ވޯލްޑް ކަޕް 2026 ގައި ބޮސްނިއާ ބަލިކޮށް، ސްވިޒަލެންޑުން ދެވަނަ ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ސްވިޒަލޭންޑަކީ 1904 ވަނަ އަހަރު އުފެދުނު ފުޓުބޯޅައިގެ ބަލަދުވެރި އިދާރާ، ފީފާގެ ފައުންޑަރެކެވެ. އޭރު ސްވިޒަލޭންޑަކީ ފުޓުބޯޅަގެ ނުފޫޒުގަދަ ނަމެއް ނަމަވެސް، ފަހަކަށް އައިސް އެގައުމުގެ ފުޓުބޯޅައިން އެ ހައިބަތެއް ނުފެނެއެވެ. ވަރުގަދަ، ގަދަ ބާރެއް ނޫން ނަމަވެސް އެޓީމަކީ އަބަދުވެސް ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުން ޖާގަ ހޯދަމުން އަންނަ ޓީމެކެވެ. ސްވިޒަލޭންޑަކީ ފަސޭހަ ޓީމެއްގެ ގޮތުގައި އެއްވެސް މުބާރާތެއްގައި ނުބަލައެވެ. އެގައުމުން 12 ވޯލްޑް ކަޕެއްގައި ކުޅެފައިވާ އިރު، އެޓީމުން ވަނީ 1934، 1938 އަދި 1954 ގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
ސްވިޒަލެންޑުން ޔޫރޯގައި ފަސް ފަހަރަކު ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބު މުބާރާތްތަކަކީ 2020 އަދި 2024 ވަނަ އަހަރު މުބާރާތްތަކެވެ. އެ ދެ މުބާރާތުގެވެސް ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑް ކުޅެފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ސްވިޒަލޭންޑް ކޮލިފައިވީ ގްރޫޕް ސްޓޭޖު މެޗަކުން ބަލިނުވެއެވެ. އެއީ މުބާރާތަށް ނުކުންނައިރު ހިތްވަރެކެވެ.
ބޮސްނިއާގެ ފުޓުބޯޅަ ފެށުނީ ޔޫގޯސްލާވިއާއިންނެވެ. 1930 އިން 1990 ވަނަ އަހަރާ ހަމައަށް ބޮސްނިއާއަކީ ޔޫގޯސްލާވިއާގެ ބައެކެވެ. އެގައުމު ފުޓުބޯޅަ ވަކިން ރަސްމީ ވީ އޭގެ ފަހުންނެވެ. ޔޫގޯސްލާވިއާއިން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ދެފަހަރު ކުޅުނު ނަމަވެސް، ބޮސްނިއާއަށް މިއީ އަދި ވަކި ގައުމެއްގެ ގޮތުގައި ދެވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެޓީމުން ދެން ވާދަކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެފަހަރު އިރާން ބަލިކޮށް މޮޅެއް ހޯދި ނަމަވެސް، ގްރޫޕް ސްޓޭޖުން ސަލާމަތެއް ނުވެވުނެވެ. މިފަހަރުގެ ކޮލިފިކޭޝަންގެ އެންމެ ފަހު މެޗުގައި ވަރުގަދަ އިޓަލީ ކަޓުވާލުމަށްފަހު ބޮސްނިއާ ނުކުތީ އެ ރޫހާއެކުގައެވެ. މިހާތަނަށް ޔޫރޯއެއްގައިވެސް ކުޅެފައި ނުވާ ބޮސްނިއާއަށް އޮތީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، ތާރީހު ބަދަލުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ހިފުމެވެ.
"ގްރޫޕު ބީ" ގެ ފުރަތަމަ މެޗުތަކަށްފަހު އެ ގްރޫޕުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ގްރޫޕުގެ ފުރަތަމަ ދެ މެޗު ވެސް އެއްވަރުވެފައިވުމުން ސްވިޒަލެންޑް، ބޮސްނިއާ، ކެނެޑާ އަދި ގަތަރަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ އިތުރުން، ގަތަރާއި ސްވިޒަލެންޑްގެ ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ޕޮއިންޓުގެ ގޮތުންނާއި ގޯލުގެ ގޮތުން ވެސް ހުރިހާ ޓީމެއް ވަނީ އެއްވަރުވެފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ވެސް ސްވިޒަލެންޑުން ނެރެފައިވަނީ ކެޕްޓަން ގްރެނިޓް ޖަކާ، ރެމޯ ފްރޮއިލާ، ޑޭން އެންޑޯއީ، ފަބިއަން ރީޑާ އަދި ބްރީލް އެމްބޯލޯ ހިމަނައިފައެވެ. އޭގެ އިތުރުން މެނުއެލް އަކާންޖީއާއެކު ޑިފެންސް ލައިން ވެސް ފާހަގަކޮށްލެވުނީ ތަޖުރިބާކާރު ޑިފެންސެއްގެ ގޮތުގައެވެ. ބޮސްނިއާގެ ފުރަތަމަ 11 އިން އެންމެ ފާހަގަކޮށްލެވެނީ އަނިޔާއަށްފަހު ކެޕްޓަން އެޑިން ޖެކޯ ހިމެނިގެންދިއުމެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ބޮސްނިއާގެ މައްޗަށް ސްވިޒަލެންޑުން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ކުޅުމަކާއެކު ފެށި މެޗުގެ އަށްވަނަ މިނެޓުގައި ސްވިޒަލެންޑްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގްރެނިޓް ޖަކާ ފޮނުވާލި ބާރު ހަމަލާ، ބޮސްނިއާ ޑިފެންޑަރު ނިކޮލާ ކަޓިޗް ވަނީ ބްލޮކްކޮށްފައެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޒަލެންޑްގެ އެންޑޯއީއަށް ފުރުސަތެއް ލިބުނު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޮސްނިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ސްވިޒަލެންޑް ނުރައްކާކޮށް ފެނިފައިވާ އިރު، މެޗުގެ 20 ވަނަ މިނެޓުގައި ވެސް ސްވިޒަލެންޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެންޑޯއީ ފޮނުވާލި އެ ހަމަލާ އަމާޒުވީ ބޮސްނިއާ ކީޕަރު ނިކޮލާ ވަސީލްއާ ދިމާއަށެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ސްވިޒަލެންޑްގެ ފްރޮއިލާ ފޮނުވާލި ބާރު ހަމަލާ ވެސް ދިޔައީ ބޮސްނިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ބޮސްނިއާއަށް ރަނގަޅު ފުރުސަތެެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖެކޯ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފްރޮއިލާ ވަނީ ބްލޮކްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސްވިޒަލެންޑުން ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެންޑޯއީ ފޮނުވާލި ހަމަލާ، މާބޮޑު އުނދަގުލެއް ނެތި ބޮސްނިއާ ކީޕަރު ވަސީލް ވަނީ މަތަކޮށްފައެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ސްވިޒަލެންޑުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޖެކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޯވަހެޑަކުން އެންޑޯއީ ފޮނުވާލި ހަމަލާ ވެސް ބޮސްނިއާގެ ކީޕަރު ވަސީލް ވަނީ މަތަކޮށްފައެވެ. އޭގެ ހަތް މިނެޓު ފަހުން ސްވިޒަލެންޑް ފޯވަޑް އެމްބޯލޯއަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ކޯނަރެއްގެ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ބޮސްނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ބޮސްނިއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަމަރް ޑެޑިޗް ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑް ކީޕަރު ގްރެގޯ ކޮބެލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔޯހާން މަންޒަމްބީއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ ތިން މިނެޓުގެ ތެރޭގައެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ބޮސްނިއާގެ ޓަރީކް މުހަރެމޮވިޗްއަށް ދެއްކި ރަތް ކާޑާ ގުޅިގެން އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ ޕެނަލްޓީ އޭރިއާ ބޭރުން އެމްބޯލޯއަށް ކުރި ފައުލް ކުރުމުންނެވެ. އެ ފައުލާ ގުޅިގެން ސްވިޒަލެންޑަށް ލިބުނު ހިލޭ ޖެހުން ވެސް ނުރައްކާކޮށް ފެނުނު އިރު، ރުބެން ވާގަސް ފޮނުވާލި ހަމަލާ ކީޕަރު ވަސީލް ވަނީ މަތަކޮށްފައެވެ.
އޭގެ ހަތަރު މިނެޓު ތެރޭ ސްވިޒަލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. އެމްބޯލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސްވިޒަލެންޑަށް އެ ގޯލުު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރުބެން ވާގަސްއެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ސްވިޒަލެންޑުން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ވާގަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބޮސްނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން މަންޒަމްބީއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސާބިއާ އިން ވަނީ ހިތްގައިމު ގޯލެއް ޖަހައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެރިމިން މަހްމިޗް އެވެ.
އިތުރު ވަގުތުކޮޅުގެ އެންމެ ފަހު މިނެޓުގައި ސްވިޒަލެންޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޖަކާ އެވެ. ސްވިޒަލެންޑަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޕެނަލްޓީ އޭރިއާ ތެރެއިން ޖިބްރީލް ސޯ އަށް ބޮސްނިއާގެ އަމަރް މެމިޗް ކުރި ފައުލަކާ ގުޅިގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް