އިންޑިއާގެ މެޑިކަލް އެންޓްރެންސް އިމްތިހާނު (ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް - ނީޓް) ގެ ކަރުދާސް ލީކުވި މައްސަލައާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އެ ގައުމުގައި ޓެލެގްރާމް އެޕްލިކޭޝަން ވަގުތީގޮތުން ބްލޮކްކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މި ފިޔަވަޅު އެޅީ ނެޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) ގެ ލަފާގެ މަތިންނެވެ. މިގޮތުން ޖޫން 22 ގެ ނިޔަލަށް ޓެލެގްރާމް ބޭނުން ނުކުރެވޭ ގޮތަށް ހަދާފައިވާއިރު، ޖޫން 30 ގެ ނިޔަލަށް މެސެޖު އެޑިޓްކުރެވޭ ފީޗާ ވެސް ވަނީ ބްލޮކްކޮށްފައެވެ.
އެންޓީއޭއިން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ޖޫން 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ނީޓް ރީ-އެގްޒޭމްއާ ދިމާކޮށް، އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ޓެލެގްރާމް މެދުވެރިކޮށް ކުދިންނަށް އޮޅުވާލަމުންދާތީއެވެ. އަދި މެސެޖު އެޑިޓްކުރާ ފީޗާ ބްލޮކްކުރީ، އިމްތިހާނު ނިމުމަށްފަހު ކުރިން ފޮނުވާފައި ހުންނަ މެސެޖުތައް އެޑިޓްކޮށް، ކަރުދާސް ލީކުވިކަމުގެ ދޮގު ހެކި އުފައްދާތީ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
މިދިޔަ މެއި މަހު ބޭއްވި ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެން އެ އިމްތިހާނު ވަނީ ބާތިލުކޮށްފައެވެ.
މިކަމާ ގުޅިގެން ދަރިވަރުން މުޒާހަރާކޮށް، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ. ސަރުކާރުގެ ފަރާތުން މީޑިއާއަށް ހަބަރު ދިން ފަރާތަކުން ބުނި ގޮތުގައި ޓެލެގްރާމް ބްލޮކްކުރީ އާންމު މަސްލަހަތު ހިމާޔަތްކުރުމަށެވެ. ނަމަވެސް އެކްޓިވިސްޓުންނާއި ދަރިވަރުން ބުނާ ގޮތުގައި، އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ ދަށުން އެޅި މި ފިޔަވަޅަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމެކެވެ. އަދި މިއީ ކަރުދާސް ލީކުވުމުގެ އަސްލު މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އާންމު ބޭނުންތަކަށް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ދިން އަދަބެއް ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިއަށްގެންދާއިރު، އަލުން އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް