މިއަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިރާނުން ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑް ކައިރިން 2-2 އިން އެއްވަރުވި އިރު، އެމެޗަކީ އެކިއެކި ގޮތްގޮތުން މުޅި ދުނިޔޭގެ ލޯތައް ހުއްޓުނު މެޗެކެވެ. އިރާނުން މިފަހަރު ފުރަތަމަ ނިންމީ އެމެރިކާގައި ވޯލްޑް ކަޕް ނުކުޅެން ނަމަވެސް، ފަހުން އެކިއެކި ގޮތްގޮތުން ފީފާއިން މަސައްކަތް ކޮށް އިރާނުން ކުޅެން ނިންމިއެވެ. އެ ނިންމުމާއެކުވެސް އެކަން ފަސޭހައެއް ނުވިއެވެ. ކަންކަން ހުރީ އުނދަގޫ ކޮށެވެ. ރޭގެ މެޗަށްފަހު އިރާން ކޯޗު އާމިރް ގަލެނޯއީއާއި ކެޕްޓަން މެހްދީ ތަރޭމީވެސް ވަނީ ތަކުލީފުތަކުގެ ވާހަކަ ދައްކައިފައެވެ.

އެމެރިކާގެ ނުފޫޒާއި މަޖުބޫރުން އިރާންގެ ބައެއް އޮފިޝަލުންނާއި ފުޓުބޯޅަ އިދާރާ އިސް ފަރާތްތަކަށްވެސް ވޯލްޑް ކަޕަށް ދެވިފައިނުވާ އިރު، ކޭމްޕް ކުރަން ޖެހިފައި އޮތީވެސް މެކްސިކޯގައެވެ. ފުރތަމަ މެޗު ނިންމާފައި ރިކަވަރީއަށްވެސް ވަގުތު ނުލިބި، އިރާން ޖެހުނީ މެކްސިކޯއަށް އަނބުރާ ދާށެވެ.

އިރާނުގެ ފުރަތަމަ މެޗަށްފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އިރާންގެ ޑްރެސިން ރޫމަށް ގޮސް ކުޅުންތެރިންނާއި އޮފިޝަލުންނާވެސް ބައްދަލު ކޮށްފައެވެ.

"އަހަންނަށް އެނގޭ އުފުލަން ޖެހުނު ތަކުލީފުތައް. އަހަންނަށް އެނގޭ އެތައް ކަމެއް ގުރުބާން ކޮށްފައިކަން ތި އައީ. އެކަމަކު ތި ހިތްވަރުން މުޅި ދުނިޔެއަށް ތި ދެނީ ވަރަށް ވަރުގަދަ މެސެޖެއް. ތި ދައްކައިދިނީ ތަފާތު ވަރުގަދަ މަންޒަރެއް،" އިންފަންޓީނޯ ކުޅުންތެރިންނާ ވާހަކަ ދައްކަވަމުން ބުންޏެވެ.

އިންފަންޓީނޯ އެ މަންޒަރާއެކު މުޅި ދުނިޔެއަށް އެމެރިކާގެ ކަންކަން ރަނގަޅުކަން ދައްކަން މަސައްކަތް ކުރެއްވި ނަމަވެސް، ރޭގެ މެޗަށްފަހު ކޯޗު އާމިރު އަދި ތަރޭމީ ވަނީ ކަންކަން އިންތިޒާމުވެގެން ދާ ގޮތުން، ތަފާތު ކުރުންތައް އިންތިހާއަށް އޮތުމުން ފާޑު ކިޔައިފައެވެ.

"އަހަރެމެން ފުރަތަމަ މެކްސިކޯއިން ފުރައިގެން އައިރު އޮތީ މަޑުކޮށްފައި މާދަމާ ދާގޮތަށް. އެއީ ރިކަވަރީއަށް ޓައިމް ދޭން ވެގެން. އެކަމަކު މެޗު ނިންމި ގޮތަށް މިހާރު ދާން ޖެހިއްޖެ. އަހަންނަކަށް ނޭނގެ ވީނުވީއެއްވެސް. ކުއްލިއަކަށް އެހެން ޕްލޭން މި ބަދަލުވީވެސް. ވެދާނެ އަހަރެމެން ޓީމަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ޖައްސާލާފައި އޮތް ޓީމު ކަމަށް،" އުމުރުން 62 އަހަރުގެ އާމިރް ބުންޏެވެ.

ކެޕްޓަން ތަރޭމީ ބުނީ ވޯލްޑް ކަޕަށް ދާން ޖެހުނީ ޓީމުގެ އޮފިޝަލުންނާއި މީޑިއާގެ އިތުރުން ފެޑަރޭޝަންގެ އެތައް ބައެއް ނުލާ ކަމަށާއި، އެތައް އެތައް ކަމެއްގައި ޓީމަކަށް ވާން ނުޖެހޭ ކަންކަން އިރާނަށް ދިމާވެފައިވާ ކަމަށެވެ. އަދި މެޗު ނިންމި ގޮތަށް ފުރައިގެން ދާން ޖެހުނު ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ތަރޭމީ ބުނީ މިއީ ފުޓުބޯޅައަށް ރަނގަޅު ކަންކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ރިކަވަރީއަށް ވަގުތުވެސް ނުލިބި އެމެރިކާއިން ފުރައިގެން ދާން ޖެހުމާއި އެހެން ހުރި ބައިވަރު ގޯސް ކަންކަން ކުރުމާއެކު، ފީފާއިން މިހާރަށްވުރެ ބޮޑަށް ނުފޫޒު ފޯރުވާ އެހީވެދޭން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

އިރާންގެ ވިންގާ މެހްދީ ތަރާބީ އިއްޔެގެ މެޗު ނިންމި އިރަށް އޭނާގެ އެމެރިކާ ވިސާވެސް އޮތީ ހަމަވެފައެވެ. އެކަން އެހެން ދިމާވުމާއެކު އެކަމަށް އިރާނުން ކުރި މަސައްކަތުގައި މިހާރު މަލްޓި އެންޓްރީ ވިސާ ހަމަޖެހިފައިވާ ކަމަށް ފެޑަރޭޝަނުން ބުންޏެވެ. އެއީވެސް ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ ބޮޑެތި ދަތިތައް ކަމަށްވެސް އިރާނުން ބުނެއެވެ.