އިންޑިއާގެ ގޯތަމް ބުއްދާ ޔުނިވާސިޓީގައި ދުނިޔޭގެ ފުރަތަމަ އަންހެން ދަރިވަރުންގެ ސެޓެލައިޓް މަޝްރޫއު، "މިޝަން ޝާކްތީސެޓް" މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެހި ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ބުނި ގޮތުގައި، މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު އާމިނަތު ނޯޔާ ސަމީހުއެވެ. ނޯޔާ ވަނީ އެންމެ ފަހުން ބޭއްވި އޯ ލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެއްވަނަ ހޯދައިފައެވެ. ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ ނޯޔާ ބޭނުންވަނީ މުސްތަގުބަލުގައި ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ކުރިއަށްދާން ކަމަށް ވިމް އިން ބުނެއެވެ.
މި ދަތުރުގައި ނޯޔާއާއެކު ރާއްޖޭގެ އެމްބެސެޑަރުގެ ގޮތުގައި ވިމްގެ ރައީސާ މިންހާ ފާއިޒު ރަޝާދު ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސޯސަން ފިހާރައާއި ސެންޗޫރިއަން އިންނެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދި ގޯތަމް ބުއްދާ ޔުނިވާސިޓީގެ ޗާންސެލަރު ޔޯގީ އަދިތިޔަނާތެވެ. ހާއްސަ މެހެމާނެއްގެ ގޮތުގައި އުއްތަރު ޕްރަދޭޝްގެ އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް މިނިސްޓަރު ނަންދު ގޯޕާލް ގުޕްތާ ބައިވެރިވެވަޑައިގަތް އިރު، ސްޕޭސް ކިޑްޒް އިންޑިއާގެ ފައުންޑަރު ޑރ. ސްރީމަތީ ކޭސަން އަދި އިން-ސްޕޭސްގެ ޑިރެކްޓަރު ވިނޯދު ކުމާރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ސްޕޭސް ކިޑްޒް އިންޑިއާގެ ފައުންޑަރު ޑރ. ސްރީމަތީ ކޭސަން ވަނީ މިޝަން ޝާކްތީސެޓްގެ ތަސައްވުރާއި މަގުސަދުތަކަށް އަލިއަޅުއްވާލައްވައިފައެވެ. އޭނާ ވިދާޅުވީ މި މިޝަނަކީ ހަމައެކަނި އެއް ގައުމެއްގެ ތަރައްގީއަށް އަމާޒުކޮށްފައިވާ މިޝަނެއް ނޫން ކަމަށާއި، މީގެ ބޭނުމަކީ ޖައްވީ ތައުލީމުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި އަންހެން ކުދިން އެއްތަންކޮށް، ގައުމުތަކުގެ މެދުގައި އިލްމީ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި މިއީ ހަމައެކަނި ޖައްވީ މައުލޫމާތު ދިނުމުގެ ބަދަލުގައި، ސެޓެލައިޓް އުފެއްދުމާއި، ޕޭލޯޑް އުފެއްދުމާއި، ސިސްޓަމްސް އިންޖިނިއަރިން އަދި ހަގީގީ ސްޕޭސް މިޝަންތަކުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ބައިނަލްއަގުވާމީ ޕްރޮގްރާމް ބޭއްވުމަށް ގޯތަމް ބުއްދާ ޔުނިވާސިޓީން ދިން ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިޝަން ޝާކްތީސެޓަކީ އިންޑިއާއާއި އިތުރު 108 ގައުމެއްގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން، "ޝާކްތީސެޓް-ލިއޯ" އަދި "ޝާކްތީސެޓް-މޫން" ސެޓެލައިޓް އުފެއްދުމަށް ތަމްރީނުދޭ ޕްރޮގްރާމެކެވެ. ވިމް އިން ފާހަގަކުރި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދަރިވަރުން ވަނީ އޮންލައިންކޮށް ސްޕޭސް އިންޖިނިއަރިންގެ މުހިންމު ބައިތައް ދަސްކޮށްފައެވެ. އަދި މިހާރު ފެށިގެން އުޅޭ ދެވަނަ ފިޔަވަހީގައި، ކޮންމެ ގައުމަކުން ހޮވާލެވުނު ދަރިވަރުން ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވާނެއެވެ.
މި ޕްރޮގްރާމްގައި 12،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ އިރު، މި މިޝަންގައި އުފައްދާ ސެޓެލައިޓް އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކިއުބްސެޓެއް އުފެއްދުމުގެ މަސައްކަތުގައިވެސް މި ދަރިވަރުން ބައިވެރިވާނެ ކަމަށް ވިމް އިން ބުނެފައިވެއެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް
ކޮމެންޓް