ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީގެ ހިޔުމަން ރިސޯސް ޑިޕާޓްމެންޓުން، މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވަނީ ކުންފުނީގެ ރިޓަޔަމަންޓް ޕޮލިސީއާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލަށް ބޯޑުން މިހާރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

މި އިސްލާހުތަކާއެކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް މައިގަނޑު ދެ ގޮތެއް ވަނީ ހަމަޖައްސާފައި ކަމަށެވެ. އެއީ ވޮލެންޓަރީ ރިޑަންޑަންސީއާއި ވޮލެންޓަރީ ރިޓަޔާމަންޓްކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ. ވޮލެންޓަރީ ރިޑަންޑަންސީގެ ދަށުން ވަކިވާން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް، މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ. އަދި އަމިއްލައަށް އެދިގެން ރިޓަޔާވާން ހުށަހަޅާ މީހުންނަށް، އެ މީހަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތާއި އަދާކުރި މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައިކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ.

މީގެކުރިން ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ މުވައްޒަފުން މަދުކުރުމުގެ ގޮތުން، ހަތަރު މަސްދުވަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތާއި އާލީ ރިޓަޔާމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. 8,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ފެނަކައިގެ ހާލަތު މިވަގުތު ހުރި ގޮތުން މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވަނީ މީގެކުރިން ވިދާޅުވެފައެވެ.