ވޯލްޑް ކަޕް 2026 ގައި ދެވަނަ ހާފުގެ ތަފާތު ކުޅުމާއެކު ސައުދީ އަރަބިއްޔާ އަތުން އުރުގުއާއީ ސަލާމަތްވެއްޖެއެވެ.
އުރުގުއާއީ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ޓީމެވެ. މިއީ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ އާބާދީ ކުޑަ ގައުމެވެ. އެގޮތުން، 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕް އަމިއްލަ ގައުމުގައި ކާމިޔާބުކުރުމަށްފަހު، 1950 ވަނަ އަހަރު ބްރެޒިލް ބަލިކޮށް ދެވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުރުގުއާއީން ވަނީ އުފުލާލައިފައެވެ.
ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތަކުގެ އިތުރުން، ސަރަހައްދީ މުބާރާތްތަކުގައިވެސް އުރުގުއާއީއިން ވަނީ ތާރީހީ ރެކޯޑުތަކެއް ހަދައިފައެވެ. ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ 15 ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ގައުމުގެ މަގާމު އެ ޓީމުން ވަނީ ހޯދައިފައެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ފުޓުބޯޅަ ޓީމަކީ އޭޝިއާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ހަތް ފަހަރު ސައުދީން ވާދަކޮށްފައިވާ އިރު، އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1994 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޗެމްޕިއަން އާޖެންޓީނާ ބަލިކުރުމަކީ ފަހުގެ ތާރީހެއްގައި އެ ޓީމުން ހޯދި އެންމެ ފާހަގަކޮށްލެވޭ މޮޅެވެ.
ސަރަހައްދީ ފެންވަރުގައި ސައުދީން ވަނީ އޭއެފްސީ އޭޝިއަން ކަޕްގެ ތަށި 1984، 1988 އަދި 1996 ގައި އުފުލާލައިފައެވެ. އަރަބިއަން ގަލްފް ކަޕް ތިން ފަހަރު ކާމިޔާބުކޮށް، އަރަބި ކަޕް ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީތަކާއެކު ސައުދީ ޓީމު ވަނީ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ސާބިތުވެފައެވެ. ސައުދީން ފުޓުބޯޅައަށް ކުރަމުން އަންނަ ބޮޑެތި ހަރަދުތަކަކީ ގައުމީ ޓީމުގެ ކުރިއެރުމުގެ އެއް ސަބަބެވެ.
މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ސައުދީން ވަނީ އެޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކެޕްޓަން ސާލިމް އަލް ދަވްސާރީ، ޑިފެންޑަރު ސައުދު އަބްދުލްހާމިދް، ފިރާސް އަލް ބުރައިކަން އަދި މުހައްމަދު ކާނޯ ހިމަނައިފައެވެ. އޭގެ އިތުރުން 2022 ގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ބަލިކުރި މެޗުގައި ހީރޯއަކަށް ވެގެންދިޔަ ކީޕަރު މުހައްމަދު އަލް އޮވައިސް ވެސް ފުރަތަމަ 11 ގައި ހިމެނުނެވެ.
އުރުގުއާއީ އިން ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ އާއެކު ޑާވިން ނުނޭޒް، މެނުއަލް އުގާޓޭ، ރޮޑްރިގޯ ބެންޓެންކޫރް، ޑިފެންޑަރު ސަބެސްޓިއަން ކަސަރޭސް އަދި ތަޖުރިބާކާރު ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ވެސް ފުރަތަމަ 11 ގައި ވަނީ ހިމަނައިފައެވެ. އުރުގުއާއީގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އަނިޔާއާ ގުޅިގެން ސްކޮޑުގައި ހިމަނާފައިނުވާ އިރު، ހޯސޭ މަރީއާ ހިމެނޭޒް ވެސް ފެށީ ބެންޗުންނެވެ.
އެމެރިކާގެ ހާޑްރޮކް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެޗް"ގެ މެޗުގައި
ވަރުގަދަ ކުޅުމަކާއެކު ފެށި އުރުގުއާއީ އިން ވަނީ މެޗު ފެށިތާ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސައުދީގެ ގޯލަށް ނުރައްކާކޮށްފައެވެ. މެތިއަސް ވިނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މެކްސިމިލިއާނޯ އަރައުހޯ ފޮނުވާލި ބާރު ހަމަލާ، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ.
ކުޅުން ރަނގަޅުކޮށް، ސައުދީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް މަސައްކަތްކޮށްފައެވެ. ސައުދީގެ ފުރަތަމަ ހަމަލާ ފެނިފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން އަލް ދަވްސާރީ ފޮނުވާލި ހަމަލާ، އުރުގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި އުރުގުއާއީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަރައުހޯ ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓިލާފައިވާ ފެޑެރީކޯ ވިނިއާސް ބޮލުން ފޮނުވާލި ހަމަލާ، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ސައުދީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އަބްދުﷲ އަލް އަމްރީ ފޮނުވާލި ހަމަލާ، އުރުގުއާއީ ކީޕަރު މުސްލޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ސައުދީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މުސްއަބް އަލް ޖޫވޭރް ނަގައިދިން ކޯނަރަކުން ކަނޯ ބޮލުން ފޮނުވާލި ހަމަލާ އުރުގުއާއީ ކީޕަރު މުސްލޭރާ މަތަކުރުމާއެކު ލިބުނު ރީބައުސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސައުދީއަށް އެ ގޯލު ކާމިޔާބިކޮށްދިނީ އަލް އަމްރީއެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އުރުގުއާއީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން އަރައުހޯ ނަގައިދިން ހުރަހުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވިނާ ބޮލުން ފޮނުވާލި ހަމަލާ، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދަޔައީ 1-0 ގެ ނަތީޖާއަކުން ސައުދީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު އުރުގުއާއީ އިން ފެށީ ވަރުގަދަ ކުޅުމަކާއެކުއެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ އުރުގުއާއީ އިން ވަނީ ސައުދީގެ ގޯލަށް ނުރައްކާކޮށްފައެވެ. ގުލޭމޯ ވަރެލާ ނަގައިދިން ބޯޅަ، ވެއްޓިލާފައި ފެޑެރީކޯ ވިނިއާސް ބޮލުން ފޮނުވާލި ނަމަވެސް، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ފަހުން ކޯނަރަކުން ވިނިއާސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސައުދީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ވެސް އުރުގުއާއީ އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އުގާޓޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސައުދީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ކޮންމެވެސް ވަރަކަށް ސައުދީގެ ކީޕަރު އަލް އޮވައިސްގެ އަތުގައި ވެސް ޖެހުނެވެ. އަދި ޕެނަލްޓީ އޭރިއާ ބޭރު އަރިމަތިން ވަލްވާޑޭ ފޮނުވާލި ހަމަލާއެއް ވެސް ސައުދީ ކީޕަރު އަލް އޮވައިސް މަތަކުރިއެވެ.
މެޗުގެ 80 ވަނަ މިނެޓުގައި އުރުގުއާއީ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ވީނިއާ ބޮލުން ފޮނުވާލި ހަމަލާއެއް، ސައުދީ ކީޕަރު އަލް އޮވައިސް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އުގުރުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެކްސިމިލިއާނޯ އަރައުހޯއެވެ.
އޭގެ ފަހުން ވެސް އުރުގުއާއީ ފެނުނީ ވަރުގަދަކޮށެވެ. ކޯނަރެއްގެ ތެރެއިން ކަސަރޭސް ބޮލުން ފޮނުވާލި ހަމަލާ ސައުދީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ބްރަޔަން ރޮޑްރިގޭޒް ފޮނުވާލި ބާރު ހަމަލާ ސައުދީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ސައުދީގެ ނުރައްކަލެއް ފެނިގެންދިޔައެވެ. އެޓޭކުގައި ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ސައުދު އަބްދުލްހާމީދް ފޮނުވާލި ހަމަލާ ދިޔައީ އުރުގުއާއީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އުރުގުއާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނިކޮލަސް ޑެ ލާ ކްރޫޒް އަދި ޕެނަލްޓީ އޭރިއާ ބޭރުން ވަލްވާޑޭ ފޮނުވާލި ހަމަލާ ވެސް ސައުދީ ކީޕަރު އަލް އޮވައިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ޔޫރަޕް ޗެމްޕިއަން ސްޕެއިނާއި އަލަށް ވާދަކުރާ ކޭޕް ވާޑް އެވެ. އެ ދެ ޓީމުގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް