލާ ދިޔައީ ޕެރަގުއާއީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ވެސް ތުރުކީއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އުޒުން ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ޑިފެންސުން ބްލޮކްކޮށްފައިވާ އިރު، ރީބައުންސް ބޯޅައިން ޑެނިޒް ގުލް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ނަތީޖާ ހަމަހަމަކުރުމަށް ތުރުކީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގުލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެމިރާލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕެރަގުއާއީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވެސް ތުރުކީ ބަލިވެ، އެޓީމު އޮތީ ގްރޫޕުގެ ފުލުގައެވެ. އެމެރިކާއިން ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް ދެވަނަ ބުރުން ޖާގަ ހޯދާފައިވާ އިރު، އޮސްޓްރޭލިއާ އަދި ޕެރަގުއާއީ އިން ވަނީ ތިން ޕޮއިންޓު ހޯދައިފައެވެ.