ފީފާ ވޯލްޑް ކަޕް ވެގެންދާނީ ކެރިއަރުގައި އެންމެ ބޮޑު، އެންމެ ހާއްސަ މުބާރާތަށް ކަމަށާއި އެ މުބާރާތަށް އިންގްލެންޑަށް ހުވަފެންތައް ދެކެވިދާނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އިންގްލެންޑުން މިފަހަރު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ވަރުގަދަ ކުރިމަތި ލުމަކަށެވެ. އެއީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އިންގްލެންޑާ އެކު ޓުޗެލް ނުކުންނަނީ އޭނާ ގައުމީ ޓީމާއެކު ކުރާ އެންމެ ފުރަތަމަ ތަޖުރިބާއަށެވެ. އެހެން ނަމަވެސް ޓުޗެލް ވަނީ ކްލަބު ކެރިއަރުގައި ކާމިޔާބީތައް ހޯދައިފައެވެ.

ޖަރުމަނަށް އުފަން ޓުޗެލް ވަނީ އޭނާގެ އުފަން ގައުމު ބަޔާނާ އެކު ތަށިތައް ހޯދުމުގެ އިތުރުން ޕީއެސްޖީއާ އެކު ފްރާންސް ލީގު ހޯދައި، 2021 ވަނަ އަހަރު ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އެ ކާމިޔާބީތައް އެހެން ހުރި ނަމަވެސް، ގައުމީ ޓީމަކާ އެކު ވޯލްޑް ކަޕަކީ މާބޮޑު ޝަރަފެއް ކަމަށް ޓުޗެލް ބުނެފައިވެއެވެ.

"ޔަގީނުންވެސް މިއީ މާބޮޑު ސްޓޭޖެއް. މިއީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް. އެންމެ ވަރުގަދަ ބޮޑެތި ހުރިހާ ކުޅުންތެރިން ކުޅޭ މުބާރާތް މިއީ. މިއީ ވޯލްޑް ކަޕް. މިއީ އަހަންނަށް ލިބޭނެ އެންމެ ބޮޑު ޝަރަފު. އިންގްލެންޑާ އެކު މި ޝަރަފު ހޯދުމަކީ އެންމެ ހާއްސަ އެއް ކަންތައް،" ޓުޗެލް ފާހަގަ ކުރިއެވެ.

ޓުޗެލް ބުނީ އިންގްލެންޑާ އެކު ވޯލްޑް ކަޕަށް ނުކުތުމަކީ ބޮޑު ޝަރަފެއް ނަމަވެސް، އެކަމުގައި ބޮޑު ޒިންމާއެއް ވާ ކަމަށެވެ.

"އަހަރެމެން ހުވަފެންތައް ދެކެން. އަހަރެމެންނަށް ލިބޭ އެ އުންމީދުކުރުމުގެ ހައްގު. އެކަމަކު އަހަރެމެން ޑިލޫޝަނަލް ވެގެން ނުވާނެ. އަހަރެމެން ތިބެން ޖެހޭނީ ހަމަބިމުގައި. އެހެން ހުވަފެން ދެކިފައި އެކަމަށް މަސައްކަތް ކުރަން ޖެހޭނެ. އެ ހުވަފެން ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނެ،" ޓުޗެލް ބުންޏެވެ.

އިންގްލެންޑުން ފުރަތަމަ މެޗަށް މިރޭ ނުކުންނަ އިރު، މެޗުގެ ދެ ދުވަސް ކުރިން އެޓީމަށް ވަނީ ބަދަލެއް ގެންނަން ޖެހިފައެވެ. އެގޮތުން ޓިނޯ ލިވްރަމެންޓޯގެ ބަދަލުގައި ޓްރެވާ ޗަލޯބާ ސްކޮޑަށް އިތުރު ކުރަން ޖެހިފައިވެއެވެ.