އިންޑިއާގެ އިގުތިސޯދީ އިސްލާހުތަކަށާއި އަމިއްލަ ވިޔަފާރިތައް މެދުވެރިކޮށް ވަޒީފާ އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީގެ ޕެކޭޖެއް ފާސްކޮށްފިއެވެ.
މި އެހީއަކީ "ބޫސްޓިން ޖޮބް ކްރިއޭޝަން އިން ދަ ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން" ޕްރޮގްރާމްގެ ދަށުން ދޫކުރާ އެހީއެކެވެ. ވޯލްޑް ބޭންކުން ބުނި ގޮތުގައި، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 11 މިލިއަން ޒުވާނުން އިންޑިއާގެ ވަޒީފާގެ ބާޒާރަށް ނުކުންނާނެއެވެ. އެހެންކަމުން، މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމުގެ އިތުރުން، ކުންފުނިތައް ފުޅާކޮށް ވަޒީފާތައް އުފެއްދުމަށް އަމިއްލަ ކެޕިޓަލް ހޯދުމެވެ.
ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޖޮހަނެސް ޒުޓް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގުތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް، އަމިއްލަ ކެޕިޓަލް ހޯދައި ވަޒީފާތައް އުފެއްދުމަށް އިންޑިއާއިން ގެންނަ އިސްލާހުތައް ކުރިއަށްދަނީ ރަނގަޅު ދުވެއްޔެއްގައެވެ. އަދި ކުންފުނިތަކަށް އޮތް ގާނޫނީ ހުރަސްތައް ކުޑަކޮށް، މާކެޓަށް ވަނުމުގެ ފުރުސަތު ފުޅާކޮށްދިނުމުން، ވިޔަފާރިތައް ފުޅާކޮށް އާ ވަޒީފާތައް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާ ސަރުކާރުގެ ތަފާސްހިސާބުތަކާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އެ ގައުމުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދު ވަނީ 452 މިލިއަނުން 604 މިލިއަނަށް އިތުރުވެފައެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް 6.0 އިންސައްތައިން 3.2 އިންސައްތައަށް ވަނީ ދަށްވެފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، މި އާ ފަންޑިންގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އިތުރަށް ފަސޭހަ ވެ، އިގުތިސޯދީ ގޮތުން އަންނަ ލޮޅުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް