ވޯލްޑް ކަޕް 2026 ގައި ސައުތު ކޮރެއާ ބަލިކޮށް، މެކްސިކޯއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ކޮންކާކަފްއަށް ނިސްބަތްވާ މެކްސިކޯ އިން ވަނީ 18 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ކުޅުމުގެ ޝަރަފު ވެސް މެކްސިކޯ އިން ހޯދާފައިވެއެވެ. 1994 އިން 2018 އަށް ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި މެކްސިކޯ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ނަމަވެސް، 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އޭގެ އިތުރުން 1930 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި ވޯލްޑް ކަޕުގައި ވެސް މެކްސިކޯ ފެނިގެންދިޔައެވެ. ފުރަތަމަ ވޯލްޑް ކަޕު މެޗު ކުޅުމުގެ ޝަރަފު ވެސް އެޓީމަށް ލިބިގެންދިޔައެވެ. މެކްސިކޯ އިން ވޯލްޑް ކަޕުގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 1970 އަދި 1986ގެ ވޯލްޑް ކަޕުގައެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ ދެ މުބާރާތުގައި ވެސް މެކްސިކޯ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މިއީވެސް އަމިއްލަ ގައުމުގައި ވޯލްޑް ކަޕް މެޗުތަކެއް ކުޅޭ ފަހަރެކެވެ. މެކްސިކޯއަކީ މިފަހަރު ވޯލްޑް ކަޕްގެ ހޯސްޓް ގައުމެކެވެ.

ސައުތު ކޮރެއާ ޖޮސެއޮންގެ ގޮތުގައި އޮތް އިރުވެސް އެގައުމުގައި ފުޓުބޯޅައިގެ ހަރަކާތްތަކެއް ކުރިއަށްދިޔައެވެ. އޭގެ ފަހުން ސައުތު ކޮރެއާގެ ފުޓުބޯޅަ 1945 ވަނަ އަހަރު ރަސްމީވެ، 1948 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރިއެވެ. އޭޝިއަން ކަޕްގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކުރި ސައުތު ކޮރެއާއިން ވޯލްޑް ކަޕްގައި 11 ފަހަރު ކުޅެފައިވެއެވެ. 1986 ވަނަ އަހަރުން 2022 ވަނަ އަހަރާއި ހަމައަށް ސައުތު ކޮރެއާއިން ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވެއެވެ.

ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އޭޝިއާގެ ޓީމަކީވެސް ސައުތު ކޮރެއާއެވެ. ކޮރެއާ ވަނީ ޖަޕާނާއެކު 2002 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓް ކޮށް، އެފަހަރު ސެމީ ފައިނަލުގައި ކުޅެ، ހަތަރު ވަނަ ހޯދައިފައެވެ. އެފަހަރު ކޮރެއާއިން ވަނީ ސްޕެއިނާއި އިޓަލީ އަދި ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ގަތަރު ވޯލްޑް ކަޕުން ސައުތު ކޮރެއާ ކެޓީ ގަދަ 16 އިންނެވެ.

"ގްރޫޕު އޭ" ގައި ފުރަތަމަ މެޗުގައި މެކްސިކޯ އަދި ސައުތު ކޮރެއާ ވެސް ވަނީ މޮޅެއް ހޯދައިފައެވެ. މެކްސިކޯގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ބަލިކުރި އިރު، ސައުތު ކޮރެއާގެ ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ވަނީ ކުރި ހޯދައިފައެވެ.

ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެކްސިކޯގެ ސެސާ މޮންޓޭސްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން މިއަދުގެ މެޗުގައި ހުރީ ސަސްޕެންޝަނެއްގައެވެ. އެ މެޗުގައި ގޯލު ޖެހި ދެ ކުޅުންތެރިން ކަމަށްވާ މެކްސިކޯގެ ތަރި ރައުލް ހިމެނޭޒް އަދި ހޫލިއަން ކިނިއޮނޭސް މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ވެސް ވަނީ ހިމަނައިފައެވެ.

މިއަދުގެ މެޗަށް ސައުތު ކޮރެއާގެ ފުރަތަމަ 11 ގައި ވެސް އެޓީމުގެ ތަރި އަދި ކެޕްޓަން ސޮން ހިއުން މިން އާއި ބަޔާން މިއުނިކަށް ކުޅޭ ކިމް މިން ޖޭގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅޭ ލީ ކަންގް އިން ވަނީ ހިމަނައިފައެވެ. އިނގިރޭސިވިލާތުގެ ވުލްވްސްއަށް ކުޅޭ ހުވަން ހީ ޗޭން ފަށާފައިވަނީ ބެންޗުންނެވެ.

މެކްސިކޯގެ އެސްޓާޑިއޯ އެކްރޮންގައި ކުޅުނު "ގްރޫޕު އޭ" ގެ މެޗުގައި ސައުތު ކޮރެއާގެ މައްޗަށް މެކްސިކޯއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ހަ ޕޮއިންޓު ހޯދައިގެން ދެވަނަ ބުރުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް މެކްސިކޯ ވަނީ ވެފައެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އެޓޭކުގައި ނުރައްކާކޮށް ފެނުނީ މެކްސިކޯ އެވެ. ނަމަވެސް މެކްސިކޯއަށް ސައުތު ކޮރެއާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ސައުތު ކޮރެއާ އިން ހަލުވި ފޯވަޑުންގެ ބޭނުން ހިފައި ކައުންޓާ އެޓޭކަށް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ގޯލު ޖަހާނެ ފުރުސަތުތައް ސައުތު ކޮރެއާއަށް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ސައުތު ކޮރެއާ ކެޕްޓަން ސޮންއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކީޕަރު ރައުލް ރަންހެލް ބޯމަތިން ފޮނުވާލި ބޯޅަ، ގޯލު ލައިންމަތިން މެކްސިކޯ ކެޕްޓަން އެޑްސަން އަލްވަރޭޒް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި މެކްސިކޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިނައޮނޭސް ބޮލުން ފޮނުވާލި ހަމަލާ، ކޮރެއާ ކީޕަރު ކިމް ސިއުން ގިޔޫ ވަނީ މަތަކޮށްފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ކޮރެއާއަށް މެޗުގެ 41 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން، ސޯލް ޔަންގް ވޫ ފޮނުވާލި ހަމަލާ، މެކްސިކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފުރުސަތު ލިބިފައިވަނީ މެކްސިކޯ އަށެވެ. ރޮބާޓޯ އަލްވަރާޑޯ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް އަރިމަތިން ވަނުމަށްފަހު ހެސުސް ގަޔާޑޯ ފޮނުވާލި ހަމަލާ ސައުތު ކޮރެއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 50 ވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސައުތު ކޮރެއާގެ ކީޕަރު ކިމްއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެކްސިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލުއިސް ރޯމޯ އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި މެކްސިކޯއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގިނިއޮނޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރައުލް ހިމެނޭޒް ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ވެސް މެކްސިކޯގެ ނުރައްކާ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮބެދް ވާގަސް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ކޮރެއާގެ ކީޕަރު ކިމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ ދެ މިނެޓު ފަހުން ކޮރެއާއަށް ނަތީޖާ ހަމަހަމަކުރުމަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޗޯ ގޫ ސުންގް ފޮނުވާލި ހަމަލާ އަދި ރީބައުންސް ބޯޅައިން ލީ ޖޭ ސުންގް ފޮނުވާލި ހަމަލާ ވެސް މެކްސިކޯ ކީޕަރު ރަންހެލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ފަހުން ޗޯ ގޫ ސުންގް ފޮނުވާލި ހަމަލާ ވެސް މެކްސިކޯ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

މި ގްރޫޕުގައި ޗެކް ރިޕަބްލިކާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ދެ ޓީމަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިއަދުގެ މޮޅާއެކު މެކްސިކޯއިން ވަނީ ގްރޫޕުގެ އެއްވަނަ ވެސް ކަށަވަރުކޮށްފައެވެ. ޕޮއިންޓުގެ ގޮތުން ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ހެޑް ޓު ހެޑް ނަތީޖާއަށް ބަލާތީ މެކްސިކޯއަށް ވަނީ އެއްވަނަ ކަށަވަރުވެފައެވެ. އެގޮތަށް އެއްވަރުވުމުގެ ފުރުސަތު ވެސް އޮތީ މެކްސިކޯ އަތުން މިއަދު ބަލިވި ސައުތު ކޮރެއާއަށެވެ. ކޮރެއާއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓު ލިބިފައެވެ.