ވޯލްޑް ކަޕް 2026 ގައި ކޭޕް ވާޑުން ސްޕެއިނާ އެއްވަރުކޮށް ދުނިޔެ ސިއްސުވާލައިފިއެވެ.
ސްޕެއިން ގައުމީ ފުޓުބޯޅަ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ޓީމެވެ. މި ޓީމުން ވަނީ 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ސްޕެއިން ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން ބަލިވި ނަމަވެސް، ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލުގައި ޖަރުމަން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ސްޕެއިނުން ޗެމްޕިއަންކަން ހޯދީ އިތުރު ވަގުތުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ސްޕެއިނަކީ ޔޫރޯގެ އެންމެ ކާމިޔާބު ގައުމެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ. އެއީ 1964، 2008، 2012 އަދި އެންމެ ފަހުން 2024 ގައެވެ. ޖަރުމަނުގައި ކުޅުނު 2024 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކުރުމަށްފަހު، ސްޕެއިނުން ވަނީ ޔޫރަޕުގެ ފުޓުބޯޅައިގައި އެ ޓީމުގެ ބާރުވެރިކަން އަލުން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމާއެކު، ސްޕެއިން ވެފައިވަނީ ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތް ކާމިޔާބުކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ. އެ ކާމިޔާބީތަކާއެކު ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ޒުވާން ސްކޮޑަކާއެކު ފޭވަރިޓެއްގެ ގޮތުގައެވެ.
"ބްލޫ ޝާކްސް" ގެ ނަމުން މަޝްހޫރުވެފައިވާ ކޭޕް ވާޑްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި މިހާރު ފާހަގަކޮށްލެވޭ ޓީމެކެވެ. ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ޖަޒީރާ ގައުމުން ވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައި، މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ސަރަހައްދީ މުބާރާތްތަކުގައިވެސް ކޭޕް ވާޑުން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ވާދަކޮށް، އެ ޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ މުބާރާތުގައިވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށް، އެފްރިކާގެ ގަދަބާރުތަކާ ވާދަކުރެވޭނެކަން ސާބިތުކޮށްދިނެވެ.
މިރޭގެ މެޗަށް ސްޕެއިން ނުކުތީ އެޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސް ފުރަތަަމަ 11 ގައި ނުހިމަނައެވެ. އަނިޔާއަކާ ގުޅިގެން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ނަމަވެސް، މިހާރު ވަނީ ފިޓްވެފައެވެ. އޭނާ ބެންޗުން ކުޅެން ނުކުމެދާނެ ކަމުގެ އިޝާރާތެއް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއޭންޓޭ ވަނީ ދީފައެވެ. ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކާ ނުލައި މުބާރާތަށް ނުކުތް ސްޕެއިންގެ ފުރަތަމަ 11 ވެސް ވަރުގަދައެވެ.
ޔަމާލާއި ވިލިއަމްސްގެ ބަދަލުގައި މެޗުގައި ސްޕެއިންގެ ވިންގުންގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގަވީ އާއި ފެރާން ޓޮރޭސްއެވެ. އަދި އެންމެ ކުރިއަށް ސްޓްރައިކަރެއްގެ ގޮތުގައި ބޭނުންކޮށްފަިއވަނީ މިކެލް އޮޔާޒަބަލްއެވެ. އެންމެ ފަހަަތުން ކުޅޭ ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު އައިމެރިކް ލަޕޯޓްއާއެކު އުމުރުން 19 އަހަރުގެ ޑިފެންޑަރު ޕައު ކުބާސީ ހިމެނެއެވެ.
އާސެނަލާއެކު އިނގިރޭސި ޕްރިމިއާ ލީގު ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް މަގާމު ހޯދި ނަމަވެސް، ޑޭވިޑް ރާޔާގެ ބަދަލުގައި ކީޕަރެއްގެ ގޮތުގައި ސްޕެއިނުން ބޭނުންކުރަނީ ޔޫރޯގައި ވެސް ބޭނުންކުރި އުނޭ ސިމޮންއެވެ. މިފަހަރު ސްޕެއިންގެ ކެޕްޓަނެއްގެ ގޮތުގައި ފެންނަނީ ރޮޑްރީއެވެ.
ކޭޕް ވާޑްގެ ޓީމުގައި ހިމެނޭ ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ތަޖުރިބާކާރު ކުޅުންތެރިން ވަނީ މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އޭގެ ތެރޭގައި ރަޔަން މެންޑޭސް އަދި ކެވިން ޕީނާ ފާހަގަކޮށްލެވެއެވެ. ޑިފެންޑަރު ލޯގަން ކޯސްޓާ ފެށީ ބެންޗުންނެވެ.
އެމެރިކާގެ މާސެޑޭސް ބެންޒް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެޗް"ގައި ސްޕެއިނާއި ކޭޕް ވާޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ސްޕެއިނުން މެޗު ފެށީ އެޓީމުގެ ރަސްމީ ކުޅުމުގައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންނެވެ. ނަމަވެސް ކޭޕް ވާޑުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދިއުމާ ގުޅިގެން ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ސްޕެއިނުން ކޭޕް ވާޑްގެ ގޯލަށް ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕެޑްރީ ފޮނުވާލި އެ ހަމަލާ އަމާޒުވީ ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާއާ ދިމާއަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދައިފައެވެ.
ސްޕެއިނުން ކުރިއަށް ޖެހި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިރު، މުޅި ޓީމު ފަހަތަށް ފައިބައިގެން ކުޅެމުންދިޔަ ކޭޕް ވާޑުން މަސައްކަތްކުރީ ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށެވެ. ނަމަވެސް ކައުންޓާ އެޓޭކުގެ ނުރައްކާ އެންމެ އެދެވޭ ގޮތެއްގައި ކުރެވިފައެއް ނުވެއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ވެސް ސްޕެއިންގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާކް ކުކުރެޔާ ފޮނުވާލި ހަމަލާ ވެސް ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ މިނެޓެއް ފަހުން ފެރާން ޓޮރޭސް ދިން ބޯޅައަކުން އޮޔާޒަބާލްއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ކޭޕް ވާޑްގެ ޑިފެންޑަރު ސިޑްނީ ލޯޕޭޒް ކަބްރަލް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ކޭޕް ވާޑްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖޮޔާން ކަބްރާލް ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ސްޕެއިނަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކުކުރެއާ ބޮލުން ޖައްސާލި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ އަމާޒުވީ ކޭޕް ވާޑްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން އޮޔާޒަބަލް ބޮލުން ފޮނުވާލި ހަަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސްޕެއިނަށް އިތުރު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކުކުރެޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ސްޕެއިންގެ ނުރައްކާ ފެނިގެންދިޔައެވެ. ޕެޑްރީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ލޮރެންޓޭ ބޮލުން ފޮނުވާލި ހަމަލާ ވެސް ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 47 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ދިޔައީ ކޭޕް ވާޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ރުއިޒް ފޮނުވާލި ހަމަލާ ވެސް ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ވެސް ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެެވެ. ކޭޕް ވާޑްގެ ޑިފެންސަށް ހެދުނު ގޯހަކުން ލިބުނު ފުރުސަތަކުން، ކީޕަރު ވޮޒީނިއާ ކުރިއަށް ނުކުމެ ހުރުމާއެކު ބޯޅަ ފޮނުވާލި ނަމަވެސް، ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭރު ފެރާން ޓޮރޭސް ވެސް ހުރީ ކޭޕް ވާޑްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށެވެ.
ދެވަނަ ހާފު ފެށުނީއްސުރެ ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، ކޭޕް ވާޑުން ފެނުނީ ވަރުގަދަ ޑިފެންސެކެވެ. ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން ކޭޕް ވާޑުން ސްޕެއިނަށް ފުރުސަތުތައް ދީފައެއް ނުވެއެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އެޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އަރުވައިފައެވެ. އޭނާ ކުޅެން އެރުވުމާއެކު ކޭޕް ވާޑްގެ ޑިފެންސަށް ބާރުބޮޑުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރުއިޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން، ބަދަލު ކުޅުންތެރިޔާ މިކެލް މެރީނޯ ފޮނުވާލި ހަމަލާ އަމާޒުވީ ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާއާ ދިމާއަށެވެ. އެ ފުރުސަތުގައި ޔަމާލްގެ ބައިވެރިވުން ބޮޑެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ، ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅައިގައި ބާރެއް ނެތުމާއެކު ކޭޕް ވާޑްގެ ކީޕަރރު ޖޮޒީނިއާ ވަނީ ހޯދައިފައެވެ.
މެޗުގެ 88 ވަނަ މިނެޓުގައި ވެސް ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔަމާލް ދިން ރީތި ބޯޅަ، ޑެނީ އޮލްމޯ ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން އޮޔާޒަބާލް ފޮނުވާލި ނަމަވެސް، ކޭޕް ވާޑްގެ ޑިފެންޑަރު ރޮބާޓޯ ލޯޕޭޒް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފަހު މިނެޓުގައި ކޯނަރަކުން ކޭޕް ވާޑްއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރަކުން ޑިނޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ކީޕަރު ސިމޮންއާ ދިމާއަށެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީއެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދަންވަރު 3:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް