ވޯލްޑް ކަޕް 2026 ގައި ނިއު ޒިލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ފަހަރަށް އެއްވަރުކޮށް ހިތްވަރުގަދަ އިރާނުން ޕޮއިންޓެއް ހޯދައިފިއެވެ.

މީގެ ކުރިން ވޯލްޑް ކަޕްގައި އިރާނުން ވަނީ ހަ ފަހަރު ވާދަކޮށްފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ވޯލްޑް ކަޕްގައި ކާމިޔާބީތަކެއް ލިބިފައިނުވި ނަމަވެސް، ވޯލްޑް ކަޕްގެ ތިން މެޗަކުން ވަނީ މޮޅުވެފައެވެ. އެއީ 1998 ގެ ވޯލްޑް ކަޕްގައި އެމެރިކާ އަތުން، 2018 ގައި މޮރޮކޯ އަތުން އަދި 2022 ގައި ވޭލްސް އަތުންނެވެ.

އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕަށް ބަލައިލާ އިރު، އިރާނުން ވަނީ ގަދަ 16 އަށް ވާދަކޮށްފައެވެ. އިރާންގެ އެ ހުވަފެންތަކަށް ނިމުމެއް އައިސްފައިވަނީ، ގްރޫޕުގެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން އެމެރިކާ އަތުން ބަލިވުމާ ގުޅިގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އިރާނުން ޖެހިޖެހިގެން ވާދަކުރާނެ ހަތަރުވަނަ ވޯލްޑް ކަޕަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އިރާނަށް ހާއްސަކަމެއް ދެވިފައިވަނީ، އެމެރިކާ އާއި އިރާނާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުންނެވެ. އެ ހަނގުރާމައާ ގުޅިގެން އިރާނަށް އެމެރިކާއިން ވިސާ ނުލިބުމާއި، މެކްސިކޯގައި ކޭމްޕްކުރުމަށްފަހު މެޗުތަކަށް އެމެރިކާއަށް ދަތުރުކުރަން ޖެހުމާއި، އެމެރިކާ ސްޓޭޑިއަމްތަކަށް އިރާން ސަޕޯޓަރުންނަށް ނުވަދެވުން ފަދަ ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ނިއު ޒިލޭންޑްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އޯޝެނިއާ ސަރަހައްދުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "އޯލް ވައިޓްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމުން ވަނީ އޯއެފްސީ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފައެވެ. މީގެ އިތުރުން ވޯލްޑް ކަޕްގައި ވެސް އެ ޓީމުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފައެވެ.

އެގޮތުން 1982 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، 2010 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުން އެއްވަރުވެ، މުބާރާތުން ކެޓީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ވަރުގަދަ ގްރޫޕެއްގައި ހިމެނުނު ނަމަވެސް، އެ މުބާރާތުގައި ނިއު ޒިލޭންޑުން ވަނީ އިޓަލީ، ޕެރަގުއާއީ އަދި ސްލޮވާކިއާ ވެސް ހިފަހައްޓައިފައެވެ. ނިއު ޒިލޭންޑަށް މިހާތަނަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވިފައި ނުވާ އިރު، މިއީ ނިއު ޒިލޭންޑުން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕެވެ.

މިއަދުގެ މެޗަށް އިރާނުން ވަނީ ކެޕްޓަން މެހްދީ ޓަރޭމީ، ސަމާން ގޮޑޯސް އަދި ގޯލްކީޕަރު އަލީ ރެޒާ ބެއިރަންވާންޑް ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަދި ނިއު ޒިލޭންޑުން ކެޕްޓަން ކްރިސް ވުޑްއާއެކު ލިބަރެޓޯ ކަކޭޗާ އަދި މާކޯ ސްޓަމެނިޗް ހިމަނައިފައެވެ.

"ގްރޫޕު ޖީ" ގެ މެޗުގައި އިރާނާއި ނިއު ޒިލޭންޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެކި ގައުމުތަކަށް ނިސްބަތްވާ ސަޕޯޓަރުންގެ ތަރުހީބާއެކު ކުޅެމުންދިޔަ އިރާނުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ހޯދައިފައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަރިމަތިން އާރިއާ ޔޫސުފީ ފޮނުވާލި ހަމަލާ، ނިއު ޒިލޭންޑްގެ ކީޕަރު މެކްސް ކްރޮކޮމްބޭ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ނިއު ޒިލޭންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކްރިސް ވުޑް ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އިރާނުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިއު ޒިލޭންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލިޔާ ޖަސްޓްއެވެ.

އޭގެ ފަސް މިނެޓުފަހުން ލީޑު ފުޅާކޮށްލުމަށް ވެސް ނިއު ޒިލޭންޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިރާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ސަރްޕްރީތު ސިންގް ފޮނުވާލި ހަމަލާ، އިރާންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ވެސް ނިއު ޒިލޭންޑަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ކްރިސް ވުޑްއަށް ލިބުނު ބޯޅައިން ނުރައްކާކުރުމުގެ ކުރިން، އިރާންގެ ޝަހްރިޔާރް މޮގަންލޫ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އިރާނުން ވަނީ ނިއު ޒިލޭންޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށްގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ޓަރޭމީ ފޮނުވާލި ހަމަލާ އަމާޒުވީ ނިއު ޒިލޭންޑް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ނިއު ޒިލޭންޑްގެ ކީޕަރު ކްރޮކޯމްބޭއަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅައަކުން، އިރާންގެ ގޮޑޯސް ދުރުން ފޮނުވާލި ހަމަލާ، ނިއު ޒިލޭންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެ ހަމަލާ ދުރުން ފޮނުވާލާފައިވަނީ ނިއު ޒިލޭންޑް ކީޕަރު ކްރޮކޯމްބޭ ކުރިއަށް ނުކުމެ ހުރުމުންނެވެ. އޭގެ އިރުކޮޅެއް ފަހުން ނިއު ޒިލޭންޑްގެ ކަކޭޗާ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ، އިރާންގެ ކީޕަރު ބެއިރަންވާންޑް ވަނީ މަތަކޮށްފައެވެ.

ގިނަ ނުރައްކާތަކަށްފަހު މެޗުގެ 23 ވަނަ މިނެޓުގައި އިރާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން އިރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަމީން ރެޒޭއާން އެވެ.

އިރާންގެ ގޯލަށްފަހު ދެ ޓީމަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެނިކޮށް ނިއު ޒިލޭންޑުން ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ހަމަލާއެއް ފާހަގަކޮށްލެވުނެވެ. ނިއު ޒިލޭންޑް ކެޕްޓަން ކްރިސް ވުޑް ފޮނުވާލި ހިލޭ ޖެހުން އަދި ޕެނަލްޓީ އޭރިއާ ބޭރުން ކެލަމް މެކް ކޮވެޓް ފޮނުވާލި ހަމަލާ ވެސް އަމާޒުވީ އިރާންގެ ކީޕަރު ބެއިރަންވާންޑްއާ ދިމާއަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ހަމަހަމަ ކުޅުމަކަށްފަހު މެޗުގެ 55 ވަނަ މިނެޓުގައި ނިއު ޒިލޭންޑުން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ރީތި ކުޅުމަކަށްފަހު ކްރިސް ވުޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު އިރާންގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނިއު ޒިލޭންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޖަސްޓް އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި އިރާނުން ވަނީ އަލުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރަޒެއާން ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މޮހޭބީ އެވެ. ގޯލުގެ ތެރެއަށް ބޯޅަ ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ބަދަލުތަކާއެކު އިރާނުން ކުރިއަށްޖެހި އެޓޭކު ވަރުގަދަކުރި ތަން ފެނިގެންދިޔައެވެ. ނަމަވެސް ހުސް ފުރުސަތުތަކެއް ތަނަވަސްކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

މެޗު ނިމެނިކޮށް ދެ ޓީމުން ވެސް މޮޅަކަށް މަސައްކަތްކުރަމުންދިޔަ އިރު، ނިއު ޒިލޭންޑާއި އިރާނުން ވެސް ފަހުވަގުތު މަސައްކަތްކުރަމުންދިޔައީ ހުރަސްތަކުން ނުރައްކާކުރުމަށެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމާއި މިސްރެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.