ވޯލްޑް ކަޕް 2026 ގައި ތުރުކީ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން ބަލިވުމާ ގުޅިގެން އެ ޓީމުގެ ޒުވާން ކުޅުންތެރިންނަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ކުޅުންތެރިން މާޔޫސްވެފައިވާ ކަމަށް ތުރުކީގެ ކޯޗު ވިންޝެންޒޯ މޮންޓޭލާ ބުނެފިއެވެ.
"ގްރޫޕު ޑީ" ގެ އެއްވަނަ މަގާމަށް އެމެރިކާއާ ވާދަކުރާނެ ކަމަށް މުބާރާތުގެ ކުރިން ގިނަ ބަޔަކު ލަފާކުރި ތުރުކީ ވަނީ ފުރަތަމަ މެޗުގައި 2-0 އިން އޮސްޓްރޭލިއާ އަތުން ބަލިވެފައެވެ. ޕެރަގުއާއީއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ތުރުކީއަށް ހަނިވާނެއެވެ.
ޕެރަގުއާއީ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މޮންޓޭލާ ބުނީ ކުރިއަށް އޮތް މުހިންމު މެޗުގައި ޓީމަށް އިތުރު ސަޕޯޓު ހައްގުވާ ކަމަށެވެ. ފުރަތަމަ މެޗަށްފަހު ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން އަމާޒުވާނެ ކަމަށް އުންމީދުކުރި ނަމަވެސް، އެންމެ މެޗަކަށްފަހު އައި ބޮޑު ރިއެކްޝަނާ މެދު ހައިރާންވި ކަމަށް މޮންޓޭލާ ބުންޏެވެ.
އިޓަލީއަށް ނިސްބަތްވާ މޮންޓޭލާ ބުނީ އޭނާއަކީ އުމުރުން ދޮށީ މީހަކަށް ވުމުން އެފަދަ ކަންކަމާ އަޅައިނުލައި ހުރެވިދާނެ ކަމަށާއި، ނަމަވެސް ޓީމުގައި ގިނައީ އުމުރުން 20 އަހަރުގެ ކުޅުންތެރިން ކަމަށެވެ. "އެއީ ޒުވާން ކުޅުންތެރިން. އެފަދަ ހާލަތްތަކުގައި އެ ކުޅުންތެރިންނަށް ނޭދެވޭ އަސަރުކުރާނެ،" މޮންޓޭލާ ބުންޏެވެ.
މޮންޓޭލާ އިތުރަށް ފާހަގަކުރި ގޮތުގައި ގައުމުން އަމާޒުވި ފާޑުކިޔުންތައް ވަރަށް ހަރުކައްޓެވެ. ފާއިތުވި ދުވަސްތަކުގައި އޭގެ ސަބަބުން ކުޅުންތެރިންގެ ހިތްވަރަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެއީ އިންސާނުން، އެއީ ރޮބޮޓުންނެއް ނޫން، މެޝިންތަކެއް ނޫން. އެހެންކަމުން ބައެއް ރިއެކްޝަންތަކުގެ ސަބަބުން އެ ކުޅުންތެރިންނަށް ވަނީ އަސަރުކޮށްފައި،" މޮންޓޭލާ ބުންޏެވެ.
ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކުން ކުޅުންތެރިން ސަލާމަތްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޮންޓޭލާ ދެކެއެވެ. ނަމަވެސް ފުޓްބޯޅައިގެ ޕްރެޝަރުން ކުޅުންތެރިން ދުރުކުރުމަށްޓަކައި އިއްޔެ ވަނީ ކުޅުންތެރިންގެ އާއިލާތަކަށް ކޭމްޕަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދީފައެވެ.
ޕެރަގުއާއީގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ އަތުން 4-1 އިން ޕެރަގުއާއީ ވަނީ ބަލިވެފައެވެ. އެހެންކަމުން ޕެރަގުއާއީ އަދި ތުރުކީއަށް ވެސް ކުރިއަށްއޮތް މެޗުން ޕޮއިންޓް ހޯދުން ވަރަށް މުހިންމުވާނެއެވެ.
މޮންޓޭލާ ބުނީ ޕެރަގުއާއީއާ ދެކޮޅަށް ނުކުންނަ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ބަދަލުތައް ގެންނާނީ ހަމައެކަނި ޓެކްޓިކަލް ސަބަބުތަކަށްޓަކައި ކަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމާ ގުޅިގެން ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. ތުރުކީގެ ފުޓުބޯޅައިން ފާއިތުވި ތިން އަހަރު ހޯދި ކުރިއެރުންތައް އެންމެ ބައްޔަކުން ގެއްލިގެން ނުދާނެ ކަމަށް ކޯޗު ބުންޏެވެ.
"މި ޓީމުން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ނެރެފައި. އަދި އަހަރެމެންނަށް މިއަށްވުރެ ރަނގަޅަށް ކުޅެވުނު ނަމަވެސް، އަހަރެމެންނަށް އިތުރު އިހުތިރާމު ހައްގުވާ ކަމަށް ގަބޫލުކުރަން،" މޮންޓޭލާ ބުންޏެވެ.
"ގްރޫޕު ޑީ" ގައި ޕެރަގުއާއީއާ ދެކޮޅަށް ތުރުކީ ނުކުންނާނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 8:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް