އުޒްބެކިސްތާނަށް މިއީ ފުރަތަމަ ވޯލްޑް ކަޕެވެ. އެގައުމަކީ މެދުތެރޭ އޭޝިއާގެ ގައުމަކަށް ވޯލްޑް ކަޕުން ފެންނާނެ އެންމެ ފުރަތަމަ ގައުމު ވެސް މެއެވެ. 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، ފުޓުބޯޅައިގައި އެ ގައުމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. 1994 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއިން ރަން މެޑަލް ހޯދުމުގެ އިތުރުން، 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ހަތަރުވަނަ މަގާމު ހޯދުން އެއީ އުޒްބެކިސްތާނުގެ ކުރިއެރުން ދައްކުވައިދޭ ހެއްކެކެވެ. އޭގެފަހުން 2025 ވަނަ އަހަރުގެ ކާފާ ނޭޝަންސް ކަޕްގެ ތަށި ވެސް އުޒްބެކިސްތާނުން އުފުލާލައިފައިވެއެވެ.
އެ ކާމިޔާބީތައް ގުޅެނީ އުޒްބެކިސްތާނުން ފުޓުބޯޅައަށް ރަނގަޅު ދަނޑިވަޅުގައި ކުރި ހަރަދެވެ. އުޒްބެކިސްތާނުގެ ފުރަތަމަ ވޯލްޑް ކަޕަށް، ބޮޑު ޒިންމާ އަކާ އެކު ނުކުންނަނީ ވޯލްޑް ކަޕަށް އާ ނަމެއް ނޫނެވެ. 2006 ވަނަ އަހަރު އިޓަލީގެ ކެޕްޓަންކަމުގައި ވޯލްޑް ކަޕް އުފުލައިލި، ފަބިއޯ ކަނަވާރޯއެވެ.
އެފަހަރު ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގެ ކޮންމެ މިނެޓެއްގައި ވެސް ކަނަވާރޯ ކުޅެފައިވެއެވެ. އެފަހަރު ވޯލްޑް ކަޕްގެ ޓްރޮފީ ކަނަވާރޯ އުފުލައިލީ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގައެވެ. އެ އަހަރު ބެލޮންޑިއޯ ހޯދި ކަނަވާރޯއަކީ އެންމެ ފަހުން އެ އެވޯޑު ހޯދި ޑިފެންޑަރެވެ. އެ ހުރިހާ ޝަރަފާ އެކު މިރޭ ނުކުންނަނީ މުޅިން އާ ޗެލެންޖަކަށެވެ. އޭނާގެ އަމިއްލަ ގައުމު ވޯލްޑް ކަޕެއްގައި ނެތް ހާލަތެއްގައެވެ.
އިޓަލީން ހަތަރު ވޯލްޑް ކަޕެއްގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެ ގައުމަށް ވުރެ ގިނައިން ވޯލްޑް ކަޕް ހޯދި ހަމައެކަނި ގައުމަކީ ބްރެޒިލެވެ. އެކަމަކު ވެސް އެ ހާއްސަކަން މިއަދަކު ނެތެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީގެ ފުޓުބޯޅައަށް ރިޝްވަތާއި ކޮރަޕްޝަން ވަދެ، ލީގުގެ ހައިބަތު މަޑުމަޑުން ގެއްލުނެވެ. ދުނިޔޭގެ ވަރުގަދަ ކްލަބުތަކުގައި ނުފޫޒުގެ ކިލަނބުކަން އުފެދި، އިޓަލީގެ ފުޓުބޯޅަ ސިސްޓަމް މަޑުމަޑުން އިނދަޖެހެން ފެށުނެވެ. 2010 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުނު ނަމަވެސް ގްރޫޕް ސްޓޭޖުން ސަލާމަތް ނުވެވި، ވޯލްޑް ކަޕް ގެއްލުމުގެ ސިލްސިލާ ފެށުނީ 2018 ގައެވެ.
އޭގެފަހުން އަދި އިޓަލީން ވޯލްޑް ކަޕެއްގައި ކުޅެފައި ނުވާ އިރު، ކަނަވާރޯއަކީ މިފަހަރު ވޯލްޑް ކަޕްގައި ފެންނާނެ އިޓަލީގެ އެންމެ ބޮޑު ރަމްޒެވެ.
"އަހަރެން މި ޓީމަށް އެހީވެދެނީ ފުރަތަމަ މެޗުގެ ޕްރެޝަރު ކަނޑުވާލަން. މި ސްޓޭޖުގެ، މި ހާލަތުގެ ޓަފްކަން އަހަންނަށް ހުރީ އިހުސާސް ކުރެވިފައި. އަހަރެން ކުޅުންތެރިންނަށް މި ބުނެދެނީ އުފާވެރި ތަޖުރިބާއަކަށް މި ތަޖުރިބާ ހަދަން. އަހަރެމެންނަށް ގެއްލޭނެ އެއްޗެއް ނެތް. އޭގެ މާނައެއް ނޫން އަހަރެމެން ހަމައެކަނި ހަމަޖެހިލައިގެން ކުޅެލާނީއެކޭ. އަހަރެމެން ރަނގަޅު ފައިޓެއް ދޭނަން،" ކަނަވާރޯ ބުންޏެވެ.
ކަނަވާރޯ ބުނީ އުޒްބެކިސްތާން ޓީމަށް އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ދުވަހުގެ ހަނދާންތައް ވެސް ކުޅުންތެރިންނާ ހިއްސާ ކޮށްފައިވާނެ ކަމަށްވެސް ކަނަވާރޯ ބުނެފައިވެއެވެ.
މިވަގުތު ވެސް އުޒްބެކިސްތާނުން ގާތްގަނޑަކަށް 65،000 ޒުވާން ކުޅުންތެރިން، އެގައުމުގެ ފުޓުބޯޅަ ސިސްޓަމް ތެރޭގައި އެލީޓް ތަމްރީނުތައް ފުރިހަމަ ކުރަން ޖާގަ ދެމުންދެއެވެ. އެއީ މުޅި ގައުމުގައި ގުޅި ލާމެހިފައިވާ ފުޓުބޯޅަ ސްކޫލްތަކުގެ ތެރެއިންނެވެ. އޭގެ އިތުރުން 55،000 މީހުންގެ ޖާގައިގެ އިތުރު ސްޓޭޑިއަމެއް ދަނީ ތަރައްގީ ކުރަމުންނެވެ. އެއީ އެގައުމުގެ އެންމެ ބޮޑު ސްޓޭޑިއަމަށް ވާނެއެވެ.
އެހެންކަމުން އުޒްބެކިސްތާންގެ ވޯލްޑް ކަޕް ދަތުރަކީ އާދަައިގެ ދަތުރެއް ނޫނެވެ. އެއީ ޕްލޭނެއްގެ ދަށުން ކުރި މަސައްކަތެވެ. ކޯޗަކަށް ޗެމްޕިއަނެއް ހުރުން އެއީ އެކަމުގެ ރަމްޒެވެ. ކޯޗެއްގެ ގޮތުގައި ކަނަވާރޯ ފުރަތަމަ ވޯލްޑް ކަޕް ތަޖުރިބާއަށް ނުކުންނާނީ މިރޭ ކޮލަމްބިއާއާ ދެކޮޅަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް