ވޯލްޑް ކަޕް 2026 ގައި ކެޕްޓަން ހެރީ ކޭންގެ ދެ ގޯލާއެކު ކްރޮއޭޝިއާ ބަލިކޮށް، އިންގްލެންޑުން ފެށުން ރަނގަޅުކޮށްފިއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އެއް ގައުމީ ފުޓުބޯޅަ ޓީމު ކަމަށްވާ އިނގިރޭސި ގައުމީ ޓީމަކީ، ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ނަމެކެވެ. އިނގިރޭސި ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. އޭގެ ފަހުން ވޯލްޑް ކަޕްގެ ތަށްޓެއް ނުލިބުނު ނަމަވެސް، 1990 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފައެވެ. އެގޮތުން 2018 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިވީ ކްރޮއޭޝިއާ އަތުން އިތުރު ވަގުތުގައެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައި އިންގްލެންޑް އަލްވަދާއު ކިޔާފައިވަނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

ޔޫރަޕުގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯގައި އެ ޓީމުން ވަނީ ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ކުޅެ، މުބާރާތުގެ ރަނަރަޕްކަން ވަނީ ހޯދައިފައެވެ.

މިހާރު އިނގިރޭސި ޓީމު އޮތީ އާ މިސްރާބަކަށް ދަތުރު ފަށައިފައެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން، ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުލެވޭ މި ޓީމުގެ އެންމެ ބޮޑު އަމާޒަކީ، ގިނަ އަހަރުތަކަކަށްފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށްޓެއް އަލުން ކާމިޔާބުކޮށް ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައިދާނުގައި ކްރޮއޭޝިއާ ފާހަގަކޮށްލެވެނީ ބޮޑެތި ބާރުތައް ސިއްސުވާލާ ފަދަ ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް، ބޮޑެތި މުބާރާތްތަކުގައި ކްރޮއޭޝިއާއިން ދައްކާ ހިތްވަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު، ކްރޮއޭޝިއާއިން ވަނީ ގަބޫލުކުރަން ދަތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް، އެ ޓީމުން ވަނީ ތިންވަނަ މަގާމާއެކު ލޯ މެޑަލް ހާސިލުކޮށްފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށް، ރިހި މެޑަލް ހޯދިއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައިވެސް އެ ޓީމުން ވަނީ ތިންވަނަ މަގާމު ކަށަވަރުކޮށްފައެވެ. ވޯލްޑް ކަޕް 2018 ގެ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ވަރުގަދަ ފްރާންސް އަތުންނެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުންނެވެ.

ސަރަހައްދީ މުބާރާތްތަކުގައިވެސް ކްރޮއޭޝިއާގެ ނަން ފަނޑުވުމެއް ނެތެވެ. ޔޫރޯގައި 1996 އަދި 2008 ވަނަ އަހަރު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ އިރު، 2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން ބަލިވެ، އެ ޓީމަށް ލިބުނީ މުބާރާތުގެ ދެވަނައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ކްރޮއޭޝިއާ ނުކުންނަނީ ލޫކާ މޮޑްރިޗް ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކުއެވެ.

މިރޭގެ މެޗުގައި އިނގިރޭސި ޓީމުގެ ފުރަތަމަ 11 ގައި މެދުތެރޭގައި ޑެކްލެން ރައިސް ފާހަގަކޮށްލެވޭ އިރު، އެޓޭކުގައި ހެރީ ކޭންއާއެކު ޖޫޑް ބެލިންހަމް އާއި އެންތޮނީ ގޯޑަން އަދި ނޮނީ މަޑުއެކޭ ހިމެނެއެވެ. އަދި ފުލް ބެކުންގެ ގޮތުގައި ރީސް ޖޭމްސް އާއި ނިކޯ އޯ ރައިލީ ހިމެނޭ އިރު، އެންމެ ފަހަތުގައި ހިމެނެނީ ޖޯންސް ސްޓޯންސް އާއި އެޒްރީ ކޮންސާއެވެ. އަދި ގޯލްކީޕަރެއްގެ ގޮތުގައި ހިމެނެނީ އެއް ނަމްބަރު ކީޕަަރު ޖޯޑަން ޕިކްފޯޑްއެވެ. އިނގިރޭސި ޓީމުން އެންމެ ފާހަގަކޮށްލެވެނީ ފުރަތަަމަ 11 ގައި ބުކަޔޯ ސަކާ ނުހިމެނުމެވެ. އޭގެ އިތުރުން ޑިފެންޑަރު މާކް ގޭހީ ވެސް ފެށީ ބެންޗުންނެވެ.

ކްރޮއޭޝިއާގެ ފުރަތަމަ 11 ގައި ކެޕްޓަން ލޫކާ މޮޑްރިޗް ހިމަނާފައިވާ އިރު، ތަޖުރިބާކާރު މިޑްފީލްޑަރު އިވާން ޕެރިސިޗް ވެސް ހިމެނެއެވެ. މީގެ އިތުރުން މީގެ ކުރިން ވިދާލި ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް އާއި ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް، މާރިއޯ ޕަސަލިޗް އަދި ޖޮސިޕް ސްޓަނިސިޗް ވެސް ފުރަތަމަ 11 ގައި ހިމެނެއެވެ. ކްރޮއޭޝިއާގެ ބެންޗުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ އިރު، އެ ކުޅުންތެރިންގެ ތެރޭގައި މަޓެއޯ ކޮވަޗިޗް އާއި އަންދްރޭ ކްރަމަރިޗް އާއި އަންޓޭ ބުޑިމިއާ އަދި ނިކޯ ވްލަސިޗް ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެލް"ގެ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން މަޑުއެކޭއަށް ކްރޮއޭޝިއާ ކެޕްޓަން މޮޑްރިޗް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. އިންގްލެންޑް ކެޕްޓަން ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ނަމަވެސް ހެރީ ކޭން ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ލިވަކޮވިޗް ގޯލު ލައިނުން ކުރިއަށް ނުކުތުމާއެކު، އަލުން ފުރުސަތު ލިބުމުން، މެޗުގެ 12 ވަނަ މިނެޓުގައި ކޭން ވަނީ ޕެނަލްޓީ ކާމިޔާބުކޮށް އިންގްލެންޑަށް ލީޑު ހޯދައިދީފައެވެ.

އޭގެ ތިން މިނެޓު ފަހުން ވެސް އިންގްލެންޑަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކޭން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މަޑުއެކޭ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

ކްރޮއޭޝިއާއިން އެޓޭކު ވަރުގަދަކޮށް ކުރަމުންދިޔަ މަސައްކަތް މެޗުގެ 36 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ފުރިހަމަކޮށްފައެވެ. ޕީޓާ ސުސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މާޓިން ބަޓަރީނާ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ އިންގްލެންޑް ކީޕަރު ޕިކްފޯޑްގެ އަތުގައި ޖެހިފައެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ކޭން ވަނީ އިތުރު ގޯލެއް ޖަހައި އިންގްލެންޑަށް އަލުން ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ، ކްރޮއޭޝިއާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ރީތި ކުޅުމަކާއެކު ކްރޮއޭޝިއާއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މާރިއޯ ޕަސަލިޗް މަތިން ދިން ބޯޅަ، އިވާން ޕެރިސިޗް ބޮލުން ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އިންގްލެންޑް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕީޓާ މޫސާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓުގެ ތެރޭގައި އިންގްލެންޑުން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ފޮނުވާލި ހަމަލާ ކްރޮއޭޝިއާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އޭގެ ދެ މިނެޓުތެރޭ އިންގްލެންޑަށް އިތުރު ދެ ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބެލިންހަމް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް މަތަކުރި އިރު، ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޯ ރައިލީ ބޮލުން ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ވެސް އިންގްލެންޑަށް ފުރުސަތެއް ލިބިގެންދިޔައެވެ. އޯ ރައިލީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރައިސް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 55 ވަނަ މިނެޓުގައި އިންގްލެންޑަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރައިސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޯ ރައިލީ ފޮނުވާލި ހަމަލާ، އަދި ރީބައުންސް ބޯޅައަކުން ގޯޑަން ފޮނުވާލި ހަމަލާ ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.

އޭގެ މިނެޓެއް ފަހުން ވެސް ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗްގެ ދެ ސޭވްއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ފޮނުވާލި ހަމަލާ، ލިވަކޮވިޗް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ކޭން އަލުން ފޮނުވާލި ހަމަލާ ވެސް ލިވަކޮވިޗް ވަނީ މަތަކޮށްފިއެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން މާކޯ ޕަސަލިޗް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ބޭރުން އިގޯ މަޓަނޮވިޗް ފޮނުވާލި ހަމަލާ ވެސް ކީޕަރު ފިކްފޯޑް ވަނީ މަތަކޮށްފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި އިންގެލެންޑުން ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޖެޑް ސްޕެންސް ފޮނުވާލި ހަމަލާ ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައެވެ.

މެޗުގެ 85 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްޓަނިސިޗް ކައިރިން ނައްޓާލުމަށްފަހު، ކްރޮއޭޝިއާ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑްއެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރޭ، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތަކުން ގްވާޑިއޯލް ފޮނުވާލި ހަމަލާ، އިންގްލެންޑް ކެޕްޓަން ކޭން ވަނީ ބްލޮކްކޮށްފައެވެ.

މި ގްރޫޕުގައި އިންގްލެންޑާއި ކްރޮއޭޝިއާގެ އިތުރުން ހިމެނެނީ ގާނާ އާއި ޕެނަމާއެވެ.