ވޯލްޑް ކަޕް 2026 ގައި ފަސޭހަކަމާއެކު ގަތަރު ބަލިކޮށް، ކެނެޑާއިން ވޯލްޑް ކަޕް ތާރީހުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ކޮންކެކަފް ފެޑަރޭޝަންގައި ވާދަކުރާ ކެނަޑާއަކީ ފުޓުބޯޅައިގެ މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫން ނަމަވެސް، އެޓީމަށް މިހާރު ވަނީ ދިރުން ގެނުވައިފައެވެ. ހާއްސަކޮށް އެ ރީޖަންގައި މިހާރު ކެނެޑާއަކީ ތަރިންތަކެއް އުފައްދަމުން އަންނަ ހަބެކެވެ. ކެނެޑާ ފުޓުބޯޅަ ތާރީހުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1985 ވަނަ އަހަރާއި 2000 ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ކޮންކަކަފް ޗެމްޕިއަންޝިޕް، ގޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އޭގެފަހުން ދެން ކުޅުނީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ.

ކެނެޑާއިން 1904 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހޯދި ނަމަވެސް، އޭގެ ފަހުން ފުޓުބޯޅައަށް މާ ބޮޑެތި އިންގިލާބުތަކެއް ނައިސް މަޑު ޖެހުނެވެ. އެހެންނަމަވެސް މިހާރު އާ ޖީލަކާއެކު ކުރިއަށްދާ ކެނެޑާއަށް މިއީ ހާއްސަ ވޯލްޑް ކަޕެކެވެ. އެއީ ކެނެޑާއަކީ މުބާރާތުގެ ހޯސްޓަކަށްވާތީއެވެ.

ގަތަރަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ހޯސްޓް ގައުމެވެ. އެފަހަރު ގަތަރަށް ވޯލްޑް ކަޕުން ޖާގަ ލިބުނީވެސް ހޯސްޓް ގައުމުގެ ގޮތުގައެވެ. ވިޔަފާރީގެ ގޮތުން ކުރިއަރައި، ތަރައްގީގެ އާ ދަރަޖައެއްގައި އޮތް ގައުމެއް ނަމަވެސް، ގަތަރަކީ ފުޓުބޯޅައިގެ ތާރީހެއް އޮތް ގައުމެއް ނޫނެވެ. އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕަކީ ގަތަރުގެ ފުރަތަމަ ވޯލްޑް ކަޕެވެ.

ދެވަނަ ވޯލްޑް ކަޕަކަށް ކޮލިފައިވެގެން ގަތަރުން ނުކުތް އިރު، އެގައުމަކީ މިހާރު އޭޝިއާގެ އެންމެ ވަރުގަދަ އެއް ގައުމެވެ. އެކަން ވަނީ ސާބިތުވެސް ކޮށްދީފައެވެ. ރަނގަޅު އިންވެސްޓްމަންޓްތަކާއެކު ފުޓުބޯޅައަށް ގެންނަމުންދާ ކުރިއެރުންތަކުގެ ނަތީޖާއެއްގެ ގޮތުން ގަތަރުން ވަނީ އެންމެފަހުން ބޭއްވި އޭޝިއަން ކަޕް ދެ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އެއީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ އިތުރުން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕެވެ. އެއީ ގަތަރަށް އޮތް ބޮޑު ހިތްވަރެކެވެ.

"ގްރޫޕު ބީ" ގެ ފުރަތަމަ މެޗުތަކަށްފަހު އެ ގްރޫޕުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ގްރޫޕުގެ ފުރަތަމަ ދެ މެޗު ވެސް އެއްވަރުވެފައިވުމުން ސްވިޒަލެންޑް، ބޮސްނިއާ، ކެނެޑާ އަދި ގަތަރަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ އިތުރުން، ގަތަރާއި ސްވިޒަލެންޑްގެ ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ޕޮއިންޓުގެ ގޮތުންނާއި ގޯލުގެ ގޮތުން ވެސް ހުރިހާ ޓީމެއް ވަނީ އެއްވަރުވެފައެވެ.

ވޯލްޑް ކަޕަށް އަނިޔާއަކާއެކު ކުރިމަތިލި ކެނެޑާގެ ތަރި އަލްފަންސޯ ޑޭވީސް މިރޭގެ މެޗު ވެސް ފެށީ ބްނޗުންނެވެ. ނަމަވެސް ޓަޔޯން ބުކަނަން، ސްޓެފަން ޔުސްތާކިއޯ، އިސްމާއިލް ކޯނޭ، ޖޮނަތަން ޑޭވިޑް އަދި ކައިލް ލެރިން ވަނީ ކެނެޑާގެ ފުރަތަމަ 11 ގައި ހިމަނައިފައެވެ. ގަތަރުން މިއަދުގެ މެޗަށް ވެސް ވަނީ އެޓީމުގެ ތަރު އަކްރަމް އަފީފް ފުރަތަމަ 11 ގައި ހިމަނައިފައެވެ.

ކެނެޑާގެ ވެންކޫވާގެ ބީސީ ޕްލޭސްގައި މިރޭ ކުޅުނު "ގްރޫޕު ބީ" ގެ މެޗުގައި ގަތަރުގެ މައްޗަށް ކެނެޑާއިން ކުރި ހޯދީ 6-0 ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ ކުޅުމަކާއެކު ފެށި ކެނެޑާއަށް މެޗުގެ ހަތްވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޮނަތަން ޑޭވިޑް ރީތިކޮށް ފޮނުވާލި ހަމަލާ، ގަތަރުގެ ކީޕަރު މަހްމޫދް އަބޫނާޑާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ކެނެޑާއިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޖޮނަތަން ޑޭވިޑް ފޮނުވާލި ބާރު ހަމަލާ، ގަތަރު ކީޕަރު އަބޫނާޑާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު ގޯލުގެ ތެރެއަސް ފޮނުވާލައިގެން ކެނެޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކައިލް ލެރިންއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކެނެޑާއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ހިތްގައިމު ގޮތަކަށް ގަތަރުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކެނެޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮނަތަން ޑޭވިޑް އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ގަތަރުގެ ހޮމާމް އަހުމަދު ބޯޅައިގައި އަތްލުމުން އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައިފައެވެ. އޭގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ބުކަނަންއަށް ގަތަރުގެ ހޮމާމް ކުރި ފައުލު ކުރި ކަމަށް ބަލައި ޕެނަލްޓީއެއް ކަމަށް ނިންމި ނަމަވެސް، ފަހުން ނިންމީ ޕެނަލްޓީ އޭރިއާ ބޭރުން ހޮމާމް ބޯޅައިގައި އަތްލި ކަމަށެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ކެނެޑާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ބުކަނަންއަށް ބޯޅަ ލިބުނު ނަމަވެސް، އޭނާއަށް ރަނގަޅަށް އެ ބޯޅަ ފޮނުވާލެވިފައެއް ނުވެއެވެ.

ގިނަ ނުރައްކާތަކެއް ކުރަމުންދިޔަ ކެނެޑާއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ލެރިން ބޮލުން ފޮނުވާލި ހަމަލާއެއް ގަތަރު ކީޕަރު އަބޫނާޑާ މަތަކުރުމާއެކު، ގޯލު ކުރިމަތިން ލިބުނު ބޯޅަ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކެނެޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ޖޮނަތަން ޑޭވިޑް އެވެ.

ގަތަރަށް އިތުރު އުނދަގޫތަކަކާ ކުރިމަތިވީ މެޗުގެ 53 ވަނަ މިނެޓުގައި ކޯނޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ގަތަރުގެ އަސިމް މަޑީބޯއަށް ރީނދޫ ކާޑެއް ދެއްކުމަށްފަހު ފަހުން އެ ނިންމުން ސީދާ ރަތް ކާޑަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ކޯނޭގެ ފައި ބިދުމާ ގުޅިގެން ވަނީ ބާލައިފައެވެ. ރަތް ކާޑާއެކު ގަތަރުން މެޗު ފުރިހަމަކުރަން ޖެހުނީ ނުވަ ކުޅުންތެރިންނާއެކުއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކެނެޑާއިން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ފައި ބިނދުމާ ގުޅިގެން ބާލަން ޖެހުނު، ކޯނޭގެ ބަދަލުގައި ކުޅެން ނުކުތް ނޭތަން ސަލީބާ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ގަތަރު ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން މި ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ކެނެޑާގެ ފަސްވަނަ ގޯލު ފެނިގެންދިޔައެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ޖެކޮބް ޝަފެލްބާގް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ގަތަރުގެ މުހައްމަދު މަނައީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކެނެޑާގެ ޖޮނަތަން ޑޭވިޑް ވަނީ އެޓީމުގެ ހަވަނަ ގޯލާއެކު ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ފަސޭހަކާއެކު ގަތަރުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މި ވޯލްޑް ކަޕްގެ ދެވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ފުރިހަމަކުރީ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.